﷽
ޖެހުނު ވައިރޯޅީގެ ތެތް ފިނިކަން އިހުސާސްވިއެވެ. ނިތްކުރިމަތިން ހިއްލާލާފައިވާ ދާތިކިތައް އެ ވައިރޯޅިއަށް ސަނާ ކިޔަމުން ތިރިއަށް ފައިބަން ފެށިއެވެ. ހިތުގެ ތެޅުމަށް ބަދަލެއް ނައެވެ. ހަމަހިމޭންކަމުގެ ތެރެއިން އެ ހިތް ރޯ އަޑު އަހަރެންގެ ކަންފަތަށް އިވިއިވި ހުއްޓެވެ.
ފިޔަވަޅުތަކެއްގެ އަޑު އިވުނީ، އަހަރެން އިށީނދެލައިގެން އިން ގަހުގެ ފަހަތުންނެވެ. އަހަރެންގެ މުޅި ހަށިގަނޑު ބިރުން ތުރުތުރު އަޅައިގަތެވެ. ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް ފައިބައިގަތެވެ. ހަށިގަނޑުން ވާގި ދޫވިއެވެ. ގަނެފައިވާ ބިރު، އަމިއްލަ ނަފުސަށް ބޭވަފާތެރި ވާންއުޅޭހެން ހީވިއެވެ. ވާންއުޅެނީ ކީއްކަން އަހަންނަށް އެނގެއެވެ. ދެރައީ އެ މަންޒަރު ބެލުމުގެ ކުޅަދާނަކަން އަހަރެންގެ ދެލޮލުގައި ނެތުމުންނެވެ.
ދެލޯ ހުޅުވައިލީމެވެ. ވަށައިގެން ފެންނަމުންދިޔައީ ބިޔަ ގަސްތަކެވެ. ކަނު އަނދިރީގައި އެ ގަސްތައް ހީވަނީ ކަޅު ހިޔަނިތަކެއް ހެންނެވެ. އަހަރެން އެތަނުގައި އިނީ ކީއްވެ ހެއްޔެވެ؟ މަޑުމަޑުން ތެދުވީމެވެ. ގަހުގެ ނިވަލުގައި ހުރެ، ފަހަތް ބަލައިލީމެވެ. ފަހަތުގައި ތިބި ބައެއްގެ އަތްމަތި އަވަހެވެ. އެއްބަޔަކު ބިންގަނޑު ކޮންނަނީއެވެ. އެކަކު ހުރީ ދެކޮޅަށް ހިނގަހިނގައެވެ. ދޭތެރެއަކުން އަވަސް ކުރުމަށް އިޝާރާތް ކޮށްލައެވެ. އެކަކު އަތުގައި ޓޯޗު ބައްތިއެއް އޮތެވެ. އޭނާގެ މަސައްކަތަކީ ކުރިމަތީގައި ތިބި މީހުންނަށް އަލިވާނެހެން އެ ބައްތި ހިފަހައްޓައިގެން ހުރުމެވެ.
އަހަރެންގެ ކަޅި ހުއްޓުނީ، ބިންމަތީގައި އޮތް ފޮތިގަނޑަށެވެ. އެ ފޮތިގަނޑުގެ ތެރޭގައި އޮޅާލާފައި އޮތީ ކޯއްޗެއްކަން އަހަންނަށް އެނގެއެވެ. އަވަސް އަވަހަށް އެސްފިޔަ ޖަހައިލެވުނީ އެ މަންޒަރު ބަދަލުވޭތޯ ހިތުގެ އަޑިން ދުޢާ ކުރަމުންނެވެ. ނޫނެކެވެ. މަންޒަރު ބަދަލެއް ނުވިއެވެ. ފޮތިގަނޑު ތެމެމުންދިޔަ ލެއިން، އިސާހިތަކު މުޅި ތަނުގައި ލޭގެ ކޯރެއް ހެދެން ފެށިއެވެ. ލަމުންދިޔަ ނޭވާގެ އަޑު ބޭރުވިޔަ ނުދިނުމަށް އަނގަމަތީގައި އަތް އަޅައިލެވުނެވެ.
ވަޅުގަނޑު ކޮނެ ނިމުނެވެ. ދެކޮޅަށް ހިނގަން ހުރި މީހާ ކުރިއަށް ޖެހިލިއެވެ. ފޮތިގަނޑުގެ އެއް ކޮޅުގައި ހިފައި، ދަމާފައި ވަޅުގަނޑާއި ދިމާއަށް ގެންދިޔައެވެ. ރަހުމުކުޑަ އަމަލެކެވެ. ހިތް ކުދިކުދިވިހެން ހީވިއެވެ. އަހަންނަށް ހީވީ އަހަރެންގެ ހަށިގަނޑުގެ ބައެއް އެ ފޮތިގަނޑުގެ ތެރޭގައި ވީހެންނެވެ. ވަޅުގަނޑާއި ހަމައަށް ގޮސްފައި އޭނާ ހުއްޓުނެވެ. ފޮތިގަނޑުން އަތް ދޫކޮށް، ހަށިގަނޑު ސީދާކޮށްލިއެވެ. ދެ މީހަކު ކުރިއަށް ޖެހިލިއެވެ. ފޮތިގަނޑުގެ ދެކޮޅުގައި ހިފައި، އުފުލައިލިއެވެ. އެވަގުތު ފޮތިގަނޑުގެ ތެރެއިން އެލުނީ އިންސާނެއްގެ އަތެކެވެ. ލެއިން ތަތްތެޅިފައިވާ އެ އަތުގެ އިނގިލިތަކުގެ ކޮޅުން ލޭގެ ތިކިތައް އޮހޮރެމުން ދިޔައެވެ.
އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ. ވާންއުޅެނީ އެހެންކަން އެނގެއެވެ. ސިކުނޑި ބުނެދިނެވެ. އެހެނަސް، މަންޒަރު ފެނުމުން، ސިހުނީއެވެ. ބިރުވެރިކަން ހިތަށް ވަނީއެވެ. އެ މަންޒަރު ބަލާނެ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތެވެ. އަމިއްލަ ހިތާއި ދެކޮޅަށް އަހަރެން އެތަނަށް އައީ ކީއްކުރަން ހެއްޔެވެ؟ ގަހުގައި ލެނގިލެވުނީ ކިރިޔާއެވެ. ދެފައިން ވާގި ދޫވެގެން ބިންމަތީގައި އިށީނދެވުނެވެ. ހަމަޖެހިލާނެ ވަގުތެއް ނުލިބުނެވެ. ފަހަތުން އިވުނީ ދަންނަ އަޑެކެވެ. ކުއްލިއަކަށް ފަހަތް ބަލައިލަން މަޖުބޫރު ކުރުވިއެވެ. ހައިރާންކަމުން ފުރިފައިވި އަހަރެންގެ ދެލޯ ހުއްޓުނީ، ކުރިމަތީގައި ހުރި ޒުވާނާއަށެވެ. ހިތް ބުނީ އަހަރެންގެ ހީ ދޮގަކަށްވުމަށެވެ. އެހެނަސް، ހިތް އެދޭ ކޮންމެ ކަމެއް ނުވާނެއެވެ.
ހަނދުވަރުގެ ރިހި އަލި މުޅި ތަނަށް ފެތުރެން ނެގީ މަދު ސިކުންތުކޮޅެކެވެ. ކުރިމަތީގައި ހުރި ޒުވާނާގެ މޫނު ވަކިވާވަރު ވިއެވެ. ބިރުން އުޅުނު ކަންތައް ވެ ނިމުނެވެ. ނުބަލަން އުޅުނު މަންޒަރު ފެނުނީ ހިތް އެކަމަށް ދެކޮޅު ހަދަހަދާ އޮއްވައެވެ. އާނއެކެވެ. އެއީ އޭނައެވެ. އެތަނުގައި ހުންނަން އެންމެ ބޭނުންނުވި ސޫރައެވެ. ދެލޮލުގެ ކޮއި ފަދައިން ލޯބިވާ އަހަރެންގެ ފިރިމީހާއެވެ.
އަހަރެންގެ މުޅި ހަށިގަނޑު ތުރުތުރު އަޅައިގަތެވެ. މަންޒަރު ފުސްވިއެވެ. ހިތުގައި އުފެދުނު ޝަކުވާތައް ބަންޑުންވާން ފެށީ ކަރުނައިގެ ސިފައިގައެވެ. އަހަރެންގެ ފިރިމީހާއަކީ އެފަދަ ރަހުމުކުޑަ މީހެއްކަމެއް ކުރިން އަހަންނަކަށް ނޭނގެއެވެ. ފެނުނީ ދުވަހަކުވެސް އޭނާގެ ފުށުން ފެނިދާނެކަމަށް އުއްމީދުކުރި ސިފައެއް ނޫނެވެ. އެމޫނުގައި ހަމްދަރުދީގެ އަސަރެއް ނެތެވެ.
އަހަރެން ބޭނުންވީ ހަޅޭއްލަވައިގަންނާށެވެ. އެފަދަ ރަހުމުކުޑަ އަމަލެއް ކުރީ ކީއްވެތޯ ސުވާލުކުރާށެވެ. އެކަމަކު ހިތްވަރު ނުލިބި މަންޒަރު ބަލަން އިނދެވުނީއެވެ.
ފޮތިގަނޑުގައި ހިފައިގެން ތިބި މީހުން ވަޅުގަނޑާއި ކައިރިވިއެވެ. ފުރާނަ ނެތް މަސްގަނޑު ވަޅުގަނޑުގެ ތެރެއަށް އެއްލައިލަން އުޅުނެވެ. އެވަގުތު ފޮތިގަނޑު އިރައިގެން ގޮސް، އޭގެ ތެރޭގައި އޮތް ހަށިގަނޑު ވެއްޓުނެވެ. އެއީ އަންހެނެއްގެ ހަށިގަނޑެވެ. އޭނާ ލައިގެން އޮތް ހެދުން ވަނީ ލެއިން ތަތްތެޅިފައެވެ. ކޮންމެވެސް ތަނަކުން އެ ހެދުން ފެނުނު ހަނދާނެއް ވިއެވެ. ހެދުމުން ބައެއް އޮތީ އޭނާގެ މޫނުމަތީގައެވެ. ހަށިގަނޑަށް ފަސް އެޅި، ވަޅުލެވެމުން ދިޔައެވެ. ޖެހިލި ވައިރޯޅި އާއިއެކު، އެމީހެއްގެ މޫނު ކަޝްފުވެގެން ދިޔައެވެ. އަހަރެންގެ މުޅި ގައިން ހީބިހި ނަގައިގަތެވެ. ބާރަށް ރޮއެގަނެވުނެވެ. މުޅި ތަނުގައި ހަރުލީ އަހަރެންގެ ތޫލި ހަޅޭކުގެ އަޑެވެ. އެއާއިއެކު ފުންމައިގެން ތެދުވެވުނެވެ.
މާހައުލުގައިވީ ހިމޭންކަމެވެ. ކަނު އަނދިރިކަމެވެ. އަރު ބެދުނެވެ. ކަރުތެރެ ވަނީ ހިކިފައެވެ. ކަރުނަތަކުން ދެކޯތާފަތް ތެމިފައިވިކަމުގެ އިހުސާސްވިއެވެ. އަވަސް އަވަހަށް ބޮކި ދިއްލައިލީމެވެ. އަހަރެން އިނީ އެނދުގައެވެ. އަމިއްލަ ކޮޓަރީގައެވެ. ފެނުނީ ހުވަފެނެކެވެ. އޮބި ނޯންނަ ވަރަށް ހިތް ތެޅެމުން ދިޔައެވެ. ހިތަށް ވިސްނައިދޭން އުޅުނީމެވެ. އެކަމަކު، އަހަންނަށް ކުރެވެމުންދިޔަ އިހުސާސްތަކަށް ބަދަލެއް ނައެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ހުވަފެނުގައި ފެނުނީ އަހަރެންގެ ފުރާނަ ނެތް މަސްގަނޑެވެ. އެންމެ ލޯބިވި މީހާގެ އަތުން އެ މަސްގަނޑަށް އެތައް އަނިޔާއެއް ދިން މަންޒަރެވެ. އެ ފިނި މާހައުލުގައި، ތެތް ބިންގަނޑުގެ މަތީގައި އަހަރެންގެ ހަށިގަނޑު ދަމާފައި ގެންދިޔައީ، ހަނދާނުން ފިލުވައިލެވޭވަރަށްވުރެ، ރަހުމުކުޑަކޮށެވެ. އެމަންޒަރު ހިތުން ފިލުވައިލަން ފަސޭހަވާނޭ ހެއްޔެވެ؟
އަހަންނަށް ބަލައިލެވުނީ އެނދުގެ އަނެއް ފަޅިއަށެވެ. އެހެން ދުވަސްދުވަހެކޭ އެއްގޮތަށް މިރޭވެސް އެފަޅި އޮތީ ހުސްކޮށެވެ. ގަޑިން މެންދަމުން އަލިވެ އެކެއް ޖެހީއެވެ. އަދިވެސް ފިރިމީހާ ގެއަށް ނާދެއެވެ. އަހަރެން މަޑުމަޑުން ތެދުވެ، ކުޑަދޮރުގެ ކައިރީގައި ހުއްޓިލީމެވެ. ބޭރު ބަލައިލީމެވެ. އަނދިރިކަން ފިޔަވައި އިތުރު އެއްޗެއް ނުފެނެއެވެ. ފެނުނު ހުވަފެނާއިމެދު ވިސްނައިލީމެވެ. ހުވަފެނުގައި އޭނާ ވަޅުލީ، އަހަރެންގެ މަސްގަނޑެވެ. އެހެނަސް، ހަގީގީ ދިރިއުޅުމުގައި އޭނާ ވަޅުލީ، އަހަރެންގެ ހިނިތުންވުމާއި، އުފާވެރިކަމެވެ. ދިރިއުޅުމަށް ދެކެމުން އައި ފޮނި ހުވަފެންތަކުގައި ކުލަ ނުޖެހި، ބިލާހަކަށް ވީއެވެ.
އަހަރެން ފިރިމީހާއަށް ކުރަމުން އައި އިތުބާރު ގެއްލުނުތާ ކިތަންމެ ދުވަހެކެވެ. އެކުގައި އުޅުނެއްކަމަކު، ދެމީހުންގެ ދެމެދުގައި ލެވިފައިވީ ބޯ ފާރެކެވެ. ލޯބިން އެކަކު އަނެކަކަށް އަނގައިން ބުނި ދުވަހެއް ނޭނގެއެވެ. އަހަރެމެންގެ އުފާވެރި ހަޔާތަށް އެޅުނީ، އެހެން އަންހެނެއްގެ ކަޅު ހިޔަންޏެކެވެ. އަދިވެސް ފިރިމީހާ މަސައްކަތް ކުރަމުންދަނީ އެ ހިޔަނި އަހަންނަށް ފޮރުވާށެވެ. އޮޅުވައިލާށެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެއީ ބޭވަފާތެރިއެކެވެ.
އަހަރެންގެ ކުށަކީ މުއްސަނދި އާއިލާއަކަށް ނިސްބަތްވުމެވެ. ހިތްފުރޭ ވަރަށް މުދަލާއި ފައިސާ ހުރުމެވެ. އަހަރެންދެކެ ލޯބި ނުވިޔަސް، މުއްސަނދި ދިރިއުޅުންދެކެ އޭނާ ލޯބިވެއެވެ. އަހަރެންގެ މައްސަލައަކީ އެކަން ނޭނގޭކަމަށް ހަދައިގެން ހުރުމެވެ. ފިރިމީހާ ކައިރިން ދުރުވާ ވަރަށް، އަހަރެންގެ އަތުގައި ހެކި ހުއްޓެވެ. ނުލިބުނީ އެކަމަށް ކުރިމަތިލާނެ ހިތްވަރެވެ. ލޯތްބަކީ އެހާ ބާރުގަދަ އެއްޗެއް ހެއްޔެވެ؟
އަހަންނަށް ނުވިސްނުނީއެވެ. އެގޮތުގައި ގިނަ ދުވަހު އުޅެންވެއްޖެނަމަ، ދުނިޔޭގައި ހުންނާނީ އަހަރެންގެ މަސްގަނޑު އެކަންޏެވެ. ފުރާނަ ހުއްޓަސް، ދިރުމެއް ނުވާނެކަން ކަށަވަރެވެ. މަޑުމަޑުން ފަސްލެވި، އަހަރެންގެ ހަށިގަނޑު ވަޅުލެވިގެންދާނެއެވެ. އަހަރެން ފަސްއެނބުރުނީ، ކުރިން ނުލިބުނު ހިތްވަރު ހޯދައިގެންނެވެ. ފެނުނު ހުވަފެނުން އަހަންނަށް ރަނގަޅު ފިލާވަޅެއް ލިބިއްޖެއެވެ. އުފާވެރި ދިރިއުޅުމަކަށް ވަފާތެރި ބައިވެރިއަކު މުހިއްމެވެ. ކިތަންމެ ލޯބިވިޔަސް، އޮޅުވާލުމެއްގެ ތެރޭގައި އޮންނަ ގުޅުމެއް ދެމެހެއްޓުމަކީ ވާނޭ ކަމެއް ނޫނެވެ. އެއިން ގެއްލުން ނޫން އެއްޗެއް ނުލިބޭނެއެވެ. އަހަރެންގެ ދިރިއުޅުން ސަލާމަތްކުރާކަށް އެހެން މީހަކު ނާންނާނެއެވެ. އަހަރެންގެ ދިރިއުޅުން ސަލާމަތް ކުރާނީ އަހަރެން އަމިއްލަ އަށެވެ.
-ނިމުނީ-