ފިލްމު 'ދަ ވޮއިސް އޮފް ހިންދު ރަޖަބު' އިންޑިއާގައި ރިލީޒްކުރުން ސެންސަރު ބޯޑުން ހުއްޓުވައިފި

ފިލްމު "ދަ ވޮއިސް އޮފް ހިންދު ރަޖަބު"ގެ ޕޯސްޓަރެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

މި އަހަރުގެ އޮސްކާ އެވޯޑަށް ނޮމިނޭޓްވި ފިލްމު "ދަ ވޮއިސް އޮފް ހިންދު ރަޖަބު" އިންޑިއާގައި ރިލީޒްކުރުން އެ ގައުމުގެ ސެންސަރު ބޯޑުން ހުއްޓުވައިފިއެވެ.

ކައުޘަރު ބިން ހަނިއްޔާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ޣައްޒާގައި އިޒްރޭލުން ދިން ހަމަލާއެއްގައި ޝަހީދުކޮށްލި ހަ އަހަރުގެ ކުޑަކުއްޖެއް ކަމަށްވާ ހިންދު ރަޖަބުގެ ހިތްދަތި ހާދިސާގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

މި ފިލްމުގައި ހިންދްގެ އަސްލު ފޯނު ކޯލުގެ އަޑު ބޭނުންކޮށް، ފަލަސްޠީން ރެޑް ކްރެސެންޓް ސޮސައިޓީގެ ޑިސްޕެޗް ސެންޓަރުގެ ތެރޭގައި ހިނގި ކަންތައްތައް ދައްކުވައިދީފައިވެއެވެ.

ހިންދު ރޮމުން ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީގެ އެހީއަށް އެދެމުން ދިޔައިރު، އިސްރާއީލުން ހިންދުގެ ޢާއިލާ ދަތުރުކުރަމުން ދިޔަ ކާރަށް އަމާޒުކޮށް ދިން ހަމަލާގައި އެ ކާރުގައި ތިބި ހިންދުގެ ބޮޑުދައިތައާއި، ބޮޑުބޭބެއާއި ތިން ކޮއްކޮ ވަނީ ޝަހީދޮށްލާފައެވެ.

ޖަނަވަރީ 29، 2024ގައި އިސްރާއީލުން ހިންގި މި ލާއިންސާނީ ޢަމަލުގެ އަސްލު ރެކޯޑިންގްތަކުގައި، ހިންދު ރޮމުން ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީގެ އެހީތެރިކަމަށް އެދި އޭނާއަށް އެހީވުމަށް އައިސްދިނުމަށް އާދޭސް ކުރަމުންދާ އަޑު އިވެއެވެ.

ފިލްމު "ދަ ވޮއިސް އޮފް ހިންދު ރަޖަބު"ގެ ޑައިރެކްޓަރު ކައުޘަރު ބިން ހަނިއްޔާ--ފޮޓޯ/ފޭސްބުކް

މި މަހު އިންޑިއާގެ ސިނަމާތަކުގައި ދެއްކުމަށް ތާވަލުކުރި މި ފިލްމު ރިލީޒްކުރުން ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓިފިކޭޝަން (ސީބީއެފްސީ)އިން ހުއްޓުވާފައިވާއިރު، މި ނިންމުމުގެ ފަހަތުގައި އޮތީ ސިޔާސީ ސަބަބުތަކެއް ކަމަށް ފިލްމު އިންޑިއާގައި ޑިސްޓްރިބިއުޓްކުރާ ފަރާތުން ވަނީ ތުހުމަތުކޮށްފައެވެ.

މުމްބާއީގައި ހުންނަ 'ޖޭ ވީރާތުރާ އެންޓަޓެއިންމަންޓް'ގެ ވެރިޔާ މަނޯޖް ނަންދުވާ 'ވެރައިޓީ' މަޖައްލާއަށް މައުލޫމާތު ދެމުން ބުނިގޮތުގައި، އޭނާ ވަނީ ފެބުރުއަރީ މަހު ސެންސަރު ބޯޑަށް މި ފިލްމު ދެއްކުމަށްފަހު އަދި އޮސްކާ އެވޯޑްސްގެ މާކުރިން، މި މަހުގެ ހަ ވަނަ ދުވަހު ފިލްމު ރިލީޒްކުރުމަށް ރާވާފައެވެ.

ނަމަވެސް، ސެންސަރު ބޯޑުން ފިލްމު ދެއްކުމުގެ ހުއްދަ ދީފައިނުވާ ކަމަށާއި، ބޯޑުގެ މެންބަރަކާ ހަވާލާދީ ނަންދުވާ ބުނީ "މި ފިލްމު ރިލީޒްކޮށްފިނަމަ އިންޑިއާ އާއި އިސްރާއީލުގެ ގުޅުމަށް ބުރޫއަރާފާނެ" ކަމަށް އެ ބޯޑަށް ގަބޫލުކުރެވޭ ކަމަށެވެ.

އެންމެ ފިލްމެއް ދެއްކުމުގެ ހުއްދަ ދީ އޯޑިއަންސަށް ގެނެސްދިނުމުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ބަދަހި ގުޅުމެއް ކެނޑިދާނެ ކަމަށް ގަބޫލުކުރުމަކީ ވަރަށް މޮޔަ ވިސްނުމެއްގެ ގޮތުގައި ނަންދުވާ ވަނީ ސިފަކޮށްފައެވެ.

އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި އެމެރިކާ، އިނގިރޭސިވިލާތް، އިޓަލީ އަދި ފްރާންސް ފަދަ އިސްރާއީލާ ގާތް ގުޅުމެއް އޮންނަ ގައުމުތަކުގައި ވެސް މި ފިލްމު ވަނީ ދައްކާފައެވެ. ނަމަވެސް އިންޑިއާގެ ސެންސަރު ބޯޑުން ބޭނުންވަނީ ކޮންމެހެން ވެސް މި ފިލްމު ހިފަހައްޓާށެވެ. މި ތުހުމަތުތަކާ ގުޅިގެން ސީބީ.އެފްސީއިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

"ދަ ވޮއިސް އޮފް ހިންދު ރަޖަބު" އެންމެ ފުރަތަމަ ދައްކާފައި ވަނީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ވެނިސް ފިލްމު ފެސްޓިވަލްގައެވެ. އެ ފެސްޓިވަލްގައި ބެލުންތެރިންގެ ފަރާތުން 20 މިނެޓަށް ވުރެ ގިނަ އިރުވަންދެން ހުއްޓާނުލާ އަތްތިލަބަޑީގެ އިހުތިރާމް ލިބުނު މި ފިލްމަށް ވަނީ 'ސިލްވާ ލަޔަން' އެވޯޑް ވެސް ލިބިފައެވެ.

މި ފިލްމު މިހާރު ވަނީ އެމެރިކާގައި ރިލީޒްކޮށްފައެވެ. އަދި 2025 ވަނަ އަހަރު ބޭއްވި ކޮލްކަޓާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި ވެސް މި ފިލްމު ދައްކާފައިވެއެވެ.

ސިޔާސީ ގޮތުން ނާޒުކު ކަމަށް ބެލެވޭ ފިލްމުތައް އިންޑިއާގެ ސެންސަރު ބޯޑުން ހިފެހެއްޓި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރު ވެސް އޮސްކާގެ ޝޯޓްލިސްޓުގައި ހިމެނުނު ފިލްމުތައް ކަމަށްވާ "ސަންތޯޝް" އާއި، ހަނީ ތްރެހާންގެ "ޕަންޖާބު 95" ފަދަ ފިލްމުތަކަށް ވެސް ވަނީ މިފަދަ ހުރަސްތަކާ ކުރިމަތިލާން ޖެހިފައެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު