ތެލުގެ އަގު އިންތިހާއަށް ބޮޑުވުމުން، އެންސިސްއިން މަސްވެރިންނަށް ހިލޭ އައިސް ދޫކުރުން ހުއްޓާލައިފި

މަސް މާރުކޭޓު ސަރަހައްދުގައި ބޮޑުކަންނެލި މަސްވެރިއަކު: އެންސިސްއިން މަސްވެރިންނަށް ހިލޭ އައިސް ދޫކުރުން ހުއްޓާލައިފި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލުމުގެ ސަބަބުން، އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން މަސްވެރިންނަށް ހިލޭ އައިސް ދޫކުރުމުގެ ހިދުމަތް ހުއްޓާލައިފިއެވެ. މި މަހުގެ ކުރީކޮޅުން ފެށިގެން ތެލުގެ އަގަށް އައި ބޮޑު ބަދަލާއެކު، އައިސް އުފެއްދުމަށް ހިނގާ ޚަރަދު ބޮޑުވެ، ވިޔަފާރި ދެމެހެއްޓުމަށްޓަކައި މި ފިޔަވަޅު އެޅުން މަޖުބޫރުވި ކަމަށް އެ ކުންފުނިން ހާމަކުރެއެވެ. މިއީ މުޅި ރާއްޖޭގެ އިގުތިސާދަށް ތެލުގެ އަގު އުފުލުމުގެ ސަބަބުން ކުރިމަތިވަމުންދާ ނޭދެވޭ އަސަރުތަކުގެ އެއް މިސާލެވެ. އެންސިސްއިން ދަނީ ހާލަތު ރަނގަޅުވަމުންދާ ވަރަކަށް އަލުން ހިދުމަތް ފޯރުކޮށްދެވޭނެ ގޮތްތައް ބަލަމުންނެވެ.

  • ތެލުގެ އަގު 111 އިންސައްތަ އުފުލުމާ ގުޅިގެން އައިސް އުފެއްދުމުގެ ޚަރަދު ދެކޮޅު ނުޖެހުން
  • ކުންފުނީގެ ހިންގުން ދެމެހެއްޓުމަށްޓަކައި ހިލޭ އައިސް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލުން
  • މަސްވެރިންނަށް ދިމާވާ ދަތިތަކަށް އެންސިސްއިން މައާފަށް އެދި، ކުރިއަށް އޮތް ތަނުގައި ހައްލު ހޯދަން މަސައްކަތްކުރާނެ ކަމަށް ބުނުން
  • ތެލުގެ އަގު އުފުލުމުގެ ސަބަބުން ގައުމީ ފެންވަރުގައި ތެޔޮ ރައްކާކުރުމާއި ސަބްސިޑީ ދިނުމުގެ މުހިންމުކަން އިތުރުވުން

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އިންތިހާއަށް އުފުލުމުގެ ސަބަބުން، އައިސް އުފެއްދުމަށް ކުރަން ޖެހޭ ހޭދަ ބޮޑުވެ، އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން މަސްވެރިންނަށް ހިލޭ އައިސް ދޫކުރުން ހުއްޓާލައިފިއެވެ.

އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން މިއަދު ނެރުނު ބަޔާނުގައި ބުނީ ދުނިޔޭގެ ބާޒާރުގައާއި ރާއްޖޭގެ ތެލުގެ އަގަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ނަމަވެސް ތެލުގެ އަގު އިންތިހާއަށް ބޮޑުވަމުން ދިޔުމުގެ ސަބަބުން އައިސް އުފެއްދުމަށާއި ފޯރުކޮށްދިނުމަށް ހިނގާ ޚަރަދު މިހާރު ވަނީ ފޫނުބެއްދޭ ވަރުގެ ބޮޑު ބުރައަކަށް ވެފައި ކަމަށް އެ ކުންފުނިން ބުންޏެވެ.

އެގޮތުން މިމަހުގެ އެކަކުން މިމަހުގެ 16 ވަނަ ދުވަހާ ދެމެދު ތެލުގެ އަގު ދެ ފަހަރެއްގެ މަތިން ބޮޑުވެ، ޖުމްލަ 111 އިންސައްތައިގެ ބޮޑު އިތުރުވުމެއް އައިސްފައިވާކަން އެ ކުންފުނިން ފާހަގަކުރިއެވެ. އަދި މަސް ޕްރޮސެސްކޮށް، އެކްސްޕޯޓުކުރުމުގެ ވިޔަފާރީގައި އެންމެ ބޮޑު ޚަރަދެއް ހިނގަނީ ތެލަށް ކަމަށް ވެފައި، ތެލުގެ އަގު އެހާ ބޮޑަށް އުފުލުމުން އެ ވިޔަފާރި ކުރިއަށް ގެންދަންޖެހެނީ ބޮޑު ގެއްލުމެއްގައި ކަމަށް އެންސިސް ފިޝަރީޒްއިން ބުންޏެވެ.

އެހެންކަމުން ބޮޑުކަންނެލީގެ މަސްވެރިންނަށް އެ ކުންފުނިން ހިލޭ ފޯރުކޮށްދެމުންދިޔަ އައިސް، ދޫކުރުން ހުއްޓާލަން މަޖުބޫރުވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އެއީ އައިސް، އުފެއްދުމުގެ އޮޕަރޭޝަނަލް ޚަރަދުތައް އިންތިހާއަށް ބޮޑުވުމުގެ ސަބަބުން ކުންފުނީގެ ދެމިއޮތުމަށްޓަކައި މިވަގުތަށް އަޅަންޖެހޭ ކޮންމެހެން މުހިންމު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެންސިސްއިން ވަނީ އެ ނިންމުމުގެ ސަބަބުން މަސްވެރިންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދިފައެވެ.

އަދި ތެލުގެ އަގަށް އަންނަ ބަދަލުތަކަށް ބަލައި، ކުރިއަށް އޮތް ތަނުގައި އެ ޚިދުމަތް އަލުން ފޯރުކޮށްދެވޭނެ ގޮތްތަކެއް ހޯދުމަށް އެ ކުންފުނިން މެދުކެނޑުމެއްނެތި މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އެންސިސްއިން ވަނީ މަސްވެރިންނަށް އަރުވައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ހަނގުރާމައާ ގުޅިގެން ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)އިން ތެޔޮ ޑެލިވަރީކޮށްދޭ އަގުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މި ބަދަލުތައް ގެނެސްފައިވަނީ ތެޔޮ އުފުލައިދޭ ދުރުމިނަށް ބަލައި އެކި ސަރަހައްދުތަކަށް އެކި ރޭޓުން ނަމަވެސް، އެވްރެޖްކޮށް ހުރިހާ ސަރަހައްދަކަށް ވެސް އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

https://sun.mv/219342

އެގޮތުން ޕެޓްރޯލް އަދި ޑީސަލްގެ އަގު ވެސް ވަނީ ރެކޯޑު މިންވަރަކަށް އުފުލިފައެވެ.

ތެލުގެ އަގު ވަރަށް ބޮޑަށް އުފުލުމާ ގުޅިގެން އެކަން ހައްލުކުރުމަށް، ސަބްސިޑީގެ އިތުރަށް އެސްޓީއޯއަށް ލިބޭނެކަމަށް ލަފާކުރާ ފައިދާ ޚަރަދުކޮށްގެން ތެލުގެ އަގު ހިފަހައްޓަން ސަރުކާރުން ވަނީ ނިންމާފައެވެ.

ހަނގުރާމަ ކުރިއަށްދާނަމަ، ރާއްޖެއަށް ކުރާ އިގުތިސާދީ އަސަރު ވަރަށް ބޮޑުވާނެ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ، ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ވިދާޅުވެ، ތެޔޮ ރައްކާކުރުމުގެ ގޮތުން އެކި ގަޑީގައި ކަރަންޓު ކަނޑައި އެއްގަމު އުޅަނދު ދުއްވުން މަދުކުރުން ފަދަ ފިޔަވަޅުތައް އަޅަން ގޮވާލައްވައިފައެވެ.

ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ މާކެޓުތަކަށް ބުރޫ އަރާފައިވާ މި ދަނޑިވަޅުގައި ރާއްޖެއަށް ތެޔޮ ހޯދުމަށް އިންޑިއާގެ އެހީއަށް ސަރުކާރުން ވަނީ އެދިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު