ސަރުކާރުން ދިން ތާރީޚުތަކުގައި ނުފެށި ދިގުލައިގެން ގޮސްފައިވާ ޓެކްސީ ލައިނުގެ ޚިދުމަތަށް ބޭނުންވާ ޕާޓް ޓައިމް ޑްރައިވަރުންގެ ޕޫލުގައި ދަފުތަރުވުމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން މިއަދު ހުޅުވާލައިފިއެވެ.
އެމްޓީސީސީން ބުނީ، މާލޭ ޓެކްސީ ލައިންގެ ޚިދުމަތާ ގުޅެން ބޭނުންވާ ޕާޓް ޓައިމް ޑްރައިވަރުންނަށް ޕޯޓަލް މެދުވެރިކޮށް ޑްރައިވަރުންގެ ޕޫލުގައި ދަފްތަރު ވެވޭނެ ކަމަށެވެ.
އެމްޓީސީސީން ވަނީ މިދިޔަ ނޮވެންބަރު މަހު ޓެކްސީ ލައިނަށް 407 ޑްރައިވަރުން ހޯދަން އިއުލާނުކޮށްފައެވެ. އެކަމަކު އެ އަދަދަށް ޑްރައިވަރުން ލިބިފައެއް ނުވެއެވެ.
އެއިރު އެމްޓީސީސީން ވަނީ ފުލް ޓައިމް ޑްރައިވަރުންގެ ގޮތުގައި 285 މީހުން ހޯދުމަށް އިއުލާންކޮށްފައެވެ. އެއީ، ހަފުތާއަކު ހަ ދުވަހު ދުވާލަކު އަށް ގަޑިއިރަށް މަސައްކަތް ކުރާ ގޮތަށް ކަމަށް އިއުލާނުގައިވެއެވެ.
އެ އިއުލާނުގައި ވަނީ ޑްރަައިވަރުން މަސައްކަތް ކުރާނީ އެއް އަހަރުގެ ކޮންޓްރެކްޓު އުސޫލުން ކަމަށާއި، މަސައްކަތުގެ ފެންވަރަށް ބަލައި ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރާ ގޮތަށް ކަމަށް ބުނެފައެވެ. މީގެ އިތުރުން ޕާޓް ޓައިމްކޮށް މަސައްކަތް ކުރާ 122 ޑްރައިވަރުން ހޯދަން ވެސް އެއިރު އިއުލާނުކުރިއިރު، އެ ޑްރައިވަރުން މަސައްކަތް ކުރާނީ ހަފުތާއަކު އެންމެ ގިނަވެގެން 28 ގަޑިއިރު ކަމަށް އިއުލާނުގައިވެއެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން، އެއާޕޯޓްގައި ޓެކްސީ މަޑުކުރާ ސަރަހައްދުގައި -- ފޮޓޯ/ ޓްރާންސްޕޯޓް މިނިސްޓްރީ
ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ފެށޭނެ ކަމަށް ވިދާޅުވެ ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން އެންމެ ފުރަތަމަ ދެއްވި ތާރީޚަކީ ނިމިދިޔަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ހަފުތާއެވެ. އެއަށްފަހު، މިނިސްޓަރު ވަނީ އެ އަހަރުގެ ޖޫން މަހު، ޓެކްސީ ލައިންގެ ޚިދުމަތް ފެށޭނީ އޮގަސްޓު މަހު ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް، މިނިސްޓަރު ދެއްވި ދެ މުއްދަތުގައި ވެސް ޓެކްސީ ލައިންގެ ޚިދުމަތް ފެށިފައެއް ނުވެއެވެ.
މި މަހުގެ ހަތަރެއްގައި މިނިސްޓަރު ވަނީ އިތުރު ތާރީޚެއް ދެއްވައިފައެވެ. މިގޮތުން، ފިޠުރު ޢީދުގައި ޓެކްސީ ލައިންގެ ޚިދުމަތް ފަށަން މަސައްކަތް ކުރައްވާ ކަމަށް އޭރު މިނިސްޓަރު ވިދާޅުވިއެވެ.
އެކަމަކު، ޓްރާންސްޕޯޓް މިނިސްޓްރީން 'ސަން'އަށް ބުނީ، އީދަށް ޓެކްސީ ލައިންގެ ޚިދުމަތް ނުފެށޭނެ ކަމަށެވެ. ނަމަވެސް، މި މަހު ޓެކްސީ ލައިންގެ ޚިދުމަތް ފެށޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެމްޓީސީސީން ބުނީ ސަރުކާރުން ތައާރަފްކުރާ މި ޚިދުމަތުގައި ބޭނުންކުރާނީ ތިމާވެއްޓާއި ރައްޓެހި، ސައްތައިން ސައްތަ އިލެކްޓްރިކް ވެހިކަލް ހިމެނޭ ޓެކްސީތައް ކަމަށެވެ. އެގޮތުން 24 ގަޑިއިރު ޚިދުމަތް ދޭ ގޮތަށް ތައާރަފުކުރެވޭ މި ޓެކްސީ ޚިދުމަތް ދިނުމަށް އެކަމަށް ޚާއްސަ އެޕްލިކޭޝަނެއް އޮންނާނެ ކަމަށާއި އެ އެޕް މެދުވެރިކޮށް ޓެކްސީގެ ޚިދުމަތް ހޯދާ ފަރާތުގެ ލޮކޭޝަނާއި އެންމެ ގާތުގައިވާ ޓެކްސީ އެނގޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.