'ކޭ3ޖީ'ގެ ސީކުއަލްއެއް ދުވަހަކުވެސް ނުހަދާނަން: ކަރަން

ފިލްމު "ކަބީ ހުޝީ ކަބީ ޢަމް"ގެ ކާސްޓުން ދައްކުވައިދޭ ޕޯސްޓަރެއް--ފޮޓޯ/ޕިންކްވިލާ

މީގެ 25 އަހަރު ކުރިން ރިލީޒްކުރި މަޝްހޫރު ފިލްމު "ކަބީ ހުޝީ ކަބީ ޢަމް" (K3G)ގެ ދެވަނަ ބައެއް އުފައްދަން އުޅޭކަމަށް ދެކެވޭ ވާހަކަތަކަށް ޑައިރެކްޓަރު ކަރަން ޖޯހަރް ރައްދުދީފިއެވެ.

ދާދިފަހުން އިންޑިއާގެ ނޫސްވެރިޔާ ސޯނަލް ކަލްރާއާ އެކު ކުރިއަށްދިޔަ އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ކަރަން ބުނީ "ކޭ3ޖީ" އުފެއްދުމުގެ ވިސްނުމެއް އޭނާގެ ނެތް ކަމަށާއި އޭގެ ސަބަބު ވެސް ކިޔައިދީފައެވެ.

ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބުނު ފިލްމު "ކޭ3ޖީ"އަކީ ތަފާތު ޖީލުތަކަކަށް ނިސްބަތްވާ ބެލުންތެރިންގެ ޖަޒުބާތުތަކާ ގުޅިފައިވާ އުފެއްދުމެއް ކަމަށާއި، އެކަމަށް ބުރޫއަރުވަން ބޭނުންނުވާ ކަމަށް ކަރަން ވަނީ ބުނެފައެވެ.

"ފިލްމު 'ކޭ3ޖީ' އަކީ ވަރަށް ގިނަ ބައެއްގެ މާޒީގެ ފޮނި ހަނދާންތަކާ ގުޅިފައިވާ ފިލްމެއް. މި ފިލްމު ބަލައިގެން ބޮޑެތިވި އެތައް ޖީލެއް އެބަތިބި. މިއަދުވެސް ދެމިއޮތް މިފަދަ ފިލްމެއް އުފެއްދުމުގެ ފުރުސަތު ލިބުނީތީ އަހަރެން ވަރަށް އުފާކުރަން،" ކަރަން ބުނެފައިވެއެވެ.

ފިލްމު "ކޭ3ޖީ"ގެ ޑައިރެކްޓަރު ކަރަން ޖޯހަރު އެ ފިލްމުގެ މުހިއްމު ރޯލެއް ކުޅުނު ޝާހްރުކް ޚާން އަދި ކާޖޮލްއާ އެކު--ފޮޓޯ/ޕިންކްވިލާ

ވޭތުވެދިޔަ މަސްތަކުގައި މީޑިއާ ރިޕޯޓްތަކުން ބުނަމުން އައިގޮތުގައި، ކަރަން އަންނަނީ ބޮޑު ބަޖެޓެއްގެ ފެމިލީ ޑްރާމާއެއް އުފައްދަން ތައްޔާރުވަމުންނެވެ. އެ ފިލްމުން ބޮލީވުޑްގެ އޭ ލިސްޓު ތަރިންގެތެރެއިން ދެ ފިރިހެން ލީޑް އެކްޓަރުންނާއި އަންހެން ތަރިން ފެންނާނެ ކަމަށް ވެސް ފިލްމީ ޚަބަރުތަކުން ވަނީ ބުނެފައެވެ.

ނަމަވެސް ކަރަން ވަނީ މި ހުރިހާ ވާހަކަތަކެއް ދޮގުކުރުމާއެކު، ގިނަ ތަރިންތަކެއް ފެނިގެންދިޔަ މި ފިލްމުގެ ދެވަނަ ބައެއް ދުވަހަކު ވެސް ނުހަދާނެކަމަށް ބުނެފައެވެ.

އާއިލީ ގުޅުންތަކުގެ މައްޗަށް ބިނާކޮށް އުފެއްދި "ކޭ3ޖީ"ގެ މައިގަނޑު ކާސްޓުންނަކީ، އަމީތާބް ބައްޗަން، ޖަޔާ ބައްޗަން، ޝާހްރުކް ޚާން، ކާޖޮލް، ރިތިކް ރޯޝަން އަދި ކަރިނާ ކަޕޫރެވެ.

ކަރަން އަމިއްލައަށް ޑައިރެކްޓްކޮށް އެންމެފަހުން ގެނެސްދިން ފިލްމަކީ 2023ގައި ރިލީޒްކުރި ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ"އެވެ.

comment ކޮމެންޓް