ކާފު އަތޮޅުގެ ރިސޯޓެއްގެ ސްވިމިންގް ޕޫލަކަށް ވެއްޓި، ދެ އަހަރުގެ ފިރިހެން ކުއްޖަކު މަރުވެއްޖެއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މަހުގެ 20 ވަނަ ދުވަހުގެ ރޭ ދަންވަރު 12:54 އެހައިކަންހާއިރު މި ހާދިސާގެ ރިޕޯޓް ވަނީ ލިބިފައެވެ.
ޕޫލަށް ވެއްޓި ގެނބުނު ކުއްޖާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މި ހާދިސާ ހިނގި ރިސޯޓުގެ ނަން ފުލުހުން ހާމަކޮށްފައި ނުވީނަމަވެސް، އެއީ ކާފު އަތޮޅުގައި ހިންގަމުންދާ ރިސޯޓެކެވެ.
ފުލުހުން މިހާރު ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، މި މައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބަލައި ތަހުގީގު ކުރަމުންނެވެ.