ދިރިއުޅުމުގެ ބައިވެރިޔާ: ހަޔާތުގެ އެންމެ ވަރުގަދަ ތަނބު

މި ވާހަކައަކީ ދިރިއުޅުމުގައި އެންމެ އިސްކަންދޭންޖެހޭ ފަރާތްތަކާމެދު ފުންކޮށް ވިސްނާލުމަށް ބާރުއަޅާ ވާހަކައެކެވެ. ޔުނިވަރސިޓީގެ ކުލާހެއްގައި ލެކްޗަރަރ ކުރެއްވި އިމްތިހާނަކުން، އިންސާނާގެ ހަޔާތުގެ ދަތުރުގައި އެންމެ ފަހާ ޖެހެންދެން ވެސް ހުންނާނެ ބައިވެރިޔާގެ މުހިންމުކަން ސިފަކޮށްދެއެވެ. ޒިންމާތަކާއި ގުޅުންތަކުގެ ތެރޭގައި ތިމާގެ ހަޔާތުގެ ބައިވެރިޔާއަކީ އެންމެ ބޮޑު ތާއީދެއްކަން މި ވާހަކައިން ސާބިތުކޮށްދެއެވެ.

  • ދިރިއުޅުމުގައި އެންމެ މުހިންމު ފަރާތްތައް ދެނެގަތުމުގެ މުހިންމުކަން.
  • މައިންބަފައިންނާއި ދަރިންނަކީ ވަކި ދުވަސްވަރެއްގައި އެކުގައި އުޅޭ ބައެއްކަން.
  • ހަޔާތުގެ ހުރިހާ ހާލަތެއްގައި ބައިވެރިޔާގެ ދައުރު ބޮޑުކަން.
  • ކައިވެނީގެ ގުޅުން ބަދަހިކުރުމަށް ބޭނުންވާ އިޚްލާޞްތެރިކަމާއި ވަފާތެރިކަން.

އެއްދުވަހެއްގެ އިރުއޮއްސުނު ވަގުތެވެ. ޔުނިވަރސިޓީގެ ސައިކޮލޮޖީ ކުލާހަށް ލެކްޗަރަރ ވެންނެވީ ތަފާތު ރޫހެއްގައެވެ. ދަރިވަރުންނަށް ބައްލަވާލެއްވުމަށްފަހު "މިއަދު ކުޑަ އިމްތިހާނެއް ކޮށްލަން ބޭނުންވޭ" މިހެން ބުނުއްވިއެވެ. ކުލާހުގެ ހުރިހާ ދަރިވަރުން ތިބީ ވާނުވާ ނޭނގިފައެވެ.

މި އިމްތިހާނުގައި ބައިވެރިވުމަށް ވޮލަންޓިއަރަކަށް އެދުމުން، ސަމީރާ ކުރިއަށް ނިކުތެވެ.

ލެކްޗަރަރ، ސަމީރާއަށް އެންގެވީ އޭނާގެ ހަޔާތުގައި އެންމެ މުހިންމު 30 މީހެއްގެ ނަން ބޯޑުގައި ލިޔުމަށެވެ. ސަމީރާ އޭނާގެ އާއިލާގެ މީހުންނާއި، ގާތް ތިމާގެ މީހުންނާއި، ރަހުމަތްތެރިންނާއި، އޮފީސް ކުދިން އަދި އަވަށްޓެރިންގެ ނަންތައް ވެސް ލިޔުނެވެ.

ދެން ފެށުނީ އިމްތިހާނުގެ އުނދަގޫ މަރުހަލާއެވެ.

އިޚްތިޔާރުތަކުގެ ކުރިމަތީގައި މަޖުބޫރުވުން

ފުރަތަމަ މަރުހަލާގައި ލެކްޗަރަރ އެންގެވީ މީގެ ތެރެއިން އެންމެ މުހިންމު ނޫން 3 ނަމެއް ބޯޑުން ފޮހެލުމަށެވެ. ސަމީރާ އޭނާގެ އޮފީސް ކުދިންގެ ނަންތައް ފޮހެލިއެވެ.

ދެވަނަ މަރުހަލާގައި އިތުރު 5 ނަމެއް ފޮހެލުމަށް އެންގެވުމުން، އަވަށްޓެރިންގެ ނަންތައް ފޮހެލިއެވެ.
މިގޮތަށް ފޮހެމުން ގޮސް، ބޯޑުގައި ބާކީ އޮތީ އެންމެ ހަތަރު ނަމެކެވެ. އެއީ އޭނާގެ މަންމަ، ބައްޕަ، ފިރިމީހާ އަދި ސަމީރާގެ ހަމައެކަނި ހުރި ފިރިހެން ދަރިފުޅުގެ ނަމެވެ.

މުޅި ކުލާސް ހިމޭންވިއެވެ. މިއީ މިހާރު ހަމައެކަނި އިމްތިހާނެއް ނޫންކަން އެންމެންނަށްވެސް އިހުސާސް ކުރެވުނެވެ.

ލެކްޗަރަރ ދެން ސަމީރާއަށް އެންގެވީ އެ ތިން ނަމުގެ ތެރެއިން ދެ ނަމެއް ފޮހެލުމަށެވެ. ވަރަށް ނުފޮހޭން ހުރެފައި، ސަމީރާ އޭނާގެ މައިންބަފައިންގެ ނަން ފޮހެލިއެވެ. ކުލާސްރޫމް ތެރޭގައި އޮތީ ހަމަހިމޭންކަމެކެވެ.
އެންމެ ފަހުން ލެކްޗަރަރ އެދިލެއްވީ، އަދި އިތުރު އެއް ނަން ފޮހެލުމަށެވެ. ސަމީރާގެ އަތް ތުރުތުރު އަޅަން ފެށިއެވެ. ލޮލުން ކަރުނަ ހިލިހުރި ހާލުގައި، އޭނާގެ ދަރިފުޅުގެ ނަން ފޮހެލިއެވެ. އަދި ކަރުނަ ނުހިފެހެއްޓިގެން ގޮސް ގޮނޑީގައި އިށީނެވެ.

ކީއްވެ ފިރިމީހާ؟

ކުޑަވަގުތުކޮޅަކަށްފަހު ލެކްޗަރަރ ސުވާލުކުރެއްވިއެވެ. "ކީއްވެ ފިރިމީހާގެ ނަން ނުފޮހެން އިޚްތިޔާރުކުރީ؟ މައިންބަފައިންނަކީ ސަމީރާ ބަލައި ބޮޑުކުރި މީހުން، ދަރިފުޅަކީ ސަމީރާ ބަނޑުއަޅައި ވިހޭ ދަރިއެއް. ހުރި ހަމައެކަނި ދަރިފުޅު. ފިރިއެއް ލިބިދާނެ. ބޭނުންނަމަ އެހެން މީހަކާވެސް އިނދެވިދާނެ ނޫންތަ؟"

ސަމީރާ މަޑުމައިތިރިކަމާއެކު ޖަވާބު ދިނެވެ.

"ކޮންމެވެސް ދުވަހަކުން އަޅުގަނޑުގެ މައިންބަފައިން އަޅުގަނޑު ދޫކޮށް މިދުނިޔެއާ ވަކިވާނެ. އަޅުގަނޑުގެ ދަރިފުޅު ފުރާވަރަށް އަރައި ބޮޑުވުމުން، ކިޔަވަން ނުވަތަ ވަޒީފާއަށް ނުވަތަ އަމިއްލަ ދިރިއުޅުމެއް ބިނާކުރަން އަޅުގަނޑު ދޫކޮށްފައި ދާނެ. އެކަމަކު އަޅުގަނޑުގެ މުޅި ހަޔާތުގައި، ހުރިހާ ވަގުތެއްގައި އަޅުގަނޑާއެކު ހުންނާނެ ހަމައެކަނި މީހަކީ އަޅުގަނޑުގެ ފިރިމީހާކަން އަޅުގަނޑަށް ޔަޤީންކުރެވޭ."

ކުލާހުގެ ހުރިހާ ދަރިވަރުން ކޮޅަށް ތެދުވެ ސަމީރާއަށް އަތްތިލަބަޑީގެ ތަރުޙީބެއް ދިނެވެ. އެއީ ދިރިއުޅުމުގެ ހަގީގަތަކަށް ވީތީއެވެ.

އިބުރަތް

ކައިވެނީގެ ގުޅުމަކީ އެންމެ މަތިވެރި އެއް ގުޅުމެވެ. އެންމެ ވަރުގަދަ އެންމެ މުގައްދަސް ގުޅުމެވެ. ޢާއިލާ ބިނާކުރުމާއި ދަރިފަސްކޮޅު އިތުރުވުމުގެ އަސާސެވެ. މައިންބަފައިންނާއި ދަރީންނަށް އިހުތިރާމާއި ލޯބި ދޭންޖެހޭ ފަދައިން، ތިމާގެ ހަޔާތުގެ ބައިވެރިޔާއަށް ދޭންޖެހޭ ގަދަރާއި އަހަންމިއްޔަތު މަތިވެރިކުރަން ޖެހެއެވެ. އިޚްލާސްތެރިކަމާއެކުއެވެ. ދިރިއުޅުމުގެ ގަދަފަދަ ކޮޅިގަނޑުތަކުގައި ތިބާއާއެކު ސާބިތުވެ ހުންނާނެ އެންމެ ފަހު މީހަކީ އެއީކަމުގައި ޤަބޫލުކޮށްގެންނެވެ.

އިޚްލާޞްތެރިކަމަކީ ކައިވެނީގެ ބިންގަލެވެ

ކައިވެނީގެ ގުޅުން ބަދަހިކޮށް ހަރުދަނާކުރުމުގެ އެންމެ ބޮޑު ސިއްރަކީ ދެމަފިރިންގެ މެދުގައި އޮންނަ އިޚްލާޞްތެރިކަމާއި އިތުބާރެވެ. ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި އެކަކު އަނެކަކަށް ހިމާޔަތްދީ، ހިތުގެ އެންމެ ފުންމިނުން އެކަކު އަނެކަކަށް ވަފާތެރިވުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މިއީ ހަމައެކަނި އެކުގައި އުޅުމެއް ނޫނެވެ. މިއީ އެކަކު އަނެކަކުގެ އުނިސިފަތަކާއެކު ބަލައިގަނެ، ދިިރިއުޅުމުގެ ކޮންމެ މަރުހަލާއެއްގައިވެސް "އަތުގައި ހިފައިގެން" ކުރިއަށް ދިއުމެވެ. އިޚްލާޞްތެރިކަމާއެކު ބިނާކުރެވޭ ގުޅުމަކީ ކުރިމަތިވާ އެއްވެސް ތޫފާނަކަށް ގުޑުވައިނުލެވޭނެ ފަދަ ވަރުގަދަ ގުޅުމެކެވެ. އެހެންކަމުން، ތިބާގެ ބައިވެރިޔާއަށް ދޭ އެންމެ އަގުބޮޑު ހަދިޔާއަކީ ތިބާގެ އިޚްލާޞްތެރިކަން ކަމުގައި ހަދާށެވެ.

comment ކޮމެންޓް