އެންމެ ހޫނުގަދަ ދިހަ އަހަރަކީ 2015 އިން 2025އަށް

ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިއުއެމްއޯ) ގެ އެންމެ ފަހުގެ ރިޕޯޓުން ދައްކާ ގޮތުގައި 2015 އިން 2025 އަށް ވެފައިވަނީ ދުނިޔޭގެ ތާރީޚުގައި އެންމެ ހޫނުގަދަ ދިހަ އަހަރު ކަމުގައެވެ. ސިނާއީ އިންގިލާބުގެ ކުރީގެ މިންގަނޑުތަކާ އަޅައިބަލާއިރު މޫސުމީ ބަދަލުތައް މިހާރު ވަނީ އިންތިހާއަށް ގޯސްވެފައެވެ. ޚާއްޞަކޮށް 2024 ވަނަ އަހަރަކީ ރެކޯޑު މިންވަރަކަށް ހޫނުގަދަ އަހަރެއްގެ ގޮތުގައި ފާހަގަކުރެވިފައިވާއިރު، ގަނޑުފެން ވިރުމުގެ މައްސަލަވެސް ވަނީ ބޮޑުވެފައެވެ. މި ހާލަތަކީ މޫސުމީ ގޮތުން ދުނިޔެއަށް ކުރިމަތިވެފައިވާ ކުއްލި ނުރައްކަލެއް ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް ވަނީ އިންޒާރު ދެއްވާފައެވެ.

  • 2015 އިން 2025 އަކީ ދުނިޔޭގެ ތާރީޚުގައި އެންމެ ހޫނުގަދަ ދިހަ އަހަރު ކަމަށް ޑަބްލިއުއެމްއޯ އިން ކަށަވަރުކޮށްދީފި.
  • 2024 ވަނަ އަހަރުގެ ފިނިހޫނުމިން 1.55 ޑިގްރީ ސެލްސިއަސްއަށް މައްޗަށް ގޮސްފައިވޭ.
  • ގްލޭޝިއަރުތައް ވިރުމުގެ މައްސަލަ އިންތިހާއަށް އިތުރުވެ، މޫސުމީ ނުރައްކާތައް ބޮޑުވެފައިވޭ.
  • ޕެރިސް އެއްބަސްވުމުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވޭ.

ދުނިޔޭގެ ފިނިހޫނުމިން ރެކޯޑުކުރަން ފެށިފަހުން އެންމެ ހޫނުގަދަ 10 އަހަރުގެ ގޮތުގައި 2015 އިން 2025 އަށް ވެފައިވާކަން އދ. ގެ މޫސުމާބެހޭ އިދާރާ، ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިއުއެމްއޯ) އިން މިއަދު ހާމަކޮށްފިއެވެ.

ޑަބްލިއުއެމްއޯ އިން ނެރުނު "ސްޓޭޓް އޮފް ދަ ގްލޯބަލް ކްލައިމެޓް" ރިޕޯޓުގައިވާ ގޮތުން، 1850 ވަނަ އަހަރުން ފެށިގެން ރެކޯޑުކުރަމުން އަންނަ ތާރީޚަށް ބަލާއިރު، 2025 ވަނަ އަހަރަކީ ދެވަނަ ނުވަތަ ތިންވަނައަށް އެންމެ ހޫނުގަދަ އަހަރެވެ. އެގޮތުން، ސިނާއީ އިންގިލާބުގެ ކުރީގެ މިންގަނޑަށްވުރެ 2025 ވަނަ އަހަރުގެ ފިނިހޫނުމިން ވަނީ 1.43 ޑިގްރީ ސެލްސިއަސް މައްޗަށް ގޮސްފައެވެ.

މީގެ އިތުރުން، އެންމެ ހޫނުގަދަ އަހަރުގެ ގޮތުގައި ރެކޯޑުކުރެވިފައިވަނީ 2024 ވަނަ އަހަރު ކަމަށާއި، އެ އަހަރުގެ ފިނިހޫނުމިން 1.55 ޑިގްރީ ސެލްސިއަސްއަށް އުފުލިފައިވާކަންވެސް އެ ރިޕޯޓުން ކަށަވަރުކޮށްދެއެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ގްލޭޝިއަރުތައް ނުވަތަ ގަނޑުފެން ފަރުބަދަތައް ވިރުނު މިންވަރު ވަނީ ރެކޯޑު މިންވަރަކަށް އިތުރުވެފައެވެ. ޚާއްޞަކޮށް އައިސްލޭންޑާއި އުތުރު އެމެރިކާގައި ގަނޑުފެން ވިރެމުންދާ ނިސްބަތް އިންތިހާއަށް އިތުރުވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

މިކަމާ ގުޅިގެން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވީ، ދުނިޔޭގެ މޫސުމީ ޙާލަތު އޮތީ ކުއްލި ނުރައްކަލެއްގައި ކަމަށެވެ. އަދި ދުނިޔެ އޭގެ އެންމެ ނުރައްކާތެރި ހިސާބަށް ގޮސްފައިވާ ކަމަށާއި، މޫސުމާ ގުޅޭ ކޮންމެ މުހިންމު އިންޑިކޭޓަރަކުން ފެންނަނީ ނުރައްކާތެރި ރަތް ސިގްނަލް ކަމަށް އޭނާ ވިދާޅުވިއެވެ.

ދެހާސް ފަނަރަ ވަނަ އަހަރު އެކުލަވާލި ޕެރިސް އެއްބަސްވުމުގެ ދަށުން، ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް ދިޔަނުދީ ހިފެހެއްޓުމަށް ގައުމުތަކުން ވަނީ އެއްބަސްވެފައެވެ. ނަމަވެސް، ޑަބްލިއުއެމްއޯގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަމާޒަށް ވާސިލުވުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ.

comment ކޮމެންޓް