އީރާން، ރަޝިއާ އަދި ޗައިނާއަކީ ގުޅިފައިވާ އަސްކަރީ ނާރެހެއްކަމަށް ހުޅަނގުން ދެކެން ފަަށައިފި

އިނގިރޭސިވިލާތުގެ ދިފާއީ ވަޒީރު ޖޯން ހީލޭ ހާމަކުރެއްވި ގޮތުގައި، ގަލްފުގެ ސަރަހައްދުގައި އެމެރިކާއާއި އިސްރާއީލާ ދެކޮޅަށް އީރާނުން ދެމުންގެންދާ ހަމަލާތަކުގެ ފަހަތުގައި ރަޝިއާގެ ޖާސޫސީ އަދި ޓެކްނޮލޮޖީގެ ބޮޑު އެހީތެރިކަމެއް އެބައޮތެވެ. ރަޝިއާއިން އުފައްދާފައިވާ 300 އަށްވުރެ ގިނަ ސެޓަލައިޓް ހިމެނޭ ފުލް އިންޓެލިޖެންސް އަމްބްރެއްލާ ނިޒާމު އީރާނުން ބޭނުންކުރަމުންދާ ކަމަށާއި، މިއީ ހުޅަނގުގެ ގައުމުތަކަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ވިދާޅުވިއެވެ. މި ގުޅުމުގެ ސަބަބުން އީރާނަށް އެމެރިކާއާއި އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކަށް ސީދާ އަމާޒުކޮށް ހަމަލާދިނުމުގެ ގާބިލުކަން ލިބިފައިވާ ކަމަށް ޔޫރަޕްގެ ޖާސޫސީ އިދާރާތަކުން ފާހަގަކުރެއެވެ.

  • އީރާނުން ދެމުންގެންދާ ހަމަލާތަކުގެ ފަހަތުގައި ރަޝިއާގެ ޖާސޫސީ އެހީތެރިކަން އޮތްކަމަށް ހުޅަނގުން ގަބޫލުކުރޭ
  • ރަޝިއާގެ 300 ސެޓަލައިޓް މެދުވެރިކޮށް އީރާނަށް ލިބޭ ޖާސޫސީ މައުލޫމާތުން ހަމަލާތަކުގެ ޕްރެސިޝަން އިތުރުވެފައިވޭ
  • ސައޫދީގައި ހުންނަ އެމެރިކާގެ ސުލްތާން އެއާބޭސްއަށް ދިން ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ
  • އީރާން، ރަޝިއާ، ޗައިނާ، އުތުރު ކޮރެއާ އަދި ހޫޘީން ހިމެނޭހެން އަސްކަރީ ގުޅުންތަކެއް އޮތްކަމަށް ބެލެވޭ

ލަންޑަން (82 މާޗް 2026) : ގަލްފުގައިވާ އެމެރިކާގެ ބޭސްތަކަށާއި އިސްރާއީލުގެ އެކިސަރަހައްދުތަކަށް އީރާނުން ދޭ ކާމިޔާބު ހަމަލާތަކުގެ ފަހަތުގައި ޖާސޫސީ ގޮތުން ރަޝިއާ ވަރަށް ބޮޑު ދައުރެއް އަދާކުރާކަމަށާ މިއީ ޔޫރަޕަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއްކަމަށް އިނގިރޭސިވިލާތުގެ ދިފާއީ ވަޒީރު ޖޯން ހީލޭ ވިދާޅުވެއްޖެއެވެ.

ހީލޭ އާ ހަވާލާދީ އިނގިރޭސިވިލާތުގައި ޝާއިއުކޮށްފައިވާ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ގަލްފުގައި ހިނގަމުންދާ ހަނގުރާމައިގާ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް އިލެކްޓްރޯނިކް އިންޓަފެރެންސް ބޭނުންކުރުމުން އީރާން ގެންދަނީ އެއާ ދެކޮޅަށް ވަރަށް ސޮފިސްޓިކޭޓެޑް ނިޒާމެއްކަމަށްވާ ރެސިސްޓެންސް ޓު އިލެކްޓްރޯނިކް ނިޒާމެއް ތަކުރާރުކޮށް ބޭނުންކުރަމުންނެވެ.

މިނިޒާމު ބޭނުންކޮށްގެން އީރާންވަނީ އެމެރިކާއާއި އިސްރާއީލުގެ އިލެކްޓްރޯނިކް އިންޓަފެރެންސް އަށް ގޮންޖަހާފައިކަން ހީލޭ ފާހަގަ ކުރެއްވިއެވެ.

މިއީ އެތަށް ސެޓަލައިޓެއް ބޭނުންކޮށްގެން ރަޝިއާ އުފައްދާފައިވާ ނިޒާމެއްކަމަށާ މިނިޒާމު އީރާނުގައި ހުރުމަކީ "ރެސިސްޓެންސް ޓު އިލެކްޓްރޯނިކް ސިސްޓަމް" ގެ ޓެކްނޮލޮޖީ ރަޝިއާއިން އީރާނަށް ދީފައިވާ ކަމުގެ ހެއްކެއްކަމަށް ހީލޭ ވިދާޅުވިއެވެ.

ރަޝިއާ އާއި އީރާން ގެ ދެމެދުގައިވާ ޓެކްނޮލޮޖީ ގެ ސްޓްރެޓީޖިކް ގުޅުންތައް ވަރަށް މަތީ ހަރުފަތަކަށް މިހާރު ގޮސްފައިވާކަން ފާހަގަ ކުރައްވަމުން ހީލޭ ވިދާޅުވީ ރަޝިއާގެ އެންމެ ބޮޑު އަސްކަރީ ބައިވެރިއަކީ އީރާން ކަމަށް ބެލެވޭ ފެންވަރަށް އެދެގައުމުގެ ދެމެދުގައި ޖާސޫސީ މައުލޫމާތާއި އަސްކަރީ ޓެކްނޮލޮޖީ އާއި ފަޒާގެ މުއާމަލާތްތައް ކުރެވެމުންދާކަމުގައެވެ.

ނަން ހާމަކުރަން ނޭދޭ ޔޫރަޕްގެ ޖާސޫސީ މަސްއޫލުވެރިއަކާ ހަވާލާދީ ދަ ގާޑިއަން ނޫސް ބުނާގޮތުން ރަޝިއާ ވަނީ 300 އަށް ވުރެގިނަ ސެޓަލައިޓް ބޭނުންކޮށްގެން ރަޝިއާ އުފައްދާފައިވާ "ފުލް އިންޓެލިޖެންސް އަމްބްރެއްލާ އެއް" އީރާނަށް ދީފައެވެ.

ޔޫރަޕްގެ ޖާސޫސީ ފަރާތްތަކާ ހަވާލާދީ އޭނާ ވިދާޅުވިގޮތުގައި އިސްރާއީލުގެ އަސްކަރީ ބޭސްތަކާއި ނިއުކްލިޔާ މަރުކަޒުތަކާ އަދި ހަތިޔާރު ގެ ފެކްޓްރީތަކާއި ގުދަންތަކުގެ އިތުރުން ތެޔޮރައްކާކުރާ ތަންތަނާ އަދި ގަލްފުގައިވާ އެމެރިކާގެ ހުރިހާ މަރުކަޒުތަކެއް އެހާ ފަސޭހައިން އީރާނަށް އެނގި އެހާ ޕްރެސިޝަންކޮށް އެތަންނަށް އީރާނުން ހަމަލާދެނީ 300 އަށް ވުރެގިނަ ސެޓަލައިޓް ބޭނުންކޮށްގެން ރަޝިއާ އުފައްދާފައިވާ "ފުލް އިންޓެލިޖެންސް އަމްބްރެއްލާ" ގެ އެހީގައިކަން ވަރަށް ޔަގީނެވެ.

މި އަމްބްރެއްލާގެ ޔުނިޓްތައް މިހާރު އީރާނުގައި ހުރިކަމަށާއި އީރާނަކީ އިލެކްޓްރޯނިކް ޖާސޫސީ މައުލޫމާތުގެ ދާއިރާގައި ރަޝިއާގެ އެންމެ ވަރުގަދަ ބައިވެރިޔާކަމަށް ޔޫރަޕްގެ ޖާސޫސީ އިދާރާތަކުން ފާހަގަ ކުރާކަމަށް ނަންހާމަކުރަން ނޭދޭ ޔޫރަޕްގެ މަސްއޫލުވެރިޔާ ވިދާޅުވެފައިވެއެވެ.

އީރާނުން ރޭ ސައޫދީގައިވާ އެމެރިކާގެ އަސްކަރީ ބޭސްއެއްކަމަށްވާ ސުލްތާން އެއާބޭސްއަށް ދިން ހަމަލާތަކެއްގައި އެމެރިކާގެ ބޮންއަޅާ ފައިޓާ ޖެޓްތަކަށް ވައިގެ މަގުން ތެޔޮއަޅާ 6 މަތިންދާ ބޯޓު ހަލާކުކޮށްލައި އެމެރިކާ ސިފައިންގެ 12 މީހަކު ޒަޚަމްކޮށްލާފައިވާކަން އީރާނުންވަނީ ކަށަވަރުކޮށްދީފައެވެ.

އެމެރިކާގެ ނޫހެއްކަމަށްވާ ވޯލްސްޓްރީޓް ޖާނަލް އިންވެސް މިކަން ހާމަކޮށްފައިވެއެވެ. ސުލްތާން އެއާބޭސްއަށް ހަމަލާދިނީ ވެއްޓިގަނެގެން ހަމަލާދޭ އީރާނުގެ ޑްރޯންތަކަކުންނެވެ.

އިސްރާއީލުން އިއްޔެވަނީ އީރާނުގެ ސްޓީލް ކާރުޚާނާއަކަށާއި އީރާނުގެ ވެރިރަށް ތެހެރާންގައި ހުންނަ ޓެކްނޮލޮޖީ އާބެހޭ ޔުނިވާސިޓީއަށްވެސް ހަމަލާދީފައެވެ. މި ހަމަލާތަކުގައި އީރާނުގެ އެއް އާއިލާއެއްގެ 12 މީހަކުވަނީ ޝަހީދުކޮށްލާފައެވެ. ރައްދުގައީ އީރާންވަނީ ރޭ އިސްރާއީލުގެ ވެރިރަށް ޓެލްއަވީވުގެ 8 ސަރަހައްދަކަށް ގަދަފަދަ ހަމަލާތަކެއް ދީ އެތަންތަނުގެ ގިނަ އިމާރާތްތަކެއް ހަލާކުކޮށްލާފައެވެ.

މި ހަމަލާތަކުގައި އިސްރާއީލުގެ އެކަކު މަރުވެ ވިއްސަކަށް މީހުން ޒަޚަމްވިކަމަށް އެގައުމުން ބުނެފައިވެއެވެ. ޔޫރަޕްގެ ޖާސޫސީ ރިޕޯޓްތަކުގައި އީރާނުގެ އިތުރުން ޔަމަންގެ ހޫޘީންނަށް ޖާސޫސީ މައުލޫމާތު ފޯރުކޮށްދިނުމުގައިވެސް ރަޝިއާ ގެ ދައުރެއްވާކަމަށް ޝައްކު ކުރެއެވެ.

އީރާނާއި ރަޝިއާއާއި ޗައިނާ އުތުުރު ކޮރެއާ އަދި ޔަމަންގެ ހޫޘީންނަކީ އަޑިން ގުޅިގެން ހުޅަނގުގެ ހަންފެތުރުމާ ދެކޮޅަށް މަސައްކަތްކުރާ ނާރެހެއްގެ ގޮތުގައިވެސް ޔޫރަޕްގެ ޖާސޫސީ ރިޕޯޓްތަކުގައި ސިފަކޮށްފައިވެއެވެ. ނަމަވެސް އީރާނަށް ވާގިވެރިވުމުގައި ޗައިނާ އަދާ ކުރާ ދައުރު ޔޫރަޕްގެ ޖާސޫސީ އިދާރާތަކަށް ސާފުގޮތެއްގައި އަދިވެސް ބުނެދޭން ނޭންގޭކަމަށް ވެއެވެ.

comment ކޮމެންޓް