ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ގޯއްޗެއް ލިބިގެން ދޫކުރަންޖެހޭ ބިމެއް އޮންނަ ނަމަ، މިހާރު އެ ބިމެއް ދައުލަތަށް ނުދީ، އާއިލާ މީހަކަށް ދެވުނު ނަމަވެސް އެ ބިން ހަވާލުކުރާ މީހާގެ ނަން މަތީގައި ގޯއްޗެއް ނުވަތަ ފްލެޓެއް ރަޖިސްޓްރީކޮށްފައި އޮވެގެން ނުވާނެކަމަށް އެކަމާ ބެހޭ އުސޫލުގައި ބުނެފިއެވެ.
އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ގޯއްޗެއް ލިބިގެން، އެ މީހެއްގެ ނަމުގައި އޮންނަ 400 އަކަފޫޓަށްވުރެ ކުޑަ ބިންކޮޅު ސަރުކާރަށް ދޫކޮށްލަންޖެހޭ އުސޫލު، އާއިލާ މީހަކަށް ދެވޭގޮތަށް ބަދަލުކުރަން ނިންމަވާފައިވާކަމަށް ހާމަކުރައްވައިފިއެވެ. އަދި އެ އުސޫލު މިއަދު ގެޒެޓުކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. މިއީ ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމާއި، މި ސަރުކާރުން ހިންގާ ސްކީމްތަކާއި، ކުރިއަށް އޮތްތަނުގައި ވެސް ތަންފީޒުކުރާނެ އުސޫލެކެވެ.
ގެޒެޓުގައި މިހާރު އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން ގޯތި ލިބިގެން ބިން ދޫކޮށްލާނީ، އެ ފަރާތުގެ އުފަން ދަރިއަކަށް ނުވަތަ މަންމަ ނުވަތަ ބައްޕަ ނުވަތަ އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ އެއްބަނޑުއެއްބަފާ ނުވަތަ އެއްބަފާ ނުވަތަ އެއްބަނޑު މީހެއްގެ ތެރެއިން ފަރާތަކަށެވެ. އެއިން އެއްވެސް ފަރާތެއް ނެތް ނަމަ، އެ ބިން ދޫކޮށްލާނީ ދައުލަތަށް ނުވަތަ ސަރުކާރުން ކަނޑައަޅާ ފަރާތަކަށެވެ.
ގޯތި ލިބޭ ފަރާތުގެ ނަމުގައިވާ ބިމަކީ އެކަކަށް ވުރެ ގިނަ ބައެއްގެ ނަމުގައި
ރަޖިސްޓާކޮށްފައިވާ ބިމެއް ކަމުގައި ވެފައ،ި ގޯތި ލިބެނީ އެ ތަނުން އެކަކަށް ނުވަތަ ބައެއް މީހުންނަށް ކަމުގައިވާ ނަމަ، އެ ބިމުން ގޯތި ލިބޭ ފަރާތަށް ލިބިފައިވާ ބައި ދޫކޮށްލާނީ، އެ ފަރާތުގެ އުފަން ދަރިޔަކަށް ނުވަތަ މަންމަ ނުވަތަ ބައްޕަ ނުވަތަ އަނބިމީހާ/ ފިރިމީހާ ނުވަތަ ނުވަތަ އެއްބަނޑުއެއްބަފާ ނުވަތަ އެއްބަފާ ނުވަތަ އެއްބަނޑު މީހުންގެ ތެރެއިން ފަރާތަކަށެވެ. އެއިން އެއްވެސް ފަރާތެއް ނެތް ނަމަ، އެ ބިމެއް ދޫކޮށްލާނީ، ދައުލަތަށް ނުވަތަ ސަރުކާރުން ކަނޑައަޅާ ފަރާތަކަށެވެ.
ގޯތި ލިބޭ ފަރާތަށް އެ މީހެއްގެ މައިންބަފައިންގެ ފަރާތުންނާއި އުފަންދަރިއެއްގެ ފަރާތުންނާއި އަނބިމީހާ/ ފިރިމީހާގެ ފަރާތުން ތަރިކައިން ނުވަތަ ވަސިއްޔަތަކުން ލިބެން އޮންނަ ބިން އެ ބިމުގެ މިލްކުވެރި ފަރާތް މަރުވުމުން، މަރުވި މީހާގެ ތަރިކައިގެ މައްސަލަ ކޯޓަށް ހުށަހަޅައި އެ މައްސަލައިގެ ތެރެއިން ގޯތި ލިބުނު ފަރާތަށް ލިބެން އޮންނަ ބައި ދޫކޮށްލާނީ، އެ މީހެއްގެ އުފަން ދަރިޔަކަށް ނުވަތަ އެއްބަނޑުއެއްބަފާ ނުވަތަ އެއްބަފާ ނުވަތަ އެއްބަނޑު މީހުންގެ ތެރެއިން ފަރާތަކަށެވެ.
އުސޫލުގައިވާ ގޮތުން މާލޭގެ ހަނި ގޯޅިއެއްގައި ބިން އޮތުމުގެ
ސަބަބުންނާއ،ި ބިމުގެ ކުޑަބޮޑުމިނުގެ ސަބަބުން އެ ބިމެއްގައި އިމާރާތްކުރުމަށް ދަތިވާ ބިންތަކާއި ލާޖައްސައިގެން މުޅި ބިން ދޫކޮށްލަން އެދޭ ފަރާތްތަކަށް ގޯތި ލިބޭ ތާރީޚުން ފެށިގެން ފަސް އަހަރުދުވަހުގެ ތެރޭގައި ކުރިން ލިބިފައިވާ ބިން އެއްވެސް އަގަކާ ނުވަތަ ބަދަލަކާ ނުލައި ދައުލަތަށް ނުވަތަ ސަރުކާރުން ކަނޑައަޅާ ފަރާތަކަށް ދޫކޮށްލަންވާނެއެވެ.
ގެޒެޓުގައިވާގޮތުން ދޫކޮށްލާ ބިން ލިބޭ ފަރާތަކީ، އެ މީހެއްގެ އަމިއްލަ ނަމުގައި
400 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ސަރުކާރުގެ
ބޯހިޔާވަހިކަމުގެ ޕުރޮގުރާމެއްގެ ދަށުން ގޯއްޗެއް ނުވަތަ ފުލެޓެއް ނުވަތަ ހައުސިން ޔުނިޓެއް ނުވަތަ އެއްމެދު އިމާރާތަކުން ފުލެޓެއް ލިބިފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ.