ހޮރްމޫޒް ކަނޑުއޮޅީގެ އަމާންކަން ކަށަވަރުކުރަން 20 އަށްވުރެ ގިނަ ގައުމުން ބައިވެރިވާނެކަމަށް ބުނެފި

މާޗް 11، 2026: ޔޫއޭއީގެ ކަނޑުގެ ސިފައިންގެ އަސްކަރީ އުޅަނދެއް، ތެޔޮ ޓޭންކަރުތައް ކައިރި ޕެޓްރޯލްކުރަނީ --

ހޮރްމުޒް ކަނޑުއޮޅިން އަމާންކަމާއެކު ދަތުރުފަތުރު ކުރެވޭނެ މަގުފަހިކުރުމަށް ޓަކައި ކުރެވޭ 20 އަށްވުރެ ގިނަ ގައުމުން ބައިވެރިވާނެކަމަށް ބުނެފިއެވެ.

ވިއްސަށްވުރެ ގިނަ ގައުމުން ވަނީ، އިރާނުން އެ ސަރަހައްދުގެ މުހިންމު ކަނޑުގެ މަގުތައް ބަންދުކޮށްފައިވާތީ އެކަން ކުށްވެރިކޮށް، ހޮރްމުޒް ކަނޑުއޮޅިން އަމާންކަމާއެކު އުޅަނދުފަހަރަށް ދަތުރުކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް އެހީތެރިވާނެކަމަށް ބުނެފައެވެ.

ޔޫރަޕްގެ ގައުމުތަކާއި، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ބަހުރޭން ހިމެނޭހެން ޖުމްލަ 22 ގައުމަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގަލްފް ސަރަހައްދުގައި ދަތުރުކުރާ އާންމު ވިޔަފާރި އުޅަނދުފަހަރަށް އަމާޒުކޮށް އިރާނުން ދެމުންދާ ހަމަލާތަކާއި، ތެލާއި ގޭހުގެ ވަސީލަތްތައް ހިމެނޭހެން މަދަނީ އިންފްރާސްޓްރަކްޗާތަކަށް ދޭ ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އިރާނުގެ ސިފައިން ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައިވާތީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އެ ގައުމުތަކުގެ ގުޅިފައިވާ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރެވޭ އެކަށީގެންވާ ކޮންމެ މަސައްކަތެއްގައި އަމަލީގޮތުން ބައިވެރިވުމަށް ތައްޔާރަށް ތިބި ކަމަށެވެ. އަދި މިކަމަށް ޓަކައި ދުރާލާ ރޭވުންތައް ރާވަމުންދާ ގައުމުތަކުގެ ނިންމުމަށް މަރުހަބާ ކިޔާ ކަމަށް ވެސް ބުނެފައިވެއެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން އިރާނަށް ދިން ހަމަލާތަކާ ގުޅިގެން، އިރާނުން ވަނީ އޭގެ ބަދަލުހިފުމުގެ ގޮތުން ގަލްފުގެ އަވަށްޓެރި ގައުމުތަކަށާއި ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ހަމަލާތައް ދޭން ފަށާފައެވެ.

އެނަލިޓިކްސް ފާމް 'ކެޕްލާ' އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހު އެކަކުން، 19 އަށް އެ ސަރަހައްދުން ދަތުރުކޮށްފައިވަނީ މުދާ އުފުލާ އެންމެ 116 އުޅަނދެވެ. މިއީ އާންމު ހާލަތްތަކާ އަޅާބަލާއިރު 95 އިންސައްތައިގެ ދަށްވުމެކެވެ.

ދުނިޔޭގެ ބާޒާރަށް ސަޕްލައިކުރާ ތެލާއި ގޭހުގެ 20 އިންސައްތަ ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާއިރު، އިރާނުން އެ ސަރަހައްދު ބަންދުކުރުމާއި މެދުއިރުމަތީގެ ތެލާއި ގޭހުގެ ވަސީލަތްތަކަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ހަކަތައިގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ.

comment ކޮމެންޓް