ޓްރަމްޕަށް މަލާމާތްކުރުމުގެ ގޮތުން، ވޮޝިންޓަންގައި ރަން ފާޚާނާ ތައްޓެއް ބަހައްޓައިފި!

ޓްރަމްޕަށް މަލާމާތް ކުރުމުގެ ގޮތުން ވޮޝިންޓަން ޑީސީގެ ނޭޝަނަލް މޯލްގައި ބަހައްޓާފައިވާ ފާޚާނާ ތަށި -- ފޮޓޯ/ ރޮއިޓާސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް މަލާމާތްކުރުމުގެ ގޮތުން ވޮޝިންޓަން ޑީސީގެ ނޭޝަނަލް މޯލްގައި ރަން ފާޚާނާ ތައްޓެއް ބަހައްޓައިފިއެވެ.

ރަން ކުލައިގެ ސްޕްރޭ ޖަހާފައިވާ އެ ފާޚާނާ މޯލްގައި ބެހެއްޓީ، އެމެރިކާގެ މިދިޔަ ފެޑެރަލް ސަރުކާރުގެ ބަޖެޓް ފާސް ނުކުރެވުމާ ގުޅިގެން ފެޑެރަލް ސަރުކާރުގެ މަސައްކަތް ހުއްޓިފައި އޮތް ދަނޑިވަޅެއްގައި ވައިޓް ހައުސްގެ ފާޚާނާއެއް މަރާމާތު ކުރަން އިސްކަން ދެއްވުމާ ގުޅިގެން އެކަމަށް ފާޑުކިޔުމުގެ ގޮތުން ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ފާޚާނާ ތަށި ބަހައްޓާފައި ވަނީ ޓްރަމްޕާ ދެކޮޅަށް އެމެރިކާގައި ކުރި "ނޯ ކިންގްސް" މުޒާހަރާތަކަށް ފަހުއެވެ.

އެ ތަށި ފާރުމާކޮށް ހަދާފައި ވަނީ ޓްރަމްޕާއި އެމެރިކާގެ މަހުޖަނު އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ދައުވާ ސާބިތުވެފައިވާ ޖެފްރީ އެޕްސްޓީންއާއި ދެމީހުން އަތުގައި ހިފައިގެން ތިބި މަންޒަރު ފެންނަ ގޮތަށް ހަދާފައިވާ ބުދު ފަރުމާކޮށް ހެދި ދަ ސީކްރެޓް ހެންޑްޝޭކް އިންނެވެ.

ފާޚާނާ ތަށި ބަހައްޓާފައި ވަނީ ސަރުކާރުގެ މަސައްކަތް ހުއްޓިފައި އޮތް ދަނޑިވަޅެއްގައި ވައިޓް ހައުސްގެ ފާޚާނާއެއް މަރާމާތު ކުރަން އިސްކަން ދެއްވުމާ ގުޅިގެން އެކަމަށް ފާޑުކިޔުމުގެ ގޮތުން -- ފޮޓޯ/ރޮއިޓާސް

"ކުރިން ނުފެންނަ ބައިބައިވުމާއި، ކޯޅުންތައް އިތުރުވުމާއި، އިގްތިސޯދީ ހަލަބޮލިކަމުގެ ދުވަސްވަރެއްގައި، ރައީސް ޓްރަމްޕް ފޯކަސް ކުރެއްވީ ހަގީގަތުގައި މުހިންމު ކަމަކަށް. ވައިޓް ހައުސްގެ ލިންކަން ފާޚާނާ މަރާމާތު ކުރުމަށް،" ފާޚާނާ ތަށީގެ އެއްފަރާތުގައި ޖަހާފައިވާ ފޮތިގަނޑެއްގައި ލިޔެފައިވެއެވެ.

މިދިޔަ އަހަރު އޮކްޓޫބަރު މަހު ބަޖެޓް ފާސްނުކުރެވި ސަރުކާރު ހުއްޓުމަކަށް އައިސްފައި އޮތް ދަނޑިވަޅެއްގައި ވައިޓް ހައުސްގެ ކޮޓަރިއެއްގެ ފާޚާނާއެއް ހެދި ވާހަކަ ޓްރަމްޕް ވަނީ އޭނާގެ ޓްރޫތް ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައެވެ.

ސަރުކާރުގެ މަސައްކަތްތައް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައި ވަނީ 43 ދުވަސް ފަހުންނެވެ. އެއީ އެމެރިކާގެ ތާރީޚުގައި ވެސް އެހާ ދިގުމުއްދަތަކަށް ފެޑެރަލް ސަރުކާރު ބަންދުކުރި ފުރަތަމަ ފަހަރެވެ.

ޓްރަމްޕާ ދެކޮޅަށް އެމެރިކާގައި މިދިޔަ އަހަރުން ފެށިގެން ކުރަމުންދާ ސިލްސިލާ މުޒާހަރާ "ނޯ ކިންގްސް" ހަރަކާތްތަކުގެ ދަށުން މި މަހުގެ 28 ވަނަ ދުވަހު އުތުރުގެ ސިޓީއެއް ކަމަށްވާ މިނިއާޕޮލިސްގައި ލައްކައެއްހާ މީހުން ވަނީ އެއްވެފައެވެ. މި އެއްވުމުގައި ބައިވެރިވި އެތައް ހާސް ބަޔަކު ވަނީ ރަސްކަލަކު ބޭނުމެއް ނޫން ކަމަށާއި ހަނގުރާމަ ބޭނުން ނޫން ކަމަށް ބުނެ އަޑުއުފުލާފައެވެ.

comment ކޮމެންޓް