ބޮލީވުޑްގެ އެކްޓަރު ވިޖޭ ވަރުމާ ލީޑް ރޯލްއިން ފެންނަ "މަޓްކާ ކިންގް" ޕްރީމިއާކުރާ ތާރީހު އިއުލާނުކޮށް އޭގެ ޓީޒާ ދައްކާލައިފިއެވެ.
ވިޖޭ ވަރުމާގެ އިތުރުން، މި ކްރައިމް ޑްރާމާގެ މުހިންމު ރޯލުތަކުން ގުލްޝަން ގްރޯވާ، ކްރިތިކާ ކާމްރާ، ސާއި ތަމްހަންކަރް އަދި ސިދާތު ޖާދަވް ފެންނާނެއެވެ. އެމެޒޯން ޕްރައިމް ވީޑިއޯއިން ގެނެސްދޭ ސީރީސް "މަޓްކާ ކިންގް" ޕްރީމިއާކުރާނީ މިފެށޭ އޭޕްރީލް މަހުގެ 17 ވަނަ ދުވަހުއެވެ.
ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް، 1960ގެ އަހަރުތަކުގެ މާހައުލު ސިފަކޮށްދޭ މި ސީރީޒަކީ "ސާއިރާތު"ގެ ޑައިރެކްޓަރު ނާގްރާޖް މަންޖޫލޭ އާއި އަބޭ ކޮރާންނޭގެ އުފެއްދުމެކެވެ. ނާގްރާޖް އަކީ މި ސީރީޒްގެ ޑައިރެކްޓަރުގެ އިތުރުން ޕްރޮޑިއުސަރުންގެ ޓީމުގައި ވެސް މަސައްކަތްކުރާ މީހެކެވެ.

"މަޓްކާ ކިންގް"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ
މުމްބާއީގައި 1960ގެ އަހަރުތަކުގައި ހިނގާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ވާހަކައިގައި ދައްކުވައިދޭނީ، މުޖުތަމައުގެ އިހުތިރާމާއި ގަދަރު ހޯދުމަށް މަސައްކަތްކުރާ ކަފަ ވިޔަފާރިވެރިއަކު، "މަޓްކާ" ގެ ނަމުގައި އާ ޖޫދާ ކުޅިވަރެއް ތައާރަފުކޮށް، މުޅި ސިޓީގައި އެކަން ފަތުރާލާ ގޮތެވެ. މިއީ ނުފޫޒާއި، ބާރާއި، އަދި އަމިއްލަ ވަންތަކަން ހޯދުމަށް ކުރާ މަސައްކަތްތައް ދައްކުވައިދޭ ޝައުގުވެރި ވާހަކައެކެވެ.
މިއީ ކުރިން ހަމައެކަނި މުއްސަނދިންނަށް ޚާއްސަވެފައި އޮތް ދާއިރާއެއް އާންމުންގެ ތެރެއަށް ފަތުރާލި ގޮތުގެ މައްޗަށް ބިނާކޮށްފައިވާ ވާހަކައެކެވެ.
"މަޓްކާ ކިންގް" އަކީ ރޯއީ ކަޕޫރު ފިލްމްސް، އާޓްޕަޓް އަދި އެސް.އެމް.އާރް ޕްރޮޑަކްޝަންސް ގުޅިގެން އެމެޒޯން ޕްރައިމްއިން ގެނެސްދޭ ސީރީޒްއެކެވެ.
ޕްރައިމް ވީޑިއޯ އިންޑިއާގެ އޮރިޖިނަލްސް ހެޑް ނިކިލް މަދޯކް ވިދާޅުވި ގޮތުގައި، މިއީ ބަދަލުވަމުންދާ ދުނިޔެއެއްގައި ކާމިޔާބީ ހޯދުމަށް މީހަކު ކުރާ ހިތްވަރުގަދަ ދަތުރެއްގެ ވާހަކައެވެ. ބްރިޖް ބަޓީ "މަޓްކާ ކިންގް"އަށް ވެގެންދާ ގޮތުގެ ވާހަކައަކީ ބެލުންތެރިން ހައިރާންކޮށްލާނެ ފަދަ ޝައުގުވެރި ވާހަކައަކަށް ވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޕްރޮޑިއުސަރު ސިދާތު ރޯއީ ކަޕޫރު ބުނި ގޮތުގައި، މި ސީރީޒްގެ ޚާއްސަ ކަމަކީ އޭގެ މާހައުލާއި، އެކަކު އަނެކަކުގެ އިހުތިރާމް ހޯދުމަށް ކުރާ މަސައްކަތްތައް ސިފަކޮށްދީފައިވާ ގޮތެވެ. ނާގްރާޖް މަންޖޫލޭ ފަދަ ހުނަރުވެރި ޑައިރެކްޓަރަކާއެކު މަސައްކަތްކުރުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށާއި، ވިޖޭ ވަރުމާ ހިމެނޭހެން މުޅި ކާސްޓުން ދައްކުވައިދީފައި ވަނީ ވަރަށް ފުރިހަމަ އެކްޓިންއެއް ކަމަށް ސިދާތު ވަނީ ބުނެފައެވެ.
ވިޖޭ އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މަނިޝް މަލްހޯތުރާގެ ފިލްމު ކުންފުނިން މިދިޔަ އަހަރު ގެނެސްދިން ލޯބީގެ ފިލްމު "ގުސްތާކް އިޝްޤް"އިންނެވެ.