ބޫޓާާން މެޗަށް ރާއްޖޭގެ ޓީމުން ބަދަލުތަކެއް ފެންނާނެ: އުރުބާނީ

ނޫސްވެރިންގެ ބައްދަލުވުމުގަައި ގައުމީ ކޯޗު އިސްތަވާން އުރުބާނީ-- ފޮޓޯ: ސާފް

ރާއްޖޭގައި މިހާރު ކުރިއަށްދާ 20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ސްރީލަންކާއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ކުރިއަށްއޮތް ބޫޓާން މެޗަށް ތައްޔާރުވާ ޓީމަށް ބަދަލުތަކެއް ގެންނާނެކަމަށް ގައުމީ ކޯޗު އިސްތަވާާން އުރުބާނީ ބުނެފިއެވެ.

ފުރަތަމަ މެޗުގައި ލަންކާ އަތުން 3-2 އިން ބަލިވި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބުދެމުން ކޯޗު ބުނީ ކުރިއަށްއޮތް ބޫޓާން މެޗަށް ޓީމަށް ބަދަލުތަކެއް ގެންނާނެ ކަމަށާއި އައު ކުޅުންތެރިންނަށް ފުރުސަތު ދިނުމާއި ހާލަތަށް ބަލައި، ނަތީޖާ ނެރުމަށްޓަކައި ކުޅުމުގެ ވަައްޓަފާޅި ނޫނީ ސްޓައިލަށް ބަދަލު ގެންނަން ވެސް ޖެހިދާނެ ކަމަށެވެ.

އުރުބާނީ ބުނީ ގޯހެއް ހެދުމުން އެކަން ދެނެގަންނަން ފަސޭހަވާނެ ކަމަށާއި، ނަމަވެސް އެންމެ މުހިންމު ސުވާލަކީ އެ ގޯސްތަކުން ކިހާ އަވަހަކަށް ފިލާވަޅު ލިބިގަންނާނެކަން ކަމުގައެވެ. އަދި މިއީ ކުރިއަށް އޮތް ދެ މެޗުގައި އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށް އޭނާ ފާހަގަކުރިއެވެ.

ކުރިއަށް އޮތް މެޗުތަކުގައި ޓީމުގެ ކުޅުމަށް ބަދަލުތަކެއް ގެންނާނެކަން ހާމަކުރަމުން ކޯޗު ބުނީ، އައު ކުޅުންތެރިންތަކަކަށް ފުރުސަތު ދީ ތަފާތު ގޮތަކަށް ކުޅުމަށް ރާވާފައިވާ ކަމަށެވެ.

"ދެން އޮތް މެޗަށް ފަހަތުން ކުޅޭ ކުޅުން ރަނގަޅުކުރަން އަހަރެން އިސްކަންދޭނަން، މީގެ 10 ނުވަތަ 15 އަހަރު ކުރިން އަހަރެން ރާއްޖޭގައި އަމަލުކުރި ގޮތަށް ޑިފެންޑަރުންގެ ބަދަލުގައި މިޑްފީލްޑަރުން ފަހަތަށް ލައިގެން ކުޅުމުގެ ވައްޓަފާޅިއަށް ބަދަލުކުރުމަކީ އެކަށީގެންވާ ކަމެއް" އުރުބާނީ ބުންޏެވެ.

އުންމީދަކީ ކުޅުންތެރިންނަށް މި ބަދަލުތައް އަވަހަށް ދަސްވުން ކަމުގައި އޭނާ ފާހަގަކުރިއެވެ. ޓީމަށް ބަދަލުތަކެއް ގެނައި ނަމަވެސް ފުރަތަމަ މެޗުގައި ކުޅުނު ކުޅުންތެރިން މުޅިން ބާކީ ނުކުރާނެ ކަމުގެ ޔަގީންކަން ކޯޗު ދިނެވެ.

ކޯޗު ބުނި ގޮތުގައި ހުރިހާ ކުޅުންތެރިންނަށްވެސް މެޗުގައި ކުޅުމުގެ ފުރުސަތު ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކަށީގެންވާ ވަރަށް ކުޅުމުގެ ފުރުސަތު ނުލިބޭނަމަ ބޯޅަ ހިފައިގެން ކުޅުމުގެ އިތުބާރު ކުޅުންތެރިންގެ ކިބައިގައި ނުހުންނާނެ ކަމަށް އޭނާ ބުންޏެވެ.

އުރުބާނީ ބުނީ ރާއްޖެ ދެން ކުޅެން ޖެހޭ ބޫޓާނަކީ ރީތި ފުޓުބޯޅައެއް ކުޅޭ ވަރަށް ރަނގަޅު ޓީމެއް ކަމަށެވެ. އެހެންނަމަވެސް އެ ޓީމާ ދެކޮޅަށް ރަނގަޅު ނަތީޖާއެއް ނެރެވޭނެ ފެންވަރާއި ހުނަރު ރާއްޖެ ޓީމުގައި އެބަހުރި ކަމަށް އުރުބާނީ ގަބޫލުކުރެއެވެ.

މުބާރާތުގެ ފަހު މެޗުގައި ނޭޕާލާ ދެކޮޅަށް ކުޅޭއިރު، މޮޅެއް ހޯދައިގެން މުބާރާތުގައި ކުރިއަށްދާނެ ބަޔަކު ކަނޑައެޅިގެންދާނެ ކަމަށް އޭނާ އުންމީދުކުރެއެވެ.

ރާއްޖެ އަށް ގްރޫޕް ސްޓޭޖުގައި ދެން އޮތީ ބުދަ ދުވަހުގެރޭ، ބޫޓާނާ ކުޅޭ މެޗާއި ހުުކުރު ދުވަހު ހަވީރު ނޭޕާލާ ކުޅޭ މެޗެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު