އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ހިސާބުގެ ބައެއް ގެތަކުން ކަރަންޓު ކަނޑާލައިފި

މިރޭ ހިނގި އަލިފާނުގެ ހާދިސާ: އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިން އަންނަނީ ހަރަކާތްތެރިވަމުން --- ސަން ފޮޓޯ/ އާއިޝް އަޝްރަފް

މާލޭގެ މ. ތޮއިބާ މިސްކިތް ކައިރީގައި ހުރި ގުދަނެއްގައި ރޭ ހިނގި ބޮޑު އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ބައެއް ގެތަކުން ވަގުތީ ގޮތުން ކަރަންޓު ކަނޑާލައިފިއެވެ. ގަސްކާނާއާއި ކެމިކަލް ރައްކާކުރާ ޕްރައިމް ފާޓިލައިޒާގެ މި ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން ދަނީ ހަރަކާތްތެރިވަމުންނެވެ. އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސްޓެލްކޯއިން ވަނީ އެ ސަރަހައްދުގެ ކަރަންޓު ކަނޑާލާފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަން އަދި މިހާތަނަށް ކަށަވަރުވެފައެއް ނުވެއެވެ.

  • މ. ތޮއިބާ މިސްކިތް ކައިރީގައި ހުރި ގުދަނެއްގައި ރޯވެ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
  • އަލިފާން ނިއްވުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވަމުންދެއެވެ.
  • ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދުގެ ކަރަންޓު ސްޓެލްކޯއިން ވަނީ ކަނޑާލާފައެވެ.
  • މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ.

މ. ތޮއިބާ މިސްކިތް ކައިރީގައި ހުރި ގުދަނެއްގައި ރޯވެ، މިރޭ ހިނގި ބޮޑު އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ހިސާބުގެ ބައެއް ގެތަކުން ވަގުތީ ގޮތުން ކަރަންޓު ކަނޑާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ، މ. ތޮޢިބާ މިސްކިތް ކައިރީގައި ހުރި ގުދަނެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެ ހިސާބުގައި ހުރި މީހަކު 'ސަން'އަށް މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގީ މިރޭ 21:30 އެހާކަންހާއިރެވެ.

ފުލުހުންނާއި ސިފައިން އަދިވެސް އަންނަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ.

ސްޓެލްކޯއިން މިރޭ ބުނީ، މާފަންނު ތޮއިބާ މިސްކިތް ހިމެނޭ ސަރަހައްދުގައި ހުރި ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ ސަރަހައްދުގެ ބައެއް ގެތަކުން ވަގުތީގޮތުން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލާފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ޕްރައިމް ފާޓިލައިޒާގެ ގުދަނެއްގައެވެ. އެމްއެންޑީއެފުން ބުނީ އެއީ މ. ކައިރުގޭގައި ހުންނަ ގޯޑައުންއެއް ކަމަށެވެ. އެއީ، ގަސްކާނާއާއި ކެމިކަލް ބަހައްޓާފައި ހުރި ގުދަނެކެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަން ނުވަތަ ނޫންކަން ވެސް އަދި ސާފެއް ނުވެއެވެ.

comment ކޮމެންޓް