އެޕަލް ކުންފުނިން ކުރިއަށް އޮތްތާ ނެރުމަށް ހަމަޖެހިފައިވާ އައިފޯން 18 ޕްރޯ މޮޑެލްތަކުގައި، މިހާރަށްވުރެ ސައިޒުން ކުޑަ ޑައިނަމިކް އައިލެންޑެއް ހިމަނައިފާނެ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ޑިސްޕްލޭގެ އަޑީގައި ކެމެރާ އަދި ސެންސަރުތައް ހަރުކުރުމުގެ ޓެކްނޮލޮޖީއަށް އެޕަލް އިން ގޮންޖެހުންތަކާ ކުރިމަތިލަމުންދާތީ، ފުލް ސްކްރީން އައިފޯނެއް ނެރުން ލަސްވުމަކީ އެކަށީގެންވާ ކަމެކެވެ. އޭގެ ބަދަލުގައި އެޕަލް އިން މަސައްކަތް ކުރަމުންދަނީ، ފޭސް އައިޑީ ފަދަ މުހިންމު ފީޗާތަކަށް ބަދަލުނާންނާނެހެން، ފޯނުގެ ޑިޒައިނަށް ކުޑަ ބަދަލެއް ގެނެސް މިހާރު ސްކްރީންގައި އިންނަ ކަޓްއައުޓްގެ ސައިޒު ކުޑަކުރުމަށެވެ.

ލީކުވެފައިވާ ސްކްރީން ޕްރޮޓެކްޓަރެއްގެ ފޮޓޯތަކުން ދައްކާގޮތުގައި، މިހާރު ހުންނަ 20.76 މިލިމީޓަރުގެ ކަޓްއައުޓް، 13.49 މިލިމީޓަރަށް ކުޑަވާނެ --
ވެއިބޯ ޔޫޒަރެއް ކަމަށްވާ ވާންގް ޓެންގްޝިއާއޯ ހާމަކޮށްފައިވާ ގޮތުގައި، ހޯލް ޕަންޗް ޑިޒައިނަކަށް ބަދަލުކުރުމުގެ ބަދަލުގައި އައިފޯން 18 ޕްރޯގައިވެސް އިންނާނީ ފޭސް އައިޑީ ހިމެނޭ "ޕިލް" (ބޭސްގުޅައެއް) ބައްޓަމަށް އިންނަ ކަޓްއައުޓެކެވެ. ނަމަވެސް މިއީ މިހާރު ހުންނަ ސައިޒަށްވުރެ ކުޑަ ކަޓްއައުޓެކެވެ.
ލީކުވެފައިވާ ސްކްރީން ޕްރޮޓެކްޓަރެއްގެ ފޮޓޯތަކުން ދައްކާގޮތުގައި، މިހާރު ހުންނަ 20.76 މިލިމީޓަރުގެ ކަޓްއައުޓް، 13.49 މިލިމީޓަރަށް ކުޑަވާނެއެވެ. މިކަން ކުރެވޭނީ ފޭސް އައިޑީގެ ބައެއް ބައިތައް ކަމަށްވާ 'ފްލަޑް އިލުމިނޭޓާ' ފަދަ ސެންސަރުތައް ޑިސްޕްލޭގެ އަޑިއަށް ބަދަލުކޮށްގެންނެވެ. އާދައިގެ އައިފޯން 18 މޮޑެލްތަކަށް މި ބަދަލު ނާންނާނެ ކަމަށް އޭނާ ބުނެއެވެ.
މިކަމާ ގުޅޭގޮތުން ތަފާތު ވާހަކަތަކެއް ދެކެވެމުންދާއިރު، މަޝްހޫރު ޓިޕްސްޓާ 'އައިސް ޔުނިވާސް' ބުނެފައިވަނީ އައިފޯން 18 ގެ ހުރިހާ މޮޑެލްއެއްގައި ވެސް މެދުގައި އިންނަ ކުޑަ ކަޓްއައުޓް ހިމެނޭނެ ކަމަށެވެ.

އައިފޯން 18 ޕްރޯގައިވެސް އިންނާނީ ފޭސް އައިޑީ ހިމެނޭ ބޭސްގުޅައެއް ބައްޓަމަށް އިންނަ ކަޓްއައުޓެއް ---
މިއީ ވާންގްގެ ވާހަކަތަކާ ތަފާތު ގޮތަކަށް އައިސްފައިވާ ލީކެކެވެ. ނަމަވެސް މި ދެމީހުންގެ ވާހަކައިން ވެސް އެއްބަސްވެވޭ އެއްކަމަކީ ފޯނުގެ ބޭރުގައިވާ ބެޒެލްތަކަށް (ކައިރިފަށް) މާބޮޑު ބަދަލެއް ނާންނާނެކަމެވެ.
އައިފޯން 18 ޕްރޯ އަދި ޕްރޯ މެކްސްގައި އެޕަލްގެ އާ 2 ނެނޯމީޓަރުގެ 'އޭ20 ޕްރޯ' ޗިޕަކާއި، 5000 އެމްއޭއެޗް އަށްވުރެ ބޮޑު ބެޓެރީއެއްގެ އިތުރުން ފެންވަރު ރަނގަޅު ކެމެރާތަކެއް ހިމެނޭނެއެވެ.
މި ފޯނުތައް ސެޕްޓެމްބަރު މަހު ނެރުމަށް ހަމަޖެހިފައިވާއިރު، މީގެ އިތުރުން 'އައިފޯން ފޯލްޑް' (ފަތްޖެހޭ ފޯނެއް) ވެސް ދައްކާލާނެ ކަމަށް ބެލެވެއެވެ. އަދި ފޯލްޑް ފޯނު ވިއްކަން ފަށާނީ އޭގެ އެއްމަސް ފަހުން ކަމަށް ރިޕޯޓުތައް ބުނެއެވެ.