ހެލިކޮޕްޓަރު ޚިދުމަތް ދޭން ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

ޓްރާންސްޕޯޓް މިނިސްޓަރު އަމީން -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ފެށުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން، އެ މަސައްކަތް ހަވާލުކުރާނެ ބަޔަކު ހޯދުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހުޅުވާލި ފުރުސަތު އަނެއްކާވެސް ފަސްކޮށްފިއެވެ. މިއީ މި ޚިދުމަތް ފެށުމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ދިން މުއްދަތު އިތުރުކުރި ހަތަރުވަނަ ފަހަރެވެ. މިފަހަރުގެ ފަސްކުރުމާއެކު، ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި ވަނީ އަންނަ މަހުގެ 20ވަނަ ދުވަހުގެ މެންދުރުފަހު 14:00އާ ހަމައަށް އިތުރުކޮށްފައެވެ. މި ބަދަލު ގެނައީ ބައިނަލްއަޤްވާމީ ހާލަތުތަކާއި، ޝައުގުވެރިވާ ފަރާތްތަކުގެ އެދުމުގެ މަތިންކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

  • ހެލިކޮޕްޓަރުގެ ޚިދުމަތް ފެށުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު ހަތަރުވަނަ ފަހަރަށް އިތުރުކޮށްފި
  • މުއްދަތު އިތުރުކުރީ މެދުއިރުމަތީގެ ހާލަތުގެ ސަބަބުން ލޮޖިސްޓިކް ދަތިތައް ކުރިމަތިވުމުން
  • ޕްރޮޕޯސަލްތައް ތައްޔާރުކުރުމަށް އިތުރު ވަގުތު ބޭނުންވާކަމަށް ބިޑްކުރާ ފަރާތްތަކުން އެދިފައިވުން
  • މި ޚިދުމަތް ފެށުމުގެ އެކަށީގެންވާ ތާރީޚެއް އަދިވެސް ކަނޑައެޅިފައި ނުވުން

ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ފަށާނެކަން ސަރުކާރުން އިއުލާން ކުރިތާ އަހަރެއްވާން ގާތްވެފައިވާއިރު، އެކަން ނުވެ، އެ ޚިދުމަތް ދޭނެ ބަޔަކު ހޯދަން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވައިލި މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފިއެވެ.

މީގެ ކުރިން ޓްރާންސްޕޯޓް މިނިސްޓްރީން ތިން ފަހަރު ވަނީ އެކަމަށް ޕްރޮޕޯސަލް ހުށަހަޅަން އިއުލާނުކޮށްފައެވެ. އެންމެ ފަހުން ކުރި އިއުލާނުގައިވަނީ އަންނަ ބުދަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށެވެ.

ނަމަވެސް އަނެއްކާ ވެސް އެ މުއްދަތު އަންނަ މަހުގެ 20ވަނަ ދުވަހުގެ މެންދުރުފަހު 14:00ގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މުއްދަތު އިތުރުކުރީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، ޝައުގުވެރިކަން ފާޅުކޮށްފައިވާ ގިނަ ކުންފުނިތަކަކާއި ޖަމިއްޔާތަކެއްގެ ހިންގުމަށާއި ލޮޖިސްޓިކް ކަންކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން މިނިސްޓްރީއަށް ގަބޫލުކުރެވޭތީ ކަމަށެވެ. އަދި މި ހާލަތުގެ ސަބަބުން، ކުރިން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ފުރިހަމަ ޕްރޮޕޯސަލެއް ތައްޔާރުކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ގާބިލުކަން ހޯދުމަށް އެފަރާތްތަކަށް ވަރަށް ބޮޑަށް ހުރަސް އެޅިފައިވާތީ ކަމަށެވެ.

މީގެ އިތުރުން ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ސުންގަޑި އިތުރުކޮށްދިނުމަށް އެދި ޝައުގުވެރިވާ ގިނަ ފަރާތްތަކަކުން ރަސްމީކޮށާއި، ނުރަސްމީކޮށް މިނިސްޓްރީގައި އެދިފައިވާކަމަށް ވެސް ބުންޏެވެ. އެހެންވެ އެދިފައިވަނީ މިހާރުގެ ހާލަތުގެ އިތުރުން، ޕްރޮޕޯސަލްގެ ޝަރުތުތައް ހުރިގޮތުންނާއި، ވާދަވެރި އަދި ފުރިހަމަ ހުށަހެޅުމެއް ތައްޔާރުކުރުމަށް ޓަކައި ހިންގުމުގެ ގޮތުން ކުރަންޖެހޭ ރޭވުންތައް ގިނަވުމުގެ ސަބަބުންކަމަށް މިނިސްޓްރީން ބުންޏެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކުރިން އިއުލާން ކުރި ގޮތުގައި މި މަހު ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ފަށާނެއެވެ. މީގެ ދެ އަހަރުކުރިން މި ކަން ފަށަން އިއުލާނުކޮށް އެކި ތާރީޚުތައް ދިން ނަމަވެސް އަދި އެ ކަން ފެށޭނެ ދުވަހެއް ނޭނގެއެވެ. ހަމައެގޮތަށް ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ފަށަން އެކި ތާރީޚު ދިން ނަމަވެސް އަދިވެސް ނުފެށެއެވެ.

comment ކޮމެންޓް