އިހުމާލުން ކުއްޖަކު މަރުވިކަމަށް ބުނާ މައްސަލަ އެޗްއާރްސީއެމުން ވެސް ބަލަން ފަށައިފި

އެޗްއާރްސީއެމްގެ ރައީސް ރަމީލާއާއި އިތުރު މެންބަރުން -- ފޮޓޯ: އެޗްއާރްސީއެމް/އެކްސް

މި މައްސަލައަކީ މ.ޗީޒް އިބްރާހިމް އަޛާން ސުހައިލް ނަމަކަށް ކިޔާ ކުއްޖަކަށް ބޭނުންވާ މެޑިކަލް ސާމާނު، އެކަށީގެންވާ ވަގުތުގައި ނުލިބުމުގެ ސަބަބުން، އެ ކުއްޖާގެ ފުރާނައަށް ނުރައްކާވެ، އެންމެ ފަހުން ނިޔާވި ކަމަށް ބުނެ ފެންމަތިވެފައިވާ ހިތާމަވެރި މައްސަލައެކެވެ. މިއީ ދައުލަތުގެ ޒިންމާދާރުކަން ކުޑަވުމުގެ ސަބަބުން ހިނގި ކަމެއް ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ކަމެކެވެ. ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން މި މައްސަލަ ބަލަން ފަށާފައިވަނީ ކުއްޖާގެ މަންމަ ސޯޝަލް މީޑިއާގައި ހާމަކުރި ހިތާމަވެރި ވާހަކައާ ގުޅިގެންނެވެ. މި މައްސަލައިގައި ދައުލަތުގެ އިދާރާތަކުން އަމަލުކޮށްފައިވާ ގޮތް ވަރަށް ގާތުން ބަލައި، ޒިންމާދާރު ފަރާތްތައް ޖަވާބުދާރީކުރުވުމަށް ކޮމިޝަނުން ވަނީ މަސައްކަތް ފަށާފައެވެ.

  • ކުއްޖާގެ މަރުގެ މައްސަލައިގެ ހަގީގަތް ހޯދުމަށް އެޗްއާރްސީއެމުން ތަހުގީގެއް ފަށާފައިވޭ.
  • ކުއްޖާގެ މަންމަ ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން ދައުލަތުގެ އިދާރާތަކުގެ އިހުމާލު އޮތްތޯ ކޮމިޝަނުން ބަލަމުންދޭ.
  • ރައްޔިތުންގެ މަޖިލީހަށް މި މައްސަލައިގެ މައުލޫމާތު ހިއްސާކުރާނެ ކަމަށް ކޮމިޝަނުން ބުނޭ.
  • ހެލްތު މިނިސްޓްރީން ވެސް މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަން ވަނީ ހާމަކޮށްފައި.

ދައުލަތުގެ އިދާރާތަކުގެ އިހުމާލުން ކުޑަކުއްޖަކު މަރުވިކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެންމަތިވި މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ތަހުގީގުކުރަން ފަށައިފިއެވެ.

މި މައްސަލައަކީ މ.ޗީޒް އިބްރާހިމް އަޛާން ސުހައިލް ނަމަކަށް ކިޔާ ކުއްޖަކު ކެއިންބުއިމަށް ބޭނުންވާ ފީޑިންގ ޓިއުބެއް، ބޭނުންވި މުއްދަތަށް ނުލިބި ލަސްވި މައްސަލައެކެވެ. އެޗްއާރްސީއެމުން ނެރުނު ބަޔާނެއްގައި ބުނީ، އެ ކުއްޖާގެ މަންމަ އާމިނަތު ޔަޝްފާ 16 މާރިޗް 2026 ގައި މީސްމީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެން އެކަން ކޮމިޝަނުގެ ސަމާލުކަމަށް އައުމާއެކު، 17 މާރިޗު 2026 ގައި އެ ކޮމިޝަނުން އިސްނަގައިގެން ތަހުގީގެއް ފަށާފައިވާނެ ކަމަށެވެ.

މި ތަހުގީގުގައި މައިގަނޑު ގޮތެއްގައި ބަލަމުންދަނީ ދިވެހި ރައްޔިތަކަށް ދައުލަތުގެ އެހީތެރިކަން ބޭނުންވާ ނިޒާމުގެ ތެރެއިން ލަސްވުމެއްނެތި އެހީތެރިކަން ލިބޭނޭގޮތް ގާއިމްވެފައި އޮތްތޯއެވެ. އަދި ގާނޫނުއަސާސީގެ 21 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ދިރިހުރުމުގެ ހައްގާއި، 23 ވަނަ މާއްދާގެ (ނ) އިން ކަށަވަރުކޮށްދޭ ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތްތައް ލިބުމުގެ ހައްގުގެ އިތުރުން، 35 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ކުޑަކުދިންނާއި ހާއްސައެހީއަށް ބޭނުންވާ މީހުންނަށް ލިބޭ ހާއްސަ ރައްކާތެރިކަމުގެ ހައްގު ދައުލަތުން ކަށަވަރުކޮށްދީފައިވޭތޯ އެ ކޮމިޝަނުން ބަލާނެއެވެ.

މީގެ އިތުރުން، ރައްޔިތަކު އެހީތެރިކަމަކަށް އެދޭ ހިނދު، އެކަމެއްގެ މުއާލާތް ކެނޑުމުގެ ކުރިން (ވަގުތު ފާއިތުވުމުގެ ކުރިން) އެކަމެއް ހައްލުކުރެވޭނެ އިޖުރާއަތެއް ދައުލަތުގެ ފަރާތުން ގާއިމްކޮށްފައި އޮތްތޯ ވެސް މި ތަހުގީގުގެ ތެރެއިން ބަލާނެ ކަމަށް އެޗްއާރްސީއެމުން ބުނެއެވެ.

މި މައްސަލަ ފުރަތަމަ ފެންމަތިވީ ސޯޝަލް މީޑިއާ އެކްޓިވިސްޓް މިދުއަމް ސައުދު "އެކްސް" ގައި ކުރި ޕޯސްޓުތަކަކާ ގުޅިގެންނެވެ. މިދުއަމް ހާމަކުރި ގޮތުގައި، ކުއްޖާއަށް ކާންދިނުމަށް ބޭނުންވާ ޕީއީޖީ ޓިއުބެއް ހޯދުމަށް އެ ކުއްޖާގެ މަންމަ އަށް މަސް ދުވަސް ވަންދެން އިންތިޒާރު ކުރަން ޖެހުނެވެ. ނަމަވެސް، އެންސްޕާ އާއި އެސްޓީއޯއިން ފަހުން ބުނެފައިވަނީ އެ ޓިއުބަށް އޯޑަރުވެސް ދީފައި ނުވާ ކަމަށެވެ.

https://sun.mv/219702

ދައުލަތުގެ އިދާރާތަކުން އެހީތެރިކަން ނުލިބުމުން، އަމިއްލަ ފަރާތެއްގެ އެހީގައި އެ ޓިއުބް ހޯދައިގެން ރާއްޖެ ގެނައި ނަމަވެސް، އެ ޓިއުބް ހަވާލުކުރަން ގުޅިއިރު ވަގުތު ފާއިތުވެ ކުއްޖާ އޮތީ މަރުގެ ތުންފަތްމަތީގައި ކަމަށް މަންމަ ބުނި ކަމަށް މިދުއަމްގެ ޕޯސްޓުގައިވެއެވެ. މިކަމުގައި ދައުލަތުގެ އިދާރާތަކުން އިންތިހާއަށް އިހުމާލުވެފައިވާ ކަމަށް އޭނާ ވަނީ ތުހުމަތުކޮށްފައެވެ.

އެޗްއާރްސީއެމުން އިތުރަށް ބުނީ، މިކަން ތަހުގީގުކުރުމަށްފަހު އިސްލާހުކުރަންޖެހޭ ކަންކަން ކަމާބެހޭ ދައުލަތުގެ އިދާރާތަކަށް ލާޒިމުކޮށް އަންގާނެ ކަމަށެވެ. އަދި ކޮމިޝަނުންދޭ ލަފަޔާއި ހުށަހެޅުންތައް ތަންފީޒުކުރާ މިންވަރު ބަލަމުންދާނެ ކަމަށާއި، މި މައްސަލައިގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހާ ވެސް ހިއްސާކުރާނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް، ހެލްތު މިނިސްޓްރީން ވެސް ވަނީ މިހާރު މި މައްސަލަ ބަލަން ފަށާފައެވެ.

comment ކޮމެންޓް