ނިމިދިޔަ ރޯދަ މަހު އެންމެ ޖަލްސާއެއް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެން އޮންނަ ދުވަސް އަދި މެންބަރުންނަށް އަންގާފައި ނުވާ ކަމަށް ބައެއް މެންބަރުން ވިދާޅުވެއްޖެއެވެ.
ރަމަޟާން މަސް ނިމެން އެންމެ 11 ދުވަހަށް ވެފައި އޮއްވައި، މި ރަމަޟާން މަހު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބޭއްވީ މި މަހުގެ އަށް ވަނަ ދުވަހުއެވެ. އޭގެ ފަހުން ޖަލްސާއެއް ނުބާއްވާ އުޅެނިކޮށް ފަހު ދިހަ އަކާއެކު ސަރުކާރު ބަންދުވީއެވެ.
ފަހު ދިހަ އަކާއި އީދު ތިން ދުވަހަށް ފަހު އިއްޔެ ސަރުކާރު ހުޅުވިނަމަވެސް އަދި މަޖިލީހުގެ ޖަލްސާއެއް ބާއްވަން އެޖެންޑާ ކޮށްފައެއް ނުވެއެވެ.
ވެރިކަންކުރާ ޕީއެންސީގެ ސާފު އަޣުލަބިއްޔަތު އޮންނަ 20ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެން އޮންނަ ދުވަހެއް ބެލުމަށް މެންބަރުންނަށް ގުޅާލުމުން ވިދާޅުވީ މަޖިލިސް ބާއްވާނެ ވަކި ދުވަހެއް އަންގާފައި ނުވާ ކަމަށެވެ.
"ހީވަނީ ލޯކަލް ކައުންސިލް އިންތިޚާބަށް ފަހުހެން ދެން ޖަލްސާއެއް ބާއްވާނީ," މަޖިލީހުގެ މެންބަރަކު ސަން އަށް ވިދާޅުވިއެވެ.
ރޯދަ މަހުގެ ތެރޭގައި މަޖިލީހުގެ އެންމެ ޖަލްސާއެއް ބޭއްވި ނަމަވެސް ބައެއް ކޮމެޓީތަކުގެ މަސައްކަތް ކޮށްފައިވެއެވެ.
ބޮޑު ބަންދަކަށް ފަހު މަޖިލީހުގެ ޖަލްސާއެއް އަދި ނުބާއްވާއިރު ސަރުކާރަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުންނާއި އިދިކޮޅު މެންބަރުން ވެސް އުޅުއްވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި މައި ދެ އިންތިޚާބު އެއް ކުރުމަށް ފެނޭތޯ ނުވަތަ ނޫންތޯ ބަލަން ނަގާ ވޯޓްގެ ކެމްޕެއިންގައެވެ.
ސަރުކާރުގެ މެޖޯރިޓީން ހިންގަމުން އަންނަ މަޖިލީހުގެ މެންބަރުންނަކީ ވަރަށް ބޮޑު މުސާރައެއްގެ އިތުރުން, ގިނަ އިނާޔަތްތަކެއް ދައުލަތުން ފޯރުކޮށްދޭ ބައެކެވެ. އަދި މަޖިލީހުގެ އިދާރާ ހިންގުމަށް ވެސް ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު ހޭދައެއް ކޮންމެ އަހަރަކު ކުރެއެވެ.