މާލޭގެ އިއްޒުއްދީން މަގުގައި ހުރި ޕްރައިމް ގޯޑައުންގައި ރޯވެފައިވާއިރު، އެ ގުދަނާ ކައިރީގައި ހުރި އިންތިޚާބާ ގުޅޭ މަރުކަޒުގެ ތަކެތި ހުސްކުރަން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ، މ. ތޮޢިބާ މިސްކިތް ކައިރީގައި ހުރި ގުދަނެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެ ހިސާބުގައި ހުރި މީހަކު 'ސަން'އަށް މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގީ މިރޭ 21:30 އެހާކަންހާއިރެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އިންތިޚާބާ ގުޅޭ މަރުކަޒު އެ ގުދަނާ ޖެހިގެން ހުންނަ ކަމަށެވެ. ނަމަވެސް އެ ހާދިސާގައި އިންތިޚާބާ ގުޅޭ އެއްވެސް ލިޔެކިއުމަކަށް ގެއްލުމެއް ނުލިބޭ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
"އަދި މިހާރު އިންތިޚާބާބެހޭ މަރުކަޒުގައި ހުރި ތަކެތި ހުސް ކުރުމުގެ މަސައްކަތް ކުރަމުންގެންދާ ވާހަކަވެސް ދަންނަވަން." އީސީން ބުނެފައިވެއެވެ.
މީގެ އިތުރުން އީސީން ވަނީ އެ ހާދިސާއާ ގުޅިގެން، ވޯޓު ދިނުމުގެ ޙައްގު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް މެދުކަނޑާލާފައިވާ ކަމަށް ބުނެފައެވެ. އަދި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ތާރީޚެއް ފަހުން އަންގާނެ ކަމަށް ބުނެފައިވެއެވެ.
މި ހާދިސާ ހިނގައިފައިވަނީ، އަންނަ މަހުގެ ހަތަރު ވަނަ ދުވަހު މުހިންމު ދެ ވޯޓެއް ބާއްވަން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. އެއީ ކައުންސިލް އިންތިޚާބުގެ އިތުރުން، މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓެވެ.
ޕްރައިމް ގޯޑައުންގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމަށް އެމްއެންޑީއެފާއި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.