މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލާއި އެހެނިހެން ތަކެތީގެ އަގުތައް އުފުލެމުންދާ ދަނޑިވަޅުގައި، ތެލުގެ އަގު އިތުރަށް ބޮޑުކުރުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށާއި، ސަރުކާރު ވިޔަފާރި ކުންފުނި އެސްޓީއޯއިން އިއްޔެ ގެނައި ތެލުގެ ޝިޕްމަންޓް އޭޕްރިލް މަހުގެ މެދާ ހަމައަށް ބޭނުންކުރެވޭނެ ކަމަށް، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގައި އީރާނާއި އިސްރާއިލާއި އެމެރިކާއިން ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރަން އެކުލަވާލި ވަޒީރުންގެ ކޮމިޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ، އީރާނާ ދެކޮޅަށް އިސްރާއީލާއި އެމެރިކާއިން ފެށި ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އަސަރުކޮށްފައިވާ ކަމަށެވެ.
ޒަމީރު ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރި އަސަރުތައް ދެނެގަނެ ފިޔަވަޅުތައް އެޅުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖޭގެ ރިޒާވް އެއްވަރެއްގައި ހިފަހައްޓައި، ކޮންމެހެން ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތައް ދަތިކަމެއް ނެތި ފޯރުކޮށްދިނުމަށާއި، ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ފައިސާ ފޮނުވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް، ޒަމީރު ވިދާޅުވިއެވެ.
"އެނގިވަޑައިގަންނަވާނެ، ތެލުގެ ވިޔަފާރިއަކީ ރާއްޖޭގައި އެސްޓީއޯގެ އިތުރުން އެހެން ގިނަ ވިޔަފާރިވެރިންވެސް ކުރާ ވިޔަފާރިއެއް، އެހެންވީމާ އަޅުގަނޑުމެން އަޅާ ފިޔަވަޅެއްގެ ސަބަބުން އެ ވިޔަފާރިތަކަށްވެސް ބޮޑު ގެއްލުމެއް ވިޔަ ނުދީ މީގެން ނުކުމެވޭނެ ގޮތެއް ވޭތޯ [މަސައްކަތްކުރަނީ]،" އޭނާ ވިދާޅުވިއެވެ.
އެކަށީގެންވާ ވަރަށް ތެލުގެ ސްޓޮކް ރާއްޖޭގައި އަދިވެސް އެބަހުރި ކަމަށް ވިދާޅުވެ، އަންނަ މަހުގެ ކުރީކޮޅު ސިންގަޕޫރާއި އޮމާނުން ތެލާއި ޑީސަލް ބަރުކޮށްގެން އުޅަނދު އަންނާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.
ބޭރުގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، ރާއްޖޭގައި ވެސް ތެލުގެ އަގު އިންތިހާއަށް އުފުލިފައިވާކަން ޒަމީރު ފާހަގަކުރެއްވިއެވެ.
އެކަމަކު ކުރިއަށް ހުރި ދުވަސްތަކުގެ ތެރޭގައި ތެލުގެ އަގު އަނެއްކާވެސް އިތުރަށް ބަދަލުކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް، އަދި ހަމަ އެއާ އެއްކޮށް ބައެއް އިންޑަސްޓްރީތަކަށް ގެއްލުންވެދާނެތީވެ، އަދި އާންމުންނަށް އޭގެ އުނދަގޫ ފޯރަފާނެތީވެ ބައެއް ކަހަލަ ދިމަދިމާލުން ހުންނާނީ ތެލުގެ އަގު ބޮޑުނުކޮށް، ސަބްސިޑައިޒްކޮށްގެން މި ގެންދަނީ މަސްވެރިންނާއި އޭގެ އިތުރުން ޕެޓްރޯލް ޕަމްޕުން ގަންނަ ފަރާތްތަކަށް،ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
މި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޒަމީރު ވިދާޅުވީ، އެސްޓީއޯއިން އިއްޔެ ގެނައި ތެލުގެ ޝިޕްމަންޓް އަންނަ މަހުގެ މެދަކާ ހިސާބަށް ބޭނުންކުރެވޭނެ ކަމަށެވެ. ނަމަވެސް ގެނައީ ކިހާ އަދަދެއްގެ ތެލެއްކަން ދަންނަވަން ޒަމީރު ވަނީ ދެކޮޅު ހައްދަވައިފައެވެ.
ޒަމީރު ވިދާޅުވީ، ރާއްޖޭގައި ފިއުލް ރިޒާވެއް ގާއިމްކުރުމާ މެދު ވަޒީރުން މިއަދު މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
މިދިޔަ ފެބްރުވަރީ މަހު އީރާނާ ދެކޮޅަށް އިސްރާއީލާއި އެމެރިކާއިން ފެށި ހަނގުރާމައާ ގުޅިގެން ފާއިތުވި ދުވަސްތަކުގައި ތެލުގެ ސަޕްލައިއަށް ބުރޫއަރައި، އަގުތައް ވަނީ އުފުލިފައެވެ.
އެހެންވެ، ދުނިޔޭގެ 85އަށް ވުރެ ގިނަ ގައުމުތަކުގައި ތެލުގެ އަގު ބޮޑުވިއިރު، ތެލުގެ އަގު އެންމެ ބޮޑަށް އުފުލުނު ދިހަ ގައުމުގެ ތެރޭ ރާއްޖެ ހިމެނެއެވެ. މި ދަނޑިވަޅުގައި އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ އެފްއެސްއެމުން ވަނީ، އެ ކުންފުނިން ވިއްކާ ތެލުގެ އަގު 18 އިންސައްތަ އާއި 26 އިންސައްތައާ ދެމެދުގެ މިންވަރަކަށް ބޮޑުކޮށްފައެވެ.
އެގޮތުން ބައެއް ރަށްރަށުގައި ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ވަނީ ރެކޯޑު މިންވަރަކަށް ބޮޑުވެފައެވެ.
އެސްޓީއޯއިން އިއްޔެ ބުނީ، ރާއްޖެއަށް އެތެރެކުރާ ތެލުގެ ދަތިކަން މިވަގުތަށް ނެތް ކަމަށެވެ. ބާޒާރުގައި ތެލުގެ އަގު އުފުލުނު ކަމުގައިވިޔަސް ތެލުގެ އައު ޝިޕްމަންޓެއް ލިބިފައިވާ ކަމަށާއި، އިތުރު ޝިޕްމަންޓެއް ރާއްޖެ އައުމުގެ މަގުމަތީގައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.