ފިޒާނާ އައިޝަތު އަލީއަށް: ސްކޯލާޝިޕް ދޭ އުސޫލު އެއްވަރެއްގައި އޮތުމުން ދަރިވަރުން ކުރިއަރަން އޮތް މަގު ބަންދުވާނެ

ކޮލިފިކޭޝަންސް އޮތޯރިޓީގެ ސީއީއޯ މަރްޔަމް ފިޒާނާ ރަޝީދު: ވިދާޅުވީ ސްކޯލާޝިޕް ދޭ މިންގަނޑު އަބަދު އެއްވަރެއްގައި ހިފަހައްޓައިފައި އޮތުމުން، ދަރިވަރުން ކުރިއަރައިދާން އޮތް މަގު ބަންދުވާނެ ކަމަށް -- ފޮޓޯ/ އެމްކިއުއޭ

ދަރިވަރުންނަށް ހައި އެޗީވާސް ސްކޯލާޝިޕް ދިނުމުގެ މިންގަނޑުތަކަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ގެނައި ބަދަލުތަކަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ބޭފުޅުންގެ މެދުގައި ބޮޑު ބަހުސެއް އުފެދުނު ކަމަކަށް ވެއްޖެއެވެ. މި އުސޫލު އާންމުކުރުމާއެކު، ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ ވަނީ މިއީ ދަރިވަރުންނަށް ބޭއިންސާފު ގޮތެއް ކަމަށާއި، މި ބަދަލުގެ ސަބަބުން ދަރިވަރުންގެ ކުރިމަގުގެ ފުރުސަތުތައް ހަނިވެގެންދާނެ ކަމަށް ވިދާޅުވެފައެވެ. މިކަމާ ގުޅިގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ވަނީ ޚިޔާލު ފާޅުކުރައްވާފައެވެ. ފިޒާނާ ދެކެވަޑައިގަންނަވާ ގޮތުގައި، ސްކޯލާޝިޕްގެ މިންގަނޑުތައް އުފުލުމަކީ ދަރިވަރުންގެ މެދުގައި ވާދަވެރިކަން އިތުރުކޮށް، މޮޅެތި ނަތީޖާތައް ހޯދުމަށް ދަރިވަރުންނަށް ލިބޭ ހިތްވަރެކެވެ. މިއީ ތަޢުލީމީ ފެންވަރު މަތިކުރުމަށްޓަކައި އެޅޭ ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރައްވައެވެ.

  • ސަރުކާރުން ހައި އެޗީވާސް ސްކޯލާޝިޕް ދޭ މިންގަނޑަށް ބަދަލު ގެނައުން
  • ޑރ. ޢާއިޝަތު ޢަލީ މި ބަދަލަކީ ބޭއިންސާފު ކަމަށް ސިފަކުރެއްވުން
  • މަރިޔަމް ފިޒާނާ މި ބަދަލަކީ ދަރިވަރުންގެ ކުރިއެރުމަށް މަގުފަހިވާނެ ކަމެއް ކަމަށް ވިދާޅުވުން
  • ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށް އައިސްފައިވާ އާ ބަދަލުތައް

ދަރިވަރުންނަށް ހައި އެޗީވާސް ސްކޯލާޝިޕް ދޭ މިންގަނޑު އަބަދު އެއްވަރެއްގައި ހިފަހައްޓައިފައި އޮތުމުން، ދަރިވަރުން ކުރިއަރަން އޮތް މަގު ބަންދުވާނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު އިއްޔެ ވިދާޅުވެއްޖެއެވެ.

ހައި އެޗީވާސް ސްކޯލާޝިޕް ދެން ލިބޭނީ އޭ ލެވެލް އިމްތިހާނުގައި މަދުވެގެން އެއް އޭ ސްޓާ ހޯދާ ދަރިވަރުންނަށް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހޯމަ ދުވަހުގެ ދަންވަރު އާންމުކުރުމާ ގުޅިގެން، ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ 'ފޭސްބުކް'ގައި ލިޔުއްވި ޕޯސްޓެއްގައިވަނީ، ސަރުކާރުން ގެނައި ބަދަލަކީ ބޭއިންސާފު ބަދަލެއް ކަމަށެވެ.

https://sun.mv/219897

ޢާއިޝަތު ޢަލީއަށް ރައްދުދެއްވައި، ފިޒާނާ ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައިވަނީ، ހައި އެޗީވާސް ސްކޯލާޝިޕް ލިބޭ މިންގަނޑު މަތިކުރުމުގެ ސަބަބުން ދަރިވަރުންނަށް ވާނެ ގެއްލުމެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

ފިޒާނާ ފާހަގަކުރެއްވި ގޮތުގައި، ވަނަ ހޯދަން މަސައްކަތްކުރާ ދަރިވަރުން އަބަދުވެސް ބަލާނީ ކިޔަވާ މާއްދާތަކުން އެންމެ މަތިން މާކްސް ލިބޭތޯއެވެ.

"މިސާލަކަށް އަބަދު ކަންކަން އެއް މިންގަނޑެއްގައި ހިފަހައްޓައިފައި އޮވެއްޖިއްޔާ ކުދިން ކުރިއަރަން މަގު ބަންދުވާނެ، އަބަދުވެސް ތިބޭނީ އެއް ލެވަލެއްގައި، އޭގެ ބަދަލުގައި ސްޓޭންޑާޑް އިތުރަށް ހައި ކުރީމައި އެކަމަށް ކުދިން އިތުރަށް މަސައްކަތްކޮށް ކުދިންނަށް އިތުރަށް ކުރިއެރުން ލިބޭނެ،" ފިޒާނާ ލިޔުއްވާފައިވެއެވެ.

ޢާއިޝަތު ޢަލީގެ ޕޯސްޓުގައި ވަނީ، ސްކޯލާޝިޕް ލިބޭ މިންގަނޑު މަތިކުރުމަކީ ސްޓްރީމް މާއްދާތަކުން މަތީ ނަތީޖާއާއެކު ސްކޯލާޝިޕް ހޯދަން މަސައްކަތްކުރާ ދަރިވަރުންގެ ހައްގަށް އުނިކަން އަންނާނެ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އެއީ، ބޭއިންސާފު ނިންމުމެއް ކަމަށާއި ދަރިވަރުން ކުރިއަށް ދާން އިޚުތިޔާރުކޮށްފައިވާ ދާއިރާއާ އެއްވެސް ގުޅުމެއް ނެތް މާއްދާތަކެއްގެ ސަބަބުން، އެ ކުދިންގެ ކުރިމަގުގެ ފުރުސަތުތައް ހަނިވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ލިޔުއްވާފައިވެއެވެ.

https://sun.mv/219890

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އުސޫލަށް ބަދަލު ގެނެސް އާންމުކުރި އުސޫލުގައިވާ ގޮތުން، ހައި އެޗީވާސް ސްކޯލާޝިޕް ދެން ލިބޭނީ އޭލެވެލް، ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން ތިން މާއްދާއިންނާއި، އެޗްއެސްސީ އިސްލާމާއި ދިވެހި މާއްދާއާއެކު ޖުމްލަ ފަސް މާއްދާގެ ތެރެއިން މަދުވެގެން އެއް މާއްދާއިން އޭ ސްޓާ ލިިބުމުންނެވެ. އަދި އަނެއް ހަތަރު މާއްދާއިން ދަށްވެގެން އޭ ގުރޭޑް ލިބުމުންނެވެ.

ޢަރަބިއްޔާ ސްކޫލުގައި މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރާ ދަރިވަރުންނަށް ކުރިން އޮންނަނީ، ޝަހާދާ ސާނަވިއްޔާގައި އެ ދަރިވަރަކު ކިޔެވި ސްޓްރީމްގެ ހުރިހާ މާއްދާއަކުން 'އޭ' ފާސް ހޯދުމުން، ހައި އެޗީވާސް ސްކޯލާޝިޕް ލިބޭ ގޮތަށެވެ.

އެކަމަކު އުސޫލަށް އައި ބަދަލާއެކު، ހައި އެޗީވާސް ސްކޯލާޝިޕް ބޭނުންނަަމަ، ޢަރަބިއްޔާ ސްކޫލުގައި މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރާ ދަރިވަރުން ޝަހާދާ ސާނަވިއްޔާ، ނުވަތަ ގްރޭޑު 11 އާއި 12ގައި އެ ދަރިވަރަކު ކިޔެވި ސްޓްރީމްގައި ކޮންމެހެން ކިޔަވަންޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅައިފައިވާ މާއްދާތަކާއި، އެޗްއެސްސީ ދިވެހި ހިމެނޭހެން، އެ ތަނުން އެއް މާއްދާއިން 'އޭ ސްޓާ' ހޯދައި، ދެން ހުރި މާއްދާތަކުން 'އޭ' ފާސް ހޯދަން ޖެހޭނެއެވެ.

comment ކޮމެންޓް