ތުއްތު ކުދިން ފޮސްޓާކުރުމުން، އޭޕްރިލް މަހުން ފެށިގެން ޚާއްސަ ޗުއްޓީއެއް ދެނީ

ޖެންޑާ މިނިސްޓަރު އައިޝަތު ޝިހާމް: އޭޕްރިލް މަހުން ފެށިގެން ތުއްތު ކުދިން ފޮސްޓާކުރުމުން ހާއްސަ ޗުއްޓީއެއް ދެނީ--- ފޮޓޯ ރައީސް އޮފީސް

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ތުއްތު ކުދިން އާއިލާތަކާ ހަވާލުކުރުމުގެ މަރުހަލާ ފަސޭހަކުރުމުގެ ގޮތުން، ފޮސްޓާ ކުރާ ފަރާތްތަކަށް ޚާއްސަ ޗުއްޓީއެއް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ. މި ނިންމުމަކީ ފޮސްޓާ ކުރާ ކުދިންނާއި ބަލަދުވެރިންނާ ދެމެދު ގުޅުން ބަދަހިކުރުމަށާއި، ކުދިންނަށް ބޭނުންވާ އަޅާލުން ދިނުމަށް ވަގުތު ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ހާމަކުރެއްވި ގޮތުގައި، މިއީ ސިވިލް ސާވިސްގެ ތެރެއިން ލިބޭ މެޓާނިޓީ އަދި ޕެޓާނިޓީ ލީވްއާ އެއްގޮތްކޮށް ހަމަޖައްސާފައިވާ އިންތިޒާމެކެވެ. މި ޗުއްޓީގެ ސަބަބުން ކުދިން ބަލަހައްޓާ ފަރާތްތަކަށް ލިބޭ ލުއިތަކުގެ ސަބަބުން ކުދިން އާއިލާތަކަށް އެޑެޕްޓްވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

  • އަންނަ އޭޕްރީލް މަހުން ފެށިގެން ފޮސްޓާ ކުރާ ފަރާތްތަކަށް ޚާއްސަ ޗުއްޓީއެއް ލިބޭނެ
  • މިއީ ސިވިލް ސާވިސްގެ މެޓާނިޓީ އަދި ޕެޓާނިޓީ ލީވްއާ އެއްގޮތަށް ހަމަޖެއްސި އިންތިޒާމެއް
  • މި ބަދަލުގެ ސަބަބުން ފޮސްޓާ ކުރާ ކުދިންނާއި ބަލަދުވެރިންނާ ދެމެދު ގުޅުން ބަދަހިކުރަން ފަސޭހަވާނެ
  • ދައުލަތުގެ ބެލުމުގެ ދަށުގައި މިވަގުތު 152 ކުދިން އެބަތިބި

އަންނަ އޭޕްރިލް މަހުން ފެށިގެން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ތުއްތު ކުދިން ފޯސްޓާކުރުމުން ވިހެއުމުން ލިބޭފަދަ ޚާއްސަ ޗުއްޓީއެއް ލިބޭނެ ކަމަށް ޖެންޑާ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ފޮސްޓާ ކުރުމަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން، ވަގުތީ ނުވަތަ ދާއިމީ ގޮތެއްގައި އާއިލާއަކުން ނަގައި، އެ ކުދިން ބަލައި ބޮޑުކުރުމެވެ. މިއީ އެހެން މައިންބަފައިންނަށް އުފަންވި ނަމަވެސް، ކޮންމެވެސް ސަބަބަކާ ހުރެ އާއިލާގެ އަޅާލުން ނުލިބިވާ ކުދިންނަށް އާއިލީ މާހައުލެއް ހޯދައި ދިނުމަށް ގާއިމުކޮށްފައިވާ ނިޒާމެކެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދީން އާއިލާތަކާ ހަވާލުކުރުމުގެ މަރުހަލާ ކުރިން އޮތް ގޮތުން ދިގުލައިގެންދާތީ، އެކަމަށް ޝައުގުވެރިވާ އާއިލާތަކުން އުނދަގޫތަކާ ކުރިމަތިލާކަން ފާހަގަކޮށްފައެވެ.

މިނިސްޓަރު ވިދާޅުވީ، ގިނަ ފަހަރަށް ތުއްތު ކުދީން ފޮސްޓާކޮށް އެ ކުދީންނާ ހަވާލުވަނީ ހޮސްޕިޓަލުގެ ތެރެއިން ކަމަށެވެ. މަސް ދުވަހު ކުއްޖާ ހޮސްޕިޓަލުގައި އޮންނައިރު، ވަޒީފާއަށް ދަމުން ހޮސްޕިޓަލުގައި އުޅެންޖެހޭއިރު، އެކަމުގެ ޝަކުވާ އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް ވިހެއުމުގެ ތެރެއިން ސިވިލް ސާވިސްގެ ތެރެއިންވެސް އެބަ ލިބޭ މެޓާނެޓީ ލީވްއަކާ ޕެޓާނެޓީ ލީވްއަކާ. އެ މަޝްވަރާތަކަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން، ސިވިލް ސާވިސްގައި އެ މަޝްވަރާ ކުރެވިގެން މި އޭޕްރިލް މަހު ފޮސްޓާކުރާ ފަރާތްތަކަށް ވެސް ޚާއްސަ ޗުއްޓީއެއް، ޚާއްސަ ލީވްއެއް މިހާރު ހަމަޖެހިފަ އޮތީ. ޖެންޑާ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް

މިނިސްޓަރު ވިދާޅުވީ، ފޮސްޓާކުރުމުން ލިބޭ ޗުއްޓީގެ ސަބަބުން ކުދީންނާއި، ކުދީންނާ ހަވާލުވާ މީހުންނަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ. ހޮސްޕިޓަލުގެ ތެރެއިން ނޫނަސް ކުއްޖަކާ ހަވާލުވުމަށްފަހު އެ ކުއްޖަކާއާ ގުޅުންތަކެއް އުފެއްދުމަށް ވަގުތުތަކެއް ބޭނުންވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ފެމިލީ މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ އަދަދު 152އަށް އަރައެވެ. އެ މިނިސްޓްރީން ވަނީ، މިދިޔަ މަހުގެ ތެރޭގައި ދެ ކުއްޖަކު ފޮސްޓާކޮށްފައިވާކަން ފާހަގަކޮށްފައެވެ.

ދައުލަތުގެ ދަށުގައި ތިބޭ ކުދިން ފޮސްޓާ ކުރުމަށް ދެ ގޮތެއް އޮވެއެވެ. އެއީ ވަގުތީ ގޮތުން ފޮސްޓާ ކުރުމާއި ދާއިމީ ފޮސްޓަރިންއެވެ. ވަގުތީ ގޮތުން ފޮސްޓާ ކުރުމަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ވަގުތީ ގޮތުން ބަލަހައްޓާނެ ފަރާތަކާ ހަވާލުކުރުމެވެ. މިގޮތަށް ހަވާލުކުރެވޭ އެންމެ ކުރު މުއްދަތަކީ ދެ އަހަރުކަމަށް މިނިސްޓްރީގެ ގަވާއިދުގައި ކަނޑައަޅާފައިވެއެވެ.

comment ކޮމެންޓް