ސަރުކާރުން ހިންގާ މަޝްރޫއުތައް އިތުރުކޮށް، މޫސުމަށް, އިންތިޚާބަކަށް ނުބަލައި ދިވެހީންނަށް ވަޒީފާ ދޭންވީ ކަމަށާއި، މިހާރުވެސް ސަރުކާރުން ވަޒީފާ ދޭލެއް މަދު ކަމަށް، ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބްދުالله ޖާބިރު މިރޭ ވިދާޅުވެއްޖެއެވެ.
'އެސްއެސްޓީވީ'ގެ "ބާރު ހަތަރެއް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ފަޅެއް އޮތިއްޔާ އެ ފަޅެއް ހިއްކާ މަތިންވެސް ވަޒީފާދީ، ސަރުކާރުގެ މަޝްރޫއުތައް އިތުރުކޮށް، ދިވެހީންނަށް ގިނައިން މަސައްކަތަށް ނެރެން ޖެހޭ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ސަރުކާރުން ހަމަ ހުރިހާ އެންމެންނަށްވެސް ވަޒީފާ ދެއްވަންވީ، އިންތިޚާބެއް، ވާރޭވެހޭ ދުވަހެއް، އަވިއަރާ ދުވަހެއް ބަލާކަށް ނުޖެހޭނެ، ދިވެހި ރައްޔިތުންނަށް ވަޒީފާ ދޭންވީ،" ޖާބިރު ވިދާޅުވިއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާތައް ދޭން ފެށި ފަހުން ގޭންގު މާރާމާރީއާއި ކުށްތައްވެސް މަދުވެއްޖެ ކަމަށް ޖާބިރު ވިދާޅުވިއެވެ.
ނަމަވެސް، ޖާބިރު ވިދާޅުވީ، ކުރާނެ ކަމެއް ނެތިފައި ތިބޭ ގޮތަށް ނަމެއްގައި ކުރީ ސަރުކާރުތަކުން އެތައް ބަޔަކަށް ވަޒީފާ ދީފައި ހުރި ކަމަށާއި، އެއީ އޭނާ ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށެވެ.
ގިނަ ދިވެހީންނަށް ވަޒީފާދީ، ހުރިހާ ކަމެއްގައި ދިވެހީން ޝާމިލްކުރަންޖެހޭ ކަމަށް ޖާބިރު ގަބޫލުކުރައްވައެވެ. އޭނާ ވިދާޅުވިގޮތުގައި ދިވެހި ގައުމަށް ފައިދާވާނީ އޭރުންނެވެ.
ޖާބިރު މިފަދައިން ވިދާޅުވިއިރު، ފާހަގަކުރެވޭ ގޮތުގައި، ބޮޑު އިންތިޚާބެއް ބޯމަތިވެފައި އޮއްވައި، ކޮރަޕްޝަންގެ ތުހުމަތުކުރެވޭ ސަރުކާރުގެ މަގުހަދާ ކުންފުނި އާރުޑީސީން ކުންފުނީގެ މަޝްރޫއުތަކަށް ބޭނުންވާކަމަށް ބުނެ، ގިނަ އަދަދެއްގެ މުވައްޒަފުން ހޯދުމަށް މި މަހުގެ 14ވަނަ ދުވަހު ވަނީ އިއުލާނުކޮށްފައެވެ.
އެ ކުންފުނިން ރާއްޖޭގެ ހަ ރަށެއްގެ ސައިޓުތަކަށް ބޭނުންވާ 150 ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ.
އާރުޑީސީން ވަކިވަކިން ކޮށްފައިވާ އިޢުލާންތަކަށް ބަލާއިރު، އެންމެ ގިނަ މުވައްޒަފުން ބޭނުންވަނީ އުލިގަމާއި ރަސްދުއަށެވެ. އެއިން ކޮންމެ ރަށަކަށް 50 މުވައްޒަފުން ހޯދުމަށް ވަނީ އިޢުލާންކޮށްފައެވެ. މީގެ އިތުރުން ކާށިދޫއަށް 24 މުވައްޒަފުން، މަޑިފުށިން 13 މުވައްޒަފުން، އަދި ނައިފަރުން 12 މުވައްޒަފުން ހޯދުމަށް ވަނީ ހަމަޖެހިފައެވެ. ހިންނަވަރުން ހުޅުވާލާފައިވަނީ އެއް ފުރުސަތަށެވެ.
އިންތިޚާބުތަކާ ދިމާކޮށް ސަރުކާރު ހިއްސާ އޮންނަ ބޮޑެތި ކުންފުނިތަކުން ވަޒީފާތައް "ބެހުން" ވެފައިވަނީ ސަރުކާރުތަކުން ވަރަށް އާންމުކޮށް ކުރާ ކަމަކަށެވެ. ކޮރަޕްޝަނަށް މަގުފަހިވާހެން ސަރުކާރުގެ މިފަދަ ވަސީލަތްތައް ބޭނުންކުރާކަމަށް މީގެ ކުރިން އާންމުކޮށްފައިވާ މިނިވަން މުއައްސަސާތަކުގެ ރިޕޯޓުތަކުން ވެސް ހާމަވެއެވެ.
މިގޮތަށް ވަޒީފާ ދިނުން އެންމެ އާންމު ކުންފުނިތަކުގެ ތެރޭ ގެއްލުމުގައި ހިންގާ ފެނަކައާއި، ހިންގުން ދަށްވަމުން އަންނަ އެންމެ ބޮޑު އެއް ކުންފުނި އެމްއޭސީއެލް، ސްޓެލްކޯ، އަދި އާރުޑީސީ ފަދަ ކުދިކުދި ކުންފުނިތައް ވެސް ހިމެނެއެވެ.