މޮޅާއެކު އުރުބާނީ: ''ކުޅުންތެރިން ބޭނުންވަނީ ކޮންމެ ހާލެއްގައިވެސް ސަޕޯޓަރުންގެ ފުރިހަމަ ތަރުޙީބު''

އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާއި ރާއްޖެ ބައްދަލުކުރި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ސަން ފޮޓޯ: ޝާތިއު ޢަަބްދުﷲ

ތިން އަހަރުގެ ދިގު މެދުކެނޑުމަކަށްފަހު އަމިއްލަ ޤައުމުގައި ކުޅުމުގެ ފުރުޞަތު ލިބުމަކީ ކުޅުންތެރިންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި ސަޕޯޓަރުންގެ ފަރާތުން ލިބޭ ތަރުޙީބުގެ މުހިންމުކަން ވަރަށް ބޮޑުކަމަށް ގައުމީ ކޯޗު އިސްތަވާން އުުރުބާނީ ބުނެފިއެވެ.

އޭޝިއަން ކަޕް ކޮލިފައިންގެ ފަހު މެޗު ގައި އަމިއްލަ ދަނޑުގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅެ ފަހަތުންއަރާ 2-1 އިން މޮޅުވި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވަނީ ގައުމީ ޓީމަށް ލިބޭ މޮޅާއި ދެރަ ނަތީޖާއާއެކު ޓީމަށް ތަރުހީބުގެ މުހިންމުކަމުގެ ވާހަކައެވެ.

އުރުބާނީ ބުނީ ކުޅުންތެރިންނަށް އެންމެ ބޮޑަށް ބޭނުންވަނީ ސަޕޯޓަރުންގެ ފުރިހަމަ އެއްބާރުލުމާއި ތަރުޙީބެވެ. ޤައުމީ ފުޓުބޯޅަ އަލުން ކުރިއަރުވައި، ކުރިން އޮތް ފޯރި ގެނައުމަށްޓަކައި، ދަނޑަށް ވަދެ ސަޕޯޓުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

މީގެއިތުރުން ރަތް ކުލައިގެ ޖާޒީ ލައިގެން ތިބޭ ސަޕޯޓަރުންނާ އެކު ދަނޑު ފުރާލެވިފައި އޮންނަ ނަމަ، ދަނޑުމަތީގައި ދުވާ ކުޅުންތެރިންނަށް ވަރުބަލިކަމުގެ އިޙުސާސްތައް ނުކުރެވޭނެ ކަމަށް އޭނާ ބުންޏެވެ. މިއީ ކުޅިވަރުގެ ނަފްސާނީ ޢިލްމުގައިވެސް ވަރަށް ބޮޑަށް ޤަބޫލުކުރާ ހަގީގަތެއް ކަމަށާއި ސަޕޯޓަރުންގެ އަޑާއި، އެމީހުންގެ ފޯރިއަކީ ކުޅުންތެރިންގެ ހަށިގަނޑަށް އައު ހަކަތައެއް އިންޖެކްޓްކޮށްދޭ ކަމެއް ކަމަށް އުރުބާނީ ބުންޏެވެ.

ފާއިތުވި އަހަރުތަކުގައި ފުޓުބޯޅައަށް އޮތް ތަރުޙީބު ކުޑަވަމުން ގޮސްފައިވާކަން ފާހަގަކޮށް، އެކަން ބަދަލުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް އުރުބާނީ ގޮވާލިއެވެ. އަދި ކުޅުންތެރިންނަށް އެމީހުންގެ ކުޅުމުން ސަޕޯޓަރުންގެ އިތުބާރު ހޯދުމުގެ ޒިންމާ އޮތްކަންވެސް އޭނާ ހަނދާންކޮށްދިނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ފަހު ބައިގައި ކޯޗު އުރުބާނީ އަލިއަޅުވާލީ ޤައުމީ ޓީމަށް ކުޅުންތެރިން ހޮވުމުގައި އޭނާ ގެންގުޅޭ އުސޫލުތަކާއި، ޓީމުގެ މުސްތަޤުބަލާ ގުޅޭގޮތުން އޭނާ ގެންގުޅޭ ތަސައްވުރަށެވެ.

އޭނާ ހާމަކުރި ގޮތުގައި ޤައުމީ ޓީމަށް ކުޅުންތެރިން ނެގުމުގެ ކުރިން، ރާއްޖޭގެ އެކި ކްލަބުތަކުގެ ކޯޗުންނަށް ފޯމެއް ފޮނުވައި، އެބޭފުޅުންގެ ލަފަޔާއި އިރުޝާދު ވަނީ ހޯދާފައެވެ. މިއީ ޤައުމީ ޓީމާއި ކްލަބުތަކާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، އެންމެ ހުނަރުވެރި އަދި އެންމެ އެކަށީގެންވާ ކުޅުންތެރިން ޓީމަށް ނެގުމަށް އޭނާ ކުރި ވަރަށް މުހިންމު މަސައްކަތެކެވެ.

އުރުބާނީ ޤަބޫލުކުރާ ގޮތުގައި އެއްވެސް ޓީމެއްގެ ސެލެކްޝަނަކީ ސައްތައިން ސައްތަ ފުރިހަމަ އެއްޗަކަށް ނުވެދާނެއެވެ. ނަމަވެސް އޭނާގެ އަމާޒަކީ ލިބެން ތިބި އެންމެ މޮޅު އަދި އެންމެ ފޯމުގައި ތިބި ކުޅުންތެރިން ހިމަނައިގެން ޓީމު އެކުލަވާލުމެވެ.

މީގެ އިތުރުން، މެޗުގެ ތެރޭގައި ޓެކްޓިކަލް ގޮތުން ބަދަލުތައް ގެނައުމަށް ފަސޭހަވާނެ ފަދަ ގޮތަކަށް ޓީމު ބައްޓަންކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރިއެވެ. ކޯޗު އުރުބާނީގެ އެންމެ ބޮޑު އެއް ވިސްނުމަކީ، ޤައުމީ ޓީމެއްގެ ފެންވަރު މަތިކޮށް، ކުޅުންތެރިންގެ ކިބައިގައި ފުރިހަމަ އިތުބާރު އުފެއްދުމަށްޓަކައި، އެތައް ދިހަ އަހަރުތަކެއްގެ މަސައްކަތާއި، އެތައް ސަތޭކަ މެޗެއް ކުޅެންޖެހޭނެކަމެވެ.

އެންމެ މެޗަކުން ނުވަތަ އެންމެ މުބާރާތަކުން ހުރިހާ ކަމެއް ބަދަލުނުކުރެވޭނެ ކަމަށާއި، މިއީ މެދުކެނޑުމެއްނެތި ކުރަންޖެހޭ ދިގު ދަތުރެއްކަން އޭނާ ވަނީ ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު