ރަމަޟާން މަސް ވަކިވެ ދިއުމުން ދެރައެއްނުވޭ ހެއްޔެވެ؟

ރަމަޟާންމަސް ނިމުނަސް ﷲ އަށް އަޅުކަން ކުރުން ހުއްޓައިނުލާށެވެ! ފޮޓޯ / އައިސްޓޮކްފޮޓޯ.ކޮމް

ބަރަކާތުން ފުރިގެންވި ރަމަޟާން މަސް އަހުރެމެންނާ ވަކިވެގެން ދިޔަތާ މިއަދަށް މިއީ ތިންވަނަ ދުވަހެވެ. އެ މަހުގައި ފެނުނު ނަމާދުގެ ބޮޑު ޖަމާޢަތާއި މިސްކިތްތަކުން އިވުނު ޤުރުއާނުގެ އަޑުތަކާ ދުރުވާން ފެށުމުން، ފަޅުކަމާއި މޮޅިވެރިކަން އިހުސާސް ނުކުރެވޭހެއްޔެވެ؟ ރޯދަ ވީއްލާ ވަގުތުގެ އުފާވެރި ޢާއިލީ ވަގުތުތައް ހަނދާންވެ ހިތާހިތުން ނުރޮވޭހެއްޔެވެ؟

ހަޤީޤަތުގައި މިއަދު އެ މާތް މާހައުލާ ދުރުވުމުން އިހުސާސްކުރެވޭ ދެރަވުމަކީ، އަހުރެމެންގެ ހިތްތަކާއި ޚާލިޤުވަންތަ މާތްﷲ އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމުގެ ޢަލާމާތެކެވެ.

ރަމަޟާން މަހުގެ އެންމެ ބޮޑު ކާމިޔާބީއަކީ، އަހުރެމެންގެ ރޫޙާނީ ބަހާ ވަރުގަދަވެގެން ދިއުމެވެ. ފަރުޟު ފަސް ނަމާދުގެ އިތުރުން ސުންނަތް ނަމާދުތަކާއި ދަމުނަމާދު ކުރުމާއި، ކީރިތި ޤުރުއާން ކިޔެވުމުގައި ހޭދަކުރެވުނު ވަގުތުތަކުން ހިތަށް ލިބުނު ފިނިކަމަކީ ބަޔާންކުރަން ދަތި އިހުސާސެކެވެ.

ދުނިޔަވީ ގިނަ ކަންބޮޑުވުންތަކާއި ހާސްކަމުގެ ތެރޭގައި އުޅެމުންދިޔަ ނަފްސަށް، ރަމަޟާން މަހުން ގެނެސްދިނީ އަމާންކަމެވެ. ރޯދައަށް ހުރުމުގެ ސަބަބުން ލިބުނު ކެތްތެރިކަމާއި ޛިކުރުކުރުމުން ލިބުނު ހިތްހަމަޖެހުމުގެ ސަބަބުން، ނަފްސާނީ ގޮތުން އަހުރެމެން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

ކުދިކުދި ކަންކަމާ ކަންބޮޑުވުމުގެ ބަދަލުގައި، ކޮންމެ ކަމެއްގައިވެސް ކެތްތެރިވެ މާތްﷲ އަށް ވަކީލުކުރުމުގެ މުހިންމުކަން މި މަހުން އަހުރެމެންނަށް ދަސްކޮށްދީފިއެވެ.

ރަމަޟާން މަހަކީ އަޚްލާގީ މަދަރުސާ އެކެވެ. ދޮގުހެދުމާއި ޒުވާބުކުރުމާއި ރުޅި އިސްކުރުން ފަދަ ނުބައި އާދަތަކުން ދުރުހެލިވުމަށް ކުރި ހިތްވަރަކީ ފާހަގަކޮށްލަންޖެހޭ ކަމެކެވެ.

މީގެ އިތުރުން، ކާބޯތަކެތި އިސްރާފު ނުކުރުމާއި ވަގުތަށް އިހުތިރާމްކުރުން ފަދަ ރަނގަޅު އާދަތައް އަހުރެމެންގެ ކިބައިގައި މިވަނީ ހަރުލައިފައެވެ. މިއީ ހަމައެކަނި ތިރީސް ދުވަހުގެ ތަމްރީނެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، އަބަދުގެ އަބަދަށް އަހުރެމެންގެ އާދަޔަކަށް ހަދަންޖެހޭ މާތް ސިފަތަކެކެވެ.

ރަމަޟާން މަސް އަހުރެމެންނާ ވަކިވެގެން ދިއަޔަސް، އެ މަހުން ލިބުނު ފިލާވަޅުތަކާއި ހިދާޔަތުގެ ނޫރު އަހުރެމެންގެ ހިތްތަކުން ފިލައިގެން ގޮސްގެން ނުވާނެއެވެ. އަހުރެމެން އިސްލާހުވުމަށް ކުރި މަސައްކަތަކީ ވަގުތީ ކަމެއްނޫނެވެ. އެއީ މުޅި އުމުރަށް އަމާޒުކޮށް ފެށި ދަތުރެކެވެ.

އެހެންކަމުން، ރަމަޟާން މަހު އާދަވެގެން ކުރި ހެޔޮ ޢަމަލުތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް އަޒުމް ކަނޑައަޅަމާ ހިނގާށެވެ!

ކީރިތި ޤުރުއާން ކިޔެވުމާއި ޞަދަޤާތްކުރުމާއި ސުންނަތް ނަމާދުތަކަށް ރައްކާތެރިވުން ފަދަ ކަންކަން، ރަމަޟާން މަހުގައި ކުރި ވަރަށް ނުކުރެވުނު ކަމުގައި ވިޔަސް، މުޅިން ހުއްޓާނުލާ ކޮންމެ ދުވަހަކުވެސް ކުޑަ މިންވަރެއް ނަމަވެސް ދާއިމީކޮށް ކުރިއަށް ގެންދަން މަސައްކަތް ކުރަމާ ހިނގާށެވެ!

ގުޅޭ ޓެގު
comment ކޮމެންޓް