ރައީސްގެ ވިސްނުންފުޅަކީ މަޖިލީހުން ޒުވާނުންނަށް 10 ޕަސެންޓު، އަދި އަންހެނުންނަށް 10 ޕަސެންޓު ޚާއްސަކުރުން

ރައީސް ޑރ. މުޙައްމަދު މުޢިއްޒު: ވިދާޅުވީ ވިސްނުންފުޅަކީ ޒުވާނުންގެ 10 ޕަސެންޓު އަދި އަންހެނުންގެ 10 ޕަސެންޓު މަޖިލީހަށް ޚާއްސަކުރުން ކަމަށް --- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު ކޮންޓްރޯލްކޮށް، މަޖިލީހުގެ ތެރޭގައި ޒުވާނުންނާއި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ ސިޔާސަތުތަކެއް އިއުލާނުކުރައްވައިފިއެވެ. މި ވިސްނުންފުޅުގެ ދަށުން، މަޖިލީހުގެ ޖުމްލަ ގޮނޑިތަކުގެ ތެރެއިން 10 ޕަސެންޓް ޒުވާނުންނަށް އަދި 10 ޕަސެންޓް އަންހެނުންނަށް ޚާއްސަކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބަދަލުތައް ގެންނާނީ ރައްޔިތުންނާއި ކަމާބެހޭ ފަރާތްތަކާއެކު ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވުމަށްފަހު، ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްގެންނެވެ.

  • ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 93 ގައި ހިފެހެއްޓުމަށް ރައީސް އިސްކަންދެއްވުން.
  • ޒުވާނުންނަށް 10 ޕަސެންޓް އަދި އަންހެނުންނަށް 10 ޕަސެންޓް ގޮނޑި ޚާއްސަކުރުމުގެ ވިސްނުންފުޅު.
  • މި ބަދަލުތަކަކީ ޤައުމީ ފެންވަރުގައި މަޝްވަރާކޮށްގެން ގެންނަންޖެހޭ ބަދަލުތަކެއްކަމަށް ރައީސް ވިދާޅުވުން.
  • މަޖިލީހުގެ މެންބަރުންގެ ޢަދަދު އިތުރުވަމުންދާ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތްކުރުން.

ރައްޔިތުންގެ މަޖިލީހުން އަންހެނުންނަށް ދިހަ އިންސައްތަ، އަދި ޒުވާނުންނަށް ދިހަ އިންސައްތަ ޚާއްސަކުރުމަށް ވިސްނަވަމުން ވަޑައިގަންނަވާ ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ހާމަކުރައްވައިފިއެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވުން ހުއްޓުވުމުގެ އިތުރުން، މަޖިލީހުން އަންހެނުންނަށާއި ޒުވާނުންނަށް ވަކި އިންސައްތައެއް ޚާއްސަކުރުމުގެ ވިސްނުންފުޅެއް ގެންގުޅުއްވާކަން ހާމަކުރައްވައިފައެވެ. ނަމަވެސް އެގޮތަށް ގާނޫނު ބަދަލުކުރުމަށް ހުށަހަޅުއްވާނެ ވަގުތަކާއި، ޒުވާނުންނާއި އަންހެނުންނަށް ކަނޑައަޅާނެ އިންސައްތައެއް ހާމަ ނުކުރައްވައެވެ.

އެކަމަކު، ރައީސް މިރޭ ވަނީ މަޖިލީހުން އަންހެނުންނަށާއި ޒުވާނުންނަށް ޚާއްސަކުރާނީ ކިތައް އިންސައްތަކަން ހާމަކުރައްވައިފައެވެ. ނަމަވެސް ނިންމުން ނިންމަވާނީ ރައްޔިތުންނާއި ޒުވާނުންނާއި ގާނޫނީ ފަރާތްތަކާއެކީ މަޝްވަރާކުރެއްވުމަށްފަހު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުގެ ވިސްނުމުގަ އޮތީ 10 ޕަސެންޓް، ޒުވާނުންނަށް 10 ޕަސެންޓް، އަންހެން ބޭފުޅުންނަށް[ވެސް]"

https://sun.mv/219560

ރައީސް ވިދާޅުވީ، ރާއްޖޭގައި ވޯޓުލެވޭ މީހުންގެ އާބާދީގެ ތެރެއިން ޒުވާނުންނަކީ 39 އިންސައްތަ ކަމަށާއި، އަންހެނުންނަކީ 49 އިންސައްތަ ކަމަށެވެ. އެހެންކަމުން، މަޖިލީހުގެ ތެރެއިން ޒުވާނުންނަށާއި އަންހެނުންނަށް ވަކި އިންސައްތައެއް ކަނޑައެޅުމަކީ އެންމެ އިންސާފުވެރިގޮތް ކަމަށް، ރައީސް ގަބޫލުފުޅުކުރައްވައެވެ.

މިދިޔަ ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، އަންހެނުންނަށާއި ޒުވާނުންނަށް މަޖިލީހުން ގޮނޑިތަކެއް ޚާއްސަކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި ވާހަކަފުޅަށް ތާއީދުކުރައްވާ ކަމާއި ނުކުރައްވާކަން ހާމަކުރައްވައި، ބައެއް ފަރާތްތަކުން މެސެޖުކުރި ކަމަށެވެ.

ޒުވާނުންނަށާއި އަންހެނުންނަށް މަޖިލީހުން ގޮނޑިތަކެއް ޚާއްސަކުރަންޖެހޭ ކަމަށް އެމަނިކުފާނު އަމިއްލަފުޅަށް ގަބޫލުފުޅުކުރައްވާ ކަމަށާއި، ނަމަވެސް ބޭނުންފުޅުވަނީ ރައްޔިތުންނާ މަޝްވަރާކުރުމަށްފަހު ބަދަލު ގެންނަން ކަމަށް، ރައީސް ވިދާޅުވިއެވެ.

އެއާއެކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިހާރަށްވުރެ އިތުރުނުވާ ގޮތަށް ގާނޫނު އިސްލާހުކުރުމަށް ގަސްދުކުރައްވާކަމަށް ވިދާޅުވާ ވިދާޅުވުން އަނެއްކާވެސް ތަކުރާރުކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިބެނީ 93 މެންބަރުންނެވެ. ރައީސް މިރޭ ވިދާޅުވިގޮތުންނަމަ، ޒުވާނުންނަށާއި އަންހެނުންނަށް މަޖިލީހުން ދިހަ އިންސައްތަ ޚާއްސަކުރަން ގާނޫނަށް ބަދަލު ގެނެސްފިނަމަ، މަޖިލީހުގައި ޒުވާން ނުވަ މެންބަރުންނާއި ނުވަ އަންހެން މެންބަރުން ތަމްސީލުކުރާނެއެވެ.

މިދިޔަ މެއި މަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޭރު ވިދާޅުވީ، އެމަނިކުފާނުގެ ވިސްނުންފުޅަކީ މަޖިލީހުގެ މެންބަރުންގެ އަދަދު 93 ގައި ހިފެހެއްޓުމަށް ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި، ވެރިކަންކުރާ ޕީއެންސީގެ ފަރާތުން އެ ޕާޓީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވަނީ، ކޮންމެ ދައުރެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުން އަންނަ އައުމަށް ހައްލެއް ގެނައުމަށް މަޖިލީހުގެ މެންބަރުންގެ ޚިޔާލު ހޯދުމަށް ގަރާރެއް 2024ވަނަ އަހަރުގެ ޖޫން މަހުގެ ފަހުކޮޅު ހުށަހަޅުއްވައިފައެވެ. އެ ގަރާރު މިހާރު އޮތީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައެވެ.

ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައިވާ ގޮތުން ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން އިންތިޚާބުކުރަންވާނެ ކަމަށެވެ.

އަދި، އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީ 5،000 އަށްވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ 5،000 މީހުންނަށްވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެންބަރެއް ހުންނަންވާނެ ކަމަށެވެ. އެހެންވެ، ކޮންމެ ދައުރެއްގައި މެންބަރުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

comment ކޮމެންޓް