ލ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށައިފި

އާރުޓީއެލް ފެރީއެއް: ލ. އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް، މިއަދު ވަނީ ފަށާފައި --

ލ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް، މިއަދު ފަށައިފިއެވެ.

މިކަމަށްޓަކައި ލ. ފޮނަދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި ޚިދުމަތް ފައްޓަވައިދެއްވީ، ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގު އިބްރާހީމެވެ.

އާރްޓީއެލް ޚިދުމަތް ކޮންމެ އަތޮޅެއްގައި ވެސް ރަސްމީކޮށް ފެށުމަށް ފަހު، އެއް ހަފުތާއަށް އެ އަތޮޅެއްގެ ރައްޔިތުން ހިލޭ ދަތުރުކުރެވޭ ގޮތަށް ޚިދުމަތް ފޯރުކޮށްދެއެވެ. މިއީ އަހުލުވެރިކުރުމުގެ ގޮތުން ބާއްވާ ހިލޭ ދަތުރުތަކެކެވެ.

އެގޮތުން މާދަމާއިން ފެށިގެން އަންނަ ހަފުތާގެ އަންގާރަ ދުވަހާއި ހަމައަށް ހިލޭ ދަތުރުކުރެވޭނެއެވެ. އޭގެފަހުން ބުދަ ދުވަހުން ފެށިގެން ޓިކެޓް ނަގައިގެން ދަތުރުތައް ފަށާނެއެވެ.

ލ. އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --

ދަތުރުފަތުރާ ބެހޭ ވުޒާރާއިން ބުނީ ލ. އަތޮޅުގައި ފެރީގެ ޚިދުމަތް ފެށުމުން، މި ޚިދުމަތް ދޭ އަތޮޅުގެ އަދަދު 15 އަށް އަރާނެކަމަށެވެ.

މި މަޝްރޫއަކީ ރާއްޖޭގެ ހުރިހާ އަތޮޅެއް ހަ ޒޯނަކަށް ބަހާލައިގެން، ހުރިހާ ރަށްތަކެއް ދަތުރުފަތުރުން ގުޅާލުމަށް 2022 ވަނަ އަހަރު، އެމްޓީސީސީއާ ހަވާލުކޮށްގެން ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުއެކެވެ.

މިހާރު މި ޚިދުމަތް ނުފެށި އޮތީ، މ. އަތޮޅުގެ އިތުރުން ޒޯން ތިނެއްގައި ހިމެނޭ ކ، އއ، އދ އަދި ވ އަތޮޅުގައެވެ.

މި މަޝްރޫއު ހުއްޓުމެއްނެތި އަތޮޅުތަކަށް ފުޅާކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރިޔަށް ގެންދާއިރު، ކުރިން މި ޚިދުމަތް ފަށާފައިވާ ގިނަ އަތޮޅުތަކުގައި، ފެރީ ދަތުރުތައް ކެންސަލް ކުރާ މިންވަރު ދުވަހުން ދުވަހަށް، އިތުރުވަމުންދާތީ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.

comment ކޮމެންޓް