ކުނޫޒު ގޮއްވާލަން އުޅުނުކަމަށް ބުނާ މައްސަލަ ބާތިލުކޮށްދޭން ސުޕްރީމް ކޯޓުގައި އެދިއްޖެ

ޖުމްހޫރީ ޕާޓީގެ ކުނޫޒު ޖަގަހަ އެތެރެ --

ދިފާއީ ވަކީލުންގެ ފަރުވާ ކުޑަކަމުންނާއި އެކިގޮތްގޮތުން ޝަރިއަތް ލަސްވެފައިވާ، ޖުމްހޫރީ ޕާޓީގެ މައި ހަރުގެ، މ. ކުނޫޒުގައި ޖަލްސާއެއް ހިންގަމުން ދަނިކޮށް އެތަނުގައި އައިއީޑީއެއް ގޮއްވާލަން ރޭވި މައްސަލަ، ބާތިލުކޮށްދޭން އެދި އެ މައްސަލައިގައި ދައުވާ ލިބޭ، އެކަކު ކަމުގައިވާ އިއުތިސާމް މުހައްމަދު ސައީދުގެ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

ސުޕްރީމް ކޯޓުގައި އާދިއްތަ ދުވަހު ފަށަން ތާވަލުކޮށްފައިވާ މި މައްސަލައަކީ، ކުނޫޒު ގޮއްވާލަން އުޅުނު މައްސަލައިގައި ދައުލަތުން ދައުވާ ކުރާ، އިއުތިސާމް އަދި މުހައްމަދު ތަސްލީމުގެ ތެރެއިން އިއުތިސާމް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެވެ.

މި ކޭސްގެ އަސްލު މައްސަލަ އޮތީ އަދި ކްރިމިނަލް ކޯޓުގައެވެ.
ސުޕްރީމް ކޯޓުގައި އާދިއްތަ ދުވަހު މި މައްސަލަ ފަށަން ތާވަލުކޮށްފައިވާއިރު، ހައިކޯޓުންވެސް މި މައްސަލައިގައި ނިންމާފައިވަނީ ދައުވާ ލިބޭ އިއުތިސާމާ ދެކޮޅަށެވެ. ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ހައިކޯޓުގެ އެ ނިންމުމެވެ.

ހައިކޯޓުން އެ ނިންމުން ނިންމާފައިވަނީ މިދިޔަ ރޯދަ މަހުގެ ތެރޭގައެވެ.
މި މައްސަލާގައި ދަޢުވާލިބޭ މީހުންގެ ފަރާތުން، މައިގަނޑު ގޮތެއްގައި މަތީ މަރުހަލާއަށް ހުށަހަޅާފައިވަނީ، މި މައްސަލަ ކޯޓަށް 2017 ވަނަ ހުށަހެޅި ފަހުން، އަދި 2022 ވަނަ އަހަރު ދަޢުވާއަށް ބަދަލު ގެނެވުނު ފަހުން، މައްސަލަ ލަސްވެފައިވަނީ ދައުލަތުގެ އިޙުމާލުންކަމަށާއި، އެކަމުގެ ސަބަބުން ބައެއް ހައްގުތައް ގެއްލިފައިވާކަމަށް ބުނެ ހުށަހެޅި ހުށަހެޅުންތަކެވެ.

އެކަމަކު، ހައިކޯޓު މަރުހަލާގައި މި ހުށަހެޅުންތަކާ ގުޅިގެން ދެކެވުނު ވާހަކަތަކުން އެނގޭ ގޮތުގައި ދަށު ކޯޓު މަރުހަލާގައި އެކި ތާރީޚުތަކުގައި ބޭއްވުނު އަޑުއެހުންތަކަށް މި މައްސަލާގައި ހިމެނޭ ދިފާއީ ވަކީލުން ހާޒިރުނުވުމާއި، ދައުވާލިބޭ މީހުން ހުށަހެޅި އެހެން ބައެއް ސަބަބުތަކާހުރެ މައްސަލަ އޮތީ ލަސްވެފައެވެ.

ހައިކޯޓުގައި ދައުލަތުން މި މައްސަލައިގައި ދެއްކި ވާހަކައިގައި ފާހަގަކުރި ގޮތުގައި މި މައްސަލައިގައި ޖުމްލަ 60 އަށްވުރެ ގިނަ އަޑު އެހުން ތާވަލު ކުރިނަމަވެސް، ދައުލަތުން އެދިގެން ކެންސަލް ކުރީ އެންމެ އަޑު އެހުމެކެވެ. އެއީ ޕްރޮސިކިއުޓަރސް ކޮންފަރެންސްއާ ފުށު އަރާ ގޮތަށް ތާވަލު ކުރެވުނު އަޑު އެހުމެއް ކަމަށް ޕީޖީ އޮފީހުންވަނީ ބުނެފައެވެ. އެކަމަކު، ދައުވާ ރައްދުވާ އިއުތިސާމްގެ ފަރާތުންނާއި އޭނާގެ ވަކީލުންގެ ފަރާތުން އެކިއެކި ސަބަބުތަކާ ހުރެ ވަރަށް ގިނަ އަޑު އެހުން ކެންސަލްވެފައިވާ ކަމަށް ދައުލަތުންވަނީ ހައިކޯޓު މަރުހަލާގައި ތަފްސީލާއެކު ފާހަގަކޮށްފައެވެ.

https://sun.mv/89181

ކުނޫޒު ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލާފައި ތިބުމަށް ފަހު އަލުން ހައްޔަރު ކުރީ، މީހުންގެ ތެރެއިން އިއުތިސާމް އާއި ތަސްލީމް ވަނީ އޭރު ޝަރީއަތް ފެށުމުގެ ކުރިން ދޫކޮށްލާފައެވެ. މި ފަހުން އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެންފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. އެ މައްސަލައާ ގުޅިގެން، ދައުލަތުން އުފުލާފައިވަނީ ޓެރެރިޒަމްގެ އަމަލެއް ކުރަން އުޅުނުކަމުގެ ކުށުގެ ދައުވާއެވެ.

comment ކޮމެންޓް