އެހެންނަމަވެސް މިފަހަރު އެމޫނުމަތީން އޭނައަށް ފެނުނީ އެއްވެސް އަސަރެއް ނުވާ ހުސްކަމެކެވެ.
"ހައި ރިސްކް ޕްރެގްނެންސީއެއް ވީމަ، ބަލައިގެން އުޅެން ބުނީ... ބެޑް ރެސްޓް ކުރަން... ދެން ރަނގަޅަށް ފްލުއިޑް އިންޓޭކް ނަގަން. އައިރާ މާ ބޮޑަށް ޑީހައިޑްރޭޓްވީ.. ބަލައިގެން ނޫޅެންޏާ އެކަމުން ބޭބީއަށް އަސަރުކޮށްފާނެޔޭ ބުނީ..." ޒަހްރާން އޭނައަށް ޑޮކްޓަރު ކިޔައިދީފައިވާ ވާހަކަތައް އައިރާއަށް ކިޔައިދިނެވެ.
އައިރާއާ އެންމެ ފުރަތަމަ ނަޒަރު ވަކިކޮށްލީ ޒަހްރާނެވެ. އެއާއެކު އައިރާއަށް ވެސް ތުންފަތުގައި ދަތް އަޅައިލެވުނެވެ. އިތުރަށް ކުރަންވީ ކޮންސުވާލެއްކަމާއި، އަހަންވީ ކީކޭކަން ނޭނގި ހިމޭންކަން އިޚްތިޔާރުކުރެވުނެވެ. އޭނައަށް ވެސް އިސްޖަހައިލެވުނެވެ. އެހެންނަމަވެސް، ދެވަނަ ސިކުންތުގައި ވަށްކަޅިން އޭނައަށް ޒަހްރާނަށް ބަލައިލެވުނެވެ.
"ޑޮކްޓަރު ބުނީ ހޭލީމަ ކޮންމެވެސް އެއްޗެއް ދޭން. އަހަރެން... އަހަރެން މިއައީ ކުރުނބާ ހިފައިގެން..." ޒަހްރާން އެއްފަރާތުގައި، ޓޭބަލްމަތީގައި ބެހެއްޓި ކުރުނބާ ފުޅިއަށް އިޝާރާތްކޮށްލާފައި ބުނެލިއެވެ. އައިރާވެސް އެ މޭޒާ ދިމާލަށް ބަލައިލިއެވެ.
ޒަހްރާން ކޮތަޅުން ނެގި ފުޅި އައިރާއަށް ދިއްކޮށްލިއިރުވެސް އޭނަ އައިރާއާ ހަތަރު ކަޅި ބައްދަލެއް ނުކުރެއެވެ. އައިރާއަށް ހިންދިރުވައިލެވުނެވެ. ޒަހްރާންގެ މޫނުމަތީން ފެންނަމުން ދިޔަ ހުސްކަން މާނަކުރާނެ ގޮތެއް އޭނައަކަށް ނޭނގުނެވެ. ޒަހްރާންގެ ހިތުގައި އެތަކެއް ސުވާލެއް އުފެދޭނެކަމުގައި އައިރާގެ ޒަމީރު އޭނައަށް ވިސްނައިދިނެވެ. އެހިތުގައި އޭނައާ މެދު ކިލަނބުކަމެއް ވެސް ވާނެކަން ގައިމެވެ. އޭނަގެ ދިރިއުޅުމުގެ ހަޤީޤަތް ނޭނގޭ ޙާލު ޒަހްރާނަށް ވިސްނޭނީ އެންމެ ގޯސްކޮށްކަން އައިރާއަށް ޔަޤީން ކުރެވުނެވެ. އެކަމަށް ޒަހްރާން ކުށްވެރިނުކުރުމަށް އޭނަގެ ޒަމީރު މިފަހަރު ގޮވައިލިއެވެ. ހަޤީޤަތް ނޭނގޭ ކޮންމެ މީހަކަށްވެސް ވާނީ އެކަހަލަ ގޮތެކޭ އައިރާގެ ހިތް ބުނެލިއެވެ.
ޒަހްރާން ދިން ފުޅީގައި ހިފަމުން އައިރާ އިސްޖަހައިލިއެވެ. ދެ އަތުން އޭގައި ހިފައްޓާލައިގެން އިނުމަށްފަހު އޭނައަށް ސުވާލުކޮށްލެވުނުއިރު އެ އަޑުގައި ތުރުތުރު އެޅުމެއްގެ އަސަރުވެއެވެ.
"ވައި އާރ ޔޫ ހިޔަރ... ކީއްވެ އަހަންނަށް އެހީތެރިވަނީ؟" އައިރާ ޒަހްރާނާ ކޮށްލީ ޚުދު ޒަހްރާންވެސް އެ ސުވާލެއްގެ ޖަވާބު ބޭނުންވެފައިވާ ސުވާލެކެވެ. އޭނައަށް އައިރާއަށް އަވަސް ނަޒަރެއް ދެވުނެވެ.
"އައިރާގެ އިތުރު މީހަކު އެބަ ހުރިތަ؟" އައިރާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޒަހްރާންވެސް ކޮށްލީ ސުވާލެކެވެ. އެއާއެކު އައިރާ ދެފަރާތަށް ބޯ ހޫރައިލިއެވެ. އެއަށްފަހު އޭނަ ދެލޯ މަރައިލިއެވެ. އުދާސްކަން ބޭރުކޮށްލަން ބޭނުންވެފައިވާ ޙާލު ނޭވާއެއް ދޫކޮށްލެވުނެވެ. އޭނަ ކުޑަ ވަގުތުކޮޅެއް ބޭނުންވީއެވެ. އެ ޙާލުގައި އޮންނަންވުމުން ރިހާމް މަތިން ހަނދާންވިއެވެ. ރިހާމްގެ ފަރާތުން އޭނައަށް އޯގާތެރިކަމަށް އުންމީދުކުރެވޭތީއެވެ. އެންމެ ބޭނުންވި ދުވަހު އޭނައަށް އެހީތެރިކަން އެ ލިބެމުން ދަނީ ނުވެސް ދަންނަ ހިލޭ ފިރިހެނެއްގެ ފަރާތުންނެވެ.
"އެއްވެސް އިތުރު އެއްޗެއް ނާހާނަންތަ؟ އަހަރެން ޕްރެގްކަން އެނގުނީމަ އެއްވެސް އެއްޗެއް ހިތަކަށް ނާރާތަ؟" ލޯ ހުޅުވައިލި އައިރާ އެހެން އަހައިލުމާއެކު ބަލައިލިއެވެ. އެހެންނަމަވެސް އޭރު ޒަހްރާނަށް ނެތެވެ. ކުޑަކޮށް ކެހިފައިވާ ކާރޓެއިންތަކުގެ ދޭތެރެއިން އެތަނުން ނުކުންނަން ދިޔަ ޒަހްރާން އައިރާއަށް ފެނުނެވެ. އޭނަގެ ދެލޯ އަނެއްކާވެސް ފެންކަޅިވެގެން ދިޔައެވެ. ހިތުގައި އަޅަމުން ދިޔަ ވޭނަށް ލުޔެއް ގެންނާކަށް އޭނައަކަށް ނޭނގުނެވެ. އެކަނިވެރިކަމާއި، ނާއުންމީދުގެ ކަސްތޮޅަކުން އޭނަ ވަނީ ޤައިދުކޮށްލާފައެވެ. އަތުގައި އޮތް ކުރުނބާ ތައްޓަށް ބަލައިލުމާއެކު، އައިރާގެ ދެލޮލުން ކަރުނަ ތިއްކެއް ވެއްޓިއްޖެއެވެ.
އައިރާގެ ކައިރީގައި ހުރުމަށްފަހު ޒަހްރާން ނުކުމެލިއެވެ. އެ ދިޔަ ގޮތަށް ގޮސް އޭނަ ނުކުތީ ބޭރަށެވެ. ހާމަ ފަޒާގެ ތެރެއަށް ނުކުމެލުމާއެކު ހަށިފުރާ ލީ ނޭވާއާއެކު އޭނަ ބޭނުންވީ އޭނަގެ ހިތަށް ލުޔެއް ދޭށެވެ. އޭނަގެ މޭ ފިތިފައިވާއިރު ހީވަނީ އުދާސްކަމުގެ ހިލަހިލާތަކަކުން ހިތް ބަދެލާފައި ވާހެންނެވެ.
"ވައި އެމް އައި ހެލްޕިން ހާރ؟ އަހަންނަށް ކީއްވެތަ މިހާ އުނދަގޫވަނީ؟ އަހަރެން އޭނައާ ގަޔާވަނީތަ؟ ޙަމްދަރުދީވަނީތަ؟ ނޫނީ.. ނޫނީ... ލޯބި... ނޫން ނޫން... ލޯތްބެއް ނޫން... އަހަންނަށް އޭނައާ ބެހޭގޮތުން އެކައްޗެއްވެސް ނޭނގެ... ޝީއިޒް ޕްރެގްނެންޓް... އޭނަގެ ބަނޑުގައި އެވަނީ ކާކުގެ ދަރިއެއްތަ؟ އޭނަ މަންމަ ފަދައިން އޭނައަކީވެސް...." ޒަހްރާނަށް ވިސްނެމުން ދިޔައެވެ. އޭނަ ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލިއެވެ. އެތަނުގައި ހުރި ފާރު ބުރިއެއްގެ މަތީގައި އިށީނުމަށްފަހު، ދެވަނަ ފަހަރަށްވެސް ނޭވާއެއް ދޫކޮށްލެވުނެވެ. ހިތާ ސިކުނޑި ހީވަނީ އޭނަ މޮޔަކޮށްލަފާނެހެންނެވެ. އެތަނުގައި ޒަހްރާނަށް އެތަކެއް އިރަކު އިނދެވުނެވެ.
ހޮސްޕިޓަލުގައި އޮތްއިރު އައިރާއަށް އެތަކެއް ފަހަރަކު ރިހާމްއަށް ގުޅުނެވެ. ފޯނު އޮތީ ނިއްވާލާފައި ނަމަވެސް ބޭޤަރާރުކަމާއެކު އެތަކެއް މެސެޖެއް ފޮނުވުނެވެ. ނުފެންނާނެކަން އެނގުނަސް ވެސް މެއެވެ. އައިރާ އޭނަ އެޑްމިޓްކުރިކަމަށް ބުންޏެވެ. އެކަނި އޮތްކަމާއި އޭނަ ރިހާމްގެ އެހީތެރިކަން ބޭނުންވާކަންވެސް ހާމަކުރިއެވެ. އެހުރިހާކަމަކުން ނާއުންމީދާ މާޔޫސްކަން ނޫން އެއްޗެއް ނުލިބުނެވެ. އޭނަ އެހާވަރަށް ވިސްނަންޏާ ދަރިފުޅަށް އަސަރުކުރާނެކަން އެނގުނު ނަމަވެސް، ވަގުތާ ޙާލަތަކީ މިއަދު އޭނަގެ ދުޝްމަނެއް ފަދައެވެ. ހަމަ ޖެހިލާކަށް އެންމެ ފުރުސަތެއް ވެސް އައިރާއަކަށް ނުދެއެވެ.
ފަތިސްވީފަހުން ޑޮކްޓަރު އައިސް އައިރާއާ ވާހަކަ ދެއްކިއެވެ. އިތުރު އުނދަގުލެއް ވޭތޯ ސުވާލުކުރިއެވެ. އޭރު އޭނައަށް ގުޅާފައިވާ އައިވީވެސް ވަނީ ހުސްވެފައެވެ. އިތުރު ކަމެއް އެވަގުތަށް ނެތީތީ ކިރިޔާވެސް އުނދަގުލެއް ވަންޏާ ލަސްނުކޮށް ޑޮކްޓަރަށް ދައްކަން އައުމަށް އިރުޝާދު ދިނުމަށްފަހު އޭނަ ދޫކޮށްލީ ފުލް ބެޑް ރެސްޓްކުރުމަށް ބުނެފައެވެ. އަރާމަކީ މުހިންމު އެއްޗެއްކަމާއި، ކިރިޔާވެސް ފަރުވާކުޑަ ކުރެވިއްޖެނަމަ ދަރިފުޅު ބައިގެން ދިޔުމުގެ ފުރުސަތު އޮތްކަމަށް ބުނެއެވެ. އިތުރަށް އެފަދަ ކަމެއް ދިމާވެއްޖެނަމަ ދެން ޖެހޭނީ އެޑްމިޓްކުރަން ކަމުގައިވެސް ޑޮކްޓަރުން ބުންޏެވެ. އެތަނުގައި ހުރެފައި ޑިސްޗާޖް ކަންތައް ނިންމަންވެގެން ޒަހްރާން، ނަރުހުންގެ ޖަގަހައަށް ދިޔުމާއެކު ނަރުސްކުއްޖާ އައިސް އައިރާގެ އަތަށް ގުޅާފައިވާ ކެނިއުލާ ނައްޓައިލަން އަވަސްވެގަތެވެ. އޭރުވެސް އައިރާއަށް ބެލެނީ ޒަހްރާނަށެވެ. ނަރުސްކުއްޖާ ދިޔުމުން އައިރާ އެނދުން ފައިބާ ފައިވާނަށް އަރައިލިއެވެ. އެއަށްފަހު އޯވަރބެޑް ޓޭބަލް މަތީގައި އޮތް އޭނަގެ ދަބަސް ނަގާ އަޅުވައިލިއެވެ. ކުރިއަށްވުރެ ރަނގަޅު ނަމަވެސް، އޭރުވެސް ކޮންމެވެސް ކަހަލަ ވަރުބަލިކަމެއް އޭނައަށް އިޙްސާސްވަމުން ދިޔައެވެ.
އައިރާ އެހެން ހުއްޓާ ޒަހްރާން އައިސް ކައިރިއަށް މަޑުކޮށްލިއެވެ.
"އޯކޭތަ؟" އޭނަ ސުވާލުކޮށްލުމާއެކު އައިރާ ބޯޖަހައިލިއެވެ. އެއާއެކު އޭނަގެ އަތުގައި އޮތް ފައިލެއް ޒަހްރާން ދިއްކޮށްލިއެވެ. އޭގައި ހުރިހާ ލިޔުންތަކެއް ހުންނާނެކަމަށް ބުނެލުމަށްފަހު، އޭނަ އައިރާއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ.
"ލެޓްސް ގޯ..." އެހެން ބުނެލުމަށްފަހު، ޒަހްރާން ހިނގައިގަތެވެ. އޭނަ ހިނގައިގަތުމުން އައިރާވެސް ފަހަތުން ދިޔައެވެ. މަގުމައްޗަށް ނުކުތުމަށްފަހު، އައިރާ އުޅުނީ ޓެކްސީއެއް ހޯދާށެވެ. އެހެން ދިޔަ ކާރެއް ފެނުމާއެކު އޭނަ އަތް ހިއްލައިލުމާއެކު ޒަހްރާން ވާހަކަ ދައްކައިފިއެވެ.
"އަހަންނާ އެކީ ދެވިދާނެ. އަހަރެން މި އުޅެނީ ކާރުގަ." ޒަހްރާން ބުނެލިއެވެ. އޭނަގެ ޒަމީރު އައިރާ އެކަނިކޮށްލަން އެއްބަސްނުވީއެވެ. ޤަބޫލުކުރަން ބޭނުން ނުވި ނަމަވެސް، އައިރާއާ މެދު ޒަހްރާންގެ ހިތުގައިވެސް އިޙްސާސްތަކެއް އެބަ ވެއެވެ. އައިރާއަށް އޭނަގެ އަތް ތިރިކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ.
"އޯކޭ ވާނެ. އަހަރެން ޓެކްސީއެއްގައި ހިނގައިދާނަން..." އައިރާ ބުނެލިއެވެ.
"މިގަޑީގައި މިހިސާބުން ޓެކްސީއެއް ހޯދަން އުނދަގޫވެސް ވާނެ... ހިނގާ ދާން..." ޒަހްރާން ބުނެލިއެވެ. އައިރާވެސް މަގުގެ ދެކޮޅު ބަލައިލިއެވެ. ފަތިހުގެ ވަގުތެއްކަމުން މަގުމަތީގައި ދުއްވާ އެއްޗެހި އާދަޔާ ޚިލާފަށް މަދެވެ. ފިނިފައިބަމުން ދިޔަ މާޙައުލުގެ ސަބަބުން އޭނައަށް ދެ އަތް މޭގައި ހުރަސްކޮށްލެވުނެވެ. ވައި ރޯޅިތައް ހިނދިފައިވީނަމަވެސް، ފަޒާގައި ތެތްފިނިކަމެއް ހިފާލާފައި ހުއްޓެވެ. އެންމެފަހުން އައިރާ އެއްބަސްވިއެވެ. އޭނަ ޒަހްރާނާއެކު ކާރާ ހިސާބަށް ދިޔައެވެ.
ޒަހްރާނަށް ބަލައިލުމަށްފަހު އައިރާ އަރާ އިށީނީ ކާރުގެ ފަހަރު ސީޓުގައެވެ. ޒަހްރާން ގޮސް އަރާ އިށީނދެފައި، ކާރު ސްޓާރޓްކޮށްލުމުން އައިރާ ބިއްލޫރިގަނޑުން ބޭރު ބަލައިލިއެވެ. އެހެން އިންއިރު އޭނަ ވިސްނިއެވެ. ޒަހްރާނަށް އޭނަގެ ބަނޑުގައި އުފެދެމުން ދާ ދަރިފުޅުގެ ހަޤީޤަތް ބުނެދޭން އެހިނދު އައިރާގެ ހިތް ބާރު އެޅިއެވެ. އެއީ ބައްޕަ ނެތް ކުއްޖެއް ނޫނެވެ. އޭނަ ކައިވެނީގެ ބޭރުން އެފަދަ ގުޅުމެއް ކުރިއަކަށް ނުގެންދެއެވެ. ނުވެސް ގެންދާނެއެވެ. އުޅެ ބޮޑުވީ ކިތަންމެ ބިރުވެރި މާޙައުލެއްގައި ނަމަވެސް، އޭނަ އެންމެ އިސްކަން އިނީ އަމިއްލަ މީހާގެ އަބުރާ ޢިއްޒަތް ސަލާމަތްކުރުމަށެވެ. އެއިން އެއްވެސް ކަމެއް މި ދުނިޔެ ޤަބޫލު ނުކުރިނަމަވެސް ހެއްދެވި ފަރާތް ހުރިހާ ކަމެއް ވެސް މޮޅަށް ދެނެވޮޑިގެންވެއެވެ.
ޙަޔާތުގެ ވާހަކަ އަމިއްއަށް ލިޔެވޭނެ ނަމަ ކިހާ ރަނގަޅުހެއްޔެވެ؟ އޭރުން އޭނަ ހަމަގައިމުވެސް އޭނަގެ ޙަޔާތުގެ ވާހަކައިގައި ލިޔާނީ އުފަލާ ހިތްހަމަ ޖެހުމުގެ ދާސްތާނެކެވެ. އެހެންނަމަވެސް އިންސާނާގެ ޙަޔާތުގެ ޞަފުހާތަކަކީ، ބޭނުންވާ ގޮތަށް ލިޔެވޭނެ އެއްޗެއް ނޫނެވެ. އައި އެއީ ބޭނުންވާ ހިނދެއްގައި ބޭނުންވާ ގޮތަކަށް އަނބުރާލެވޭނެ ކުޅިބައެއްވެސް ނުމެ ނޫންމެއެވެ. ތަޤުދީރުގެ ނިންމުންތަކަށް ޖަދަލުކުރެވޭނެ އިންސާނަކު މި ދުނިޔެ މަތީގައި ނުވާނެއެވެ.
އެފަދަ ވިސްނުންތަކެއްގައި އިން އައިރާއަށް ގެއަށް އާދެވުނުއިރުވެސް ނޭނގުނެވެ. އޭނައަށް އިންގޮތަށް އިނދެވުނީއެވެ. ޒަހްރާން އައިރާއަށް ބަލައިލިއެވެ. ލޯގަނޑުންނެވެ. އައިރާ އިން ގޮތުން އޭނަގެ ހިތުގައި ޙަމްދަރުދީ އުފެދިގެން ދިޔައެވެ. އެންމެފަހުން ޒަހްރާން އައިރާއަށް ގޮވާލައިފިއެވެ.
"އައިރާ..." ޒަހްރާންގެ އަޑު އައިރާގެ ކަންފަތުގައި ޖެހުނުކަން އެނގުނެވެ. އެހެންނަމަވެސް ސިކުނޑިއަށް އޭނައަށް މީހަކު ގޮވިކަން ނަގައިގަންނަން އުނދަގޫވިއެވެ. ހީވަނީ ބުނެދޭން ނޭނގޭ ފުސްކަމެއް އޭނަގެ ސިކުނޑީގެ ތެރޭގައި ވީހެންނެވެ. އެކަމުގެ ސަބަބުް އޭނައަށް އިނދެވުނީ ވިސްނުމަކަށް ގެއްލިފައެވެ. އެއް ދިމާލަކަށް ސިކުނީގެ ވިސްނުންތައް ދޫކޮށްލައިގެންނެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ ފިރިއެއްގެ ލޯބިން މަޙްރޫމްގެ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖެހިއްޖެއެވެ. ދިރިއުޅުމަށްޓަކައި ދެކެމުން އައި ހުވަފެންތަކުގައި ރަނގަޅަށް ކުލަ ނުޖެހި އުޅެނިކޮށް ބިލާހަކަށް ވެގެން ހިނގައްޖެއެވެ. އޭނަގެ ޙަޔާތަކީ ކުލަ ޖެހުމެއް ނުވާ ކަޅާ ހުދުގެ ތަސްވީރަކަށް ވެގެން ހިނގައްޖެއެވެ.
"އައިރާ..." މިފަހަރު ޒަހްރާން ތަންކޮޅެއް ބާރަށް ގޮވައިލިއެވެ.
"އަ.. އާނ...." ހަމަހޭވެރިކަންވީ އައިރާ ތެޅިގަނެފައި ޒަހްރާނަށް ބަލައިލުމަށްފަހު ކާރުން ފޭބިއެވެ. ޒަހްރާންވެސް ކާރު އެ ދިމާލުގައި ބާއްވާލާފައި އައިރާއާއެކު ގޮސް ލިފްޓް ލޮބީގައި މަޑުކޮށްލިއެވެ. ލިފްޓު އައުމުން ދެމީހުން ލިފްޓަށް އެރިއެވެ. އިރުއިރުކޮޅުން އައިރާއަށް ވަށްކަޅިން ޒަހްރާނަށް ބަލައިލެވެއެވެ. ޒަހްރާން ހުރީ ފޯނަށް ބަލަހައްޓައިގެންނެވެ. އޭނަ އެންމެ ފަހަރަކުވެސް އައިރާއަކަށް ބަލައެއް ނުލައެވެ. އޭނަގެ ހިތުގައި ވަރުގަދަ ހައިޖާނުގަނޑެއް އުފެދިފައިވީނަމަވެސް، އެ އަސަރުތައް ވަންހަނާކުރަން ޒަހްރާން މަސައްކަތްކުރިއެވެ. އެކަން އޭނައަށް ކާމިޔާބުވެސް ވިއެވެ.
މައްޗަށް ގޮސް ލިފްޓުން ދެމީހުންވެސް ނުކުމެލިއެވެ. އެއްވެސް ހަޤީޤަތެއް ނޭނގި ޒަހްރާން އޭނައަށް އެހީވުމުން އައިރާއަށް އެކަމަށްޓަކާ ޒަހްރާނަށް ޝުކުރު ކުރެވުނެވެ.
"ތެންކިއު..." އައިރާ ބުނެލިއެވެ. ޒަހްރާން ބޯ ޖަހައިލިއެވެ. އޭނަގެ ދުލުން އެއްވެސް ބަހެއް ބޭރެއް ނުވިއެވެ. ޒަހްރާންގެ ފަރާތުން ފެނުނު ފިނި ކަމުގެ ސަބަބުން އައިރާގެ ހިތަށް އުނދަގޫވިއެވެ.
"އަހަންނާ ހަމަ އެއްވެސް ސުވާލެއް ނުކުރާނަންތަ؟" އައިރާ އެ ސުވާލު ޒަހްރާންއާ އެކޮށްލީ ނިކަން ހިތްވަރުކަން އޭނަގެ މޫނުމައްޗަށް ބަލައިލި ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. ޒަހްރާނަށް ވިސްނަންވީ އެއްޗެއް ނޭނގުނެވެ. މިހުރިހާ ދުވަހު ނުބުނެވުނު ވާހަކައެއް އޭނަ ސުވާލުކުރިއެއްކަމަކު މިއަދު އައިރާ ބުނާނެ ހެއްޔެވެ؟
"އަހަންނަށް އެނގެން ޖެހޭ އިތުރު އެއްޗެއް އެބަ އޮތްތަ؟" ޒަހްރާންވެސް ރައްދުގައި ކޮށްލީ ސުވާލެކެވެ. އައިރާގެ މޫނުމަތީން ފެނުނީ ބަޔާންކުރަން ދަތި އަސަރުތަކެކެވެ. ޒަހްރާންގެ އެ ވާހަކައިން އޭނައަށް އަސަރުކުރިކަން އޭނަ އިސްޖަހައިލި ގޮތުން އެކަނިވެސް ދޭހަވެއެވެ. އެފަދަ ގޮތަކަށް ޒަހްރާން އޭނައާ ވާހަކަ ދައްކަފާނެކަމަށް އުންމީދުނުކުރެވުނީތީ ކަމަށްވެސް ވެދާނެއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ މިހުރިހާ އިރު ޒަހްރާން އޭނައާ ވާހަކަ ދެއްކީ ނުލާހިކު ރީތިކޮށްވިއްޔާއެވެ. އައިރާއަށް ހިތި ގޮތަކަށް ހިނިތުންވެވުނެވެ.
"ޒަހްރާންވެސް އެހެން ވީމަ އަހަންނާ ދޭތެރޭ ދެކެނީ ހަމަ އެހެން މީހުން ދެކޭ ގޮތަށް ދޯ. އަހަންނަކީ ހަމަ އެހާ ދަށު ދަރަޖައިގެ އަންހެން ކުއްޖެއް ކަމަށް ދޯ." އައިރާއަށް އެހެން ބުނެވުނުއިރު އޭނަގެ އަޑު ކުރެހުނެވެ. އޭނަގެ މުޅި ޖިސްމުގައި ވެސް ތުރުތުރު އެޅުމެއް ވެއެވެ. ޒަހްރާނާ ނަޒަރު ސީދާކޮށްލުމެއް ނެތި އައިރާ ހުއްޓެވެ. ދެން އެ ދެމެދުގައި ފާއިތުވެގެން ދިޔައީ ހިމޭންކަމުގެ ސުކޫތެކެވެ. އިސްވެ އަނގައިން ބުނަން ދެމީހުންވެސް އުޒުރުވެރިވީ އެވެ. އެހެންނަމަވެސް ހިތްވަރުކޮށްފައި ޒަހްރާން ވާހަކަ ދެއްކިއެވެ.
"އަހަރެން ކީކޭ އަހާނީ؟ ކޮން ހައިސިއްޔަތަކުން ސުވާލުކުރާނީ؟ އަހަރެން ސުވާލުކޮށްފިއްޔާ އައިރާ އަހަންނަށް ކިޔައިދޭނަންތަ؟" ޒަހްރާން ހިމޭންކަން ފޫދުއްވައިލިއެވެ. އޭނަ ފުންކޮށް އައިރާއަށް ބަލައިލިއިރު އޭނަގެ ހިތްވެސް ތެޅިލިއެވެ. ހީވީ އަޑު އަހަން ބޭނުންނުވާ ލަފުޒުތަކެއް އަޑު އިވިދާނެތީ ޖެހިލުންވީ ހެންނެވެ. އޭނަ އައިރާއަށް ޝައްކުކުރާކަށް ބޭނުމެއް ނޫނެވެ. އެހެންނަމަވެސް، ފެންނަ މަންޒަރުތަކުން ސިކުނޑިއަށް ނުބައި ވަސްވާސްތައްވެސް ވެރިވަނީއެވެ. އެއީ އިންސާނީ ތަބީޢަތެވެ. ބައެއްފަހަރު، ފެންނަ މަންޒަރު ތަކުގެ މައްޗަށް ބުރަވެ ހުރެ ގޮތް ނިންމެއެވެ.
"އަހަންނަކީ ޒަހްރާން ތި ހީކުރާކަހަލަ މީހެއް ނޫން. އަހަރެން ދުވަހަކުވެސް ގޯސް ގޮތަކަށް ނޫޅެން... ނުވެސް އުޅޭނަން... އަހަރެން.... އަހަރެންގެ ބަނޑުގައި މިވަނީ ބައްޕަ ނެތްކުއްޖެއް ނޫން... އައެމް... އައެމް މެރީޑް ޒަހްރާން... އައެމް މެރީޑް..." އައިރާއަށް އެހެން ބުނެލެވުނުއިރު އޭނަގެ ދެލޮލުން ކަރުނަ ތިއްކެއް ވެއްޓިއްޖެއެވެ. ބަލިކަށިވި ވަގުތުކޮޅު ޒަހްރާންގެ ފަރާތުން އޭނައަށް ލިބުނު އޯގާތެރިކަމުން އައިރާއަށް ފުރަތަމަ ފަހަރަށް އެ ހަޤީޤަތް ޒަހްރާންގެ ކުރިމަތީގައި ހާމަކޮށްލެވުނެވެ. އޭނައާ މެދު ޒަހްރާން އެފަދަ ގޮތަކަށް ދެކެން އައިރާ ބޭނުން ނުވާފަދައެވެ. އެންމެ ބޭނުންވި ދުވަހު ފިރިމީހާގެ ފަރާތުން ނުލިބުނު އެހީތެރިކަން އޭނައަށް ޒަހްރާންގެ ފަރާތުން ލިބުމުން ކަމަށް ވެސް ވެދާނެއެވެ. ހަޤީޤަތް ނޭނގުނަސް، އެހުރިހާއިރު ޒަހްރާން އޭނައަށް އެހީވުމުން، އެހެން މީހުންނާ ޒަހްރާން ތަފާތުކަމުގައި އޭނައަށް ޤަބޫލުވެސް ކުރެވުނީއެވެ. އެހެން މީހަކު ނަމަ އޭނަ ދޫކޮށްލާފައި ދާނީ ކަންނޭނގެއެވެ. ފޫހިވެ ދެން އަޅާވެސް ނުލީހެވެ.
"މެ.. މެރީޑް؟ ޔޫ އާރ މެރީޑް؟" ފުރަތަމަ ވާހަކަ ދެއްކިއިރު، ޖެހިލުންވި ނަމަވެސް، ދެވަނަ ފަހަރަށް އޭނަ ވާހަކަ ދެއްކިއިރު ޔަޤީން ނުކުރެވޭ ފަދަ އަކުން ޒަހްރާންގެ އަޑުވެސް ކުޑަކޮށް ބާރުވިއެވެ. އޭނަގެ މޭ ތެރޭގައި އިތް ހިތް ކުޑަ ވަގުތުކޮޅަކަށް ހުއްޓުމަށްފަހު ހިނގަން ފެށިފަދައެވެ. ނޭވާވެސް އަރުތެރޭގައި ތާށިވެގެން ދިޔައެވެ. ހިންދިރުވައިލުންވެސް ޒަހްރާނަށް އުނދަގޫވިއެވެ. އައިރާގެ ދުލުން އަސަރާއެކު އެ ބަސްތައް ބުނެލިގޮތުން މެއަށް އުނދަގޫވިއެވެ. ޚާއްސަކޮށް އައިރާއަކީ މީހެއްގެ އަނތްބެއްކަމުގައި ދުލުން އިޤުރާރުވުމުން އޭނަގެ ހިތް ހީވީ ފުންމިން ނޭނގޭ ކަނޑެއްގެ ތެރެއަށް ގެނބިގެން ދިޔައެވެ.
"އައިރާ...." އޭނައަށް އައިރާއަށް ގޮވައިލެވުނެވެ.
"ހޫމް... އަހަރެން އުޅެނީ މީހަކާ އިނދެގެން. ޤަބޫލުނުކުރެވެނީތަ؟" އައިރާ އަހައިލިއެވެ.
"ނު..ނޫން..." ޒަހްރާނަށްވެސް އެހެން ބުނެވުނީ އުނދަގުލުންނެވެ. އޭނަގެ ހިތާ ފުރާނަވެސް ގޮވަމުން ދިޔައީ އައިރާގެ ވާހަކަ ޤަބޫލުކުރުމަށެވެ. އެހެންނަމަވެސް އައިރާ އެބުނި ޖުމްލަތައް ޤަބޫލުކުރަން ސިކުނޑި ވަގުތުކޮޅެއް ބޭނުންވާފަދައެވެ. ޖެހިލުންވުމެއްވީ އެހެންވެގެންނެވެ.
"ޒަހްރާން އެހީމެއްނު މިގެއަށް އަންނަނީ ކާކުހޭ؟ އެއީ އަހަރެންގެ ފިރިމީހާ... ހިލޭ މީހެއް ނޫން..." އައިރާ ބުނެލިއެވެ.
(ނުނިމޭ)