އައްޑޫގައި ފިނިކުރި ކަންނެލި ޕްރޮސެސްކޮށް އެކްސްޕޯޓްކުރާ ފެކްޓަރީއެއް އަޅަން ސޮއިކޮށްފި

މިފްކޯގެ ވަސީލަތްތައް އިތުރުކޮށް ތަރައްގީކުރުމުގެ އެމްއޯޔޫގައި ސީއެމްއީސީއާއެކު ސޮއިކުރުން -- ފޮޓޯ: މިފްކޯ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ވަސީލަތްތައް އިތުރުކޮށް ތަރައްގީކުރުމުގެ ތެރެއިން، އައްޑޫ ސިޓީގައި ފިނިކުރި ކަންނެލި ޕްރޮސެސްކޮށް އެކްސްޕޯޓްކުރުމަށް ޚާއްސަ ފެކްޓްރީއެއް އަޅަން ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާއެކު އެއްބަސްވުންތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގައި ބޭއްވި އެ ރަސްމިއްޔާތުގައި މިފްކޯއާއި ސީއެމްއީސީ އާ ދެމެދު ވަނީ ޖުމްލަ ތިން ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުންތަކުގެ މައިގަނޑު މަގްސަދަކީ މިފްކޯގެ ކޯލްޑް ސްޓޯރޭޖްގެ ޤާބިލްކަން އިތުރުކުރުމާއި، މަސް ޕްރޮސެސްކޮށް ރާއްޖޭން ބޭރަށް އެކްސްޕޯޓް ކުރުމުގެ ފުރުސަތުތައް ފުޅާކުރުމެވެ.

މި ފަހުމުނާމާތަކުގެ ދަށުން ކުރިއަށް ގެންދަން ނިންމާފައިވާ އެންމެ މުހިންމު އެއް މަސައްކަތަކީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސްގަނެ، ރައްކާކުރުމުގެ ގާބިލްކަން އިތުރުކުރުންކަމަށް މިފްކޯއިން ބުންޏެވެ. މީގެ އިތުރުން، އައްޑޫގައި ފިނިކުރި ކަންނެލި ޕްރޮސެސްކޮށް އެކްސްޕޯޓް ކުރުމަށް ބޭނުންވާ ޒަމާނީ ފެކްޓަރީއެއް ޤާއިމުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ ދަށުން އައްޑޫގެ އިތުރުން ތ. ހިރިލަންދޫގައި ކޯލްޑް ސްޓޯރޭޖަކާއި ބްލާސްޓް ފްރީޒްކުރާނެ މަރުކަޒެއް ބިނާކުރުމާއި، ގދ. ތިނަދޫގައި މިފްކޯއިން މިހާރު ފަށާފައިވާ މަސްގަނެ ފިނިކޮށް ރައްކާކުރުމުގެ މަޝްރޫޢު އިތުރަށް ފުޅާކުރުމަށް ވަނީ ނިންމާފައެވެ.

މިފްކޯއިން ހާމަކުރި ގޮތުގައި، ޗައިނާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ސީއެމްއީސީއާއެކު ފެށި އެ މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީވާނެއެވެ.

އަދި ރާއްޖޭގައި މަހުގެ އުފެއްދުންތަކަށް ވެލިއު އެޑްކޮށް އެކްސްޕޯޓް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ.

comment ކޮމެންޓް