ފިހިގެން ކުއްލި ފަރުވާ ހޯދުން: ކުރަންވީ އަދި ނުކުރަންވީ ކަންތައްތައް

ތަނެއް ފިހުމުން އަމަލުކުރާނެ ގޮތާއި އަވަސް ފަރުވާ ހޯދާނެގޮތާބެހޭ ފުރިހަމަ މައުލޫމާތު އެނގުމަކީ ވަރަށް މުހިއްމު ކަމެއް--ފޮޓޯ/ފްލައިންޑަސްޔުނިވަސިޓީ

ތަނެއް ފިހުމަކީ އާއްމުކޮށް ގޭތެރޭގައި، ޚާއްސަކޮށް ކުޑަކުދިންނަށް ދިމާވާ ހާދިސާއެކެވެ. މިފަދަ ހާލަތެއްގައި ހާސްވުމުގެ ބަދަލުގައި އެންމެ ފުރަތަމަ ކަމަކަށް އިސްކުރު ފެނުން ފިހުނުތަން ރަނގަޅަށް ދޮވުން މުހިއްމެވެ. އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ޕްލާސްޓިކް ސާޖަން ޑރ. މުޙައްމަދު ވަޙީދު ލަފާދެއްވާ ގޮތުގައި، ފިހޭ ތަނުގައި އައިސް، މާމުއި ނުވަތަ ފުށް އުނގުޅުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. މީގެ ބަދަލުގައި އަވަހަށް ޑޮކްޓަރަށް ދައްކައި، އެކަށީގެންވާ ބޭސް އެޅުމަށްފަހު ބަންދުކޮށްފައި ބެހެއްޓުމުން ފަސޭހަވުން އަވަސްވެއެވެ.

  • ފިހޭ ވަގުތު އިސްކުރު ފެނުން އެތަނެއް ރަނގަޅަށް ދޮވުން
  • ފިހޭ ތަނުގައި އައިސް، މާމުއި އަދި ފުށް ފަދަ ތަކެތި ނުއުނގުޅުން
  • ފިހުނު ތަން ހާމައަށް ބެހެއްޓުމުގެ ބަދަލުގައި ބޭސް އަޅައި ބަންދުކުރުން
  • ފުންކޮށް ފިހިފައިވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދުން

އަލިފާނުގެ ސަބަބުން ނުވަތަ އެނޫންވެސް ގޮތަކުން ހަށިގަނޑުގެ ބައެއް ނުވަތަ ތަނެއް ފިހުން ނުވަތަ އަނދައިގެން ދިއުމަކީ ދިމާވެދާނެ ކަމެކެވެ.

ތަނެއް ފިހުމުން އަމަލުކުރާނެ ގޮތާއި އަވަސް ފަރުވާ ހޯދާނެގޮތާބެހޭ މައުލޫމާތު ގިނަ ބަޔަކަށް އެނގުނު ނަމަވެސް އެފަދަ ހާދިސާއެއް ހިނގާ ވަގުތު ކުރިމަތިވެފައި ހުންނަ ހާސްކަމާއެކު ވަގުތުން އަމަލުކުރާނެ ގޮތް ބައެއް ފަހަރު ހަނދާންނެތެއެވެ.

ތަނެއް ފިހުމުން ހޮސްޕިޓަލަށް ފަރުވާ ހޯދަން ދިއުމަށް ވަގުތު ނެގުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ޚާއްސަކޮށް ކުޑަކުދިންނަކީ ގޭތެރޭގައި ވަރަށް ހަރަކާތްތެރިކޮށް އުޅޭ ބަޔަކަށްވެފައި ނޭނގުމެއްގެތެރޭގައި ހިނގާ އެކިކަހަލަ ހާދިސާތަކުގައި ކުދިން ފިހުމަކީ އާއްމުކޮށް ދިމާވާ ކަމެކެވެ. އޭގެތެރޭގައި ހޫނުފެން ކުއްޖެއްގެ ގަޔަށް ބުރައިގެން ދިއުން ނޫނީ ހޫނުފެން އެއްޗެއް ކުއްޖެއްގެ ގަޔަށް އެޅުން ކަހަލަ ކަންކަން ހިމެނެއެވެ.

އާއްމުކޮށް ކުޑަކުދިންނަށް ފިހުމުގެ ހާދިސާއެއް ދިމާވަނީ ނޭނގުމެއްގެތެރޭގައި ކުރެވޭ ބައެއް ކަންކަމުގެ ސަބަބުން--ފޮޓޯ/ކިޑްސްކްލިނިކް

މިފަދަ ހާދިސާއެއް ދިމާވާ ވަގުތު ހާސްނުވެ، ސައިންޓިފިކް ގޮތުން ސާބިތުވެފައިވާ ރަނގަޅު ފަރުވާ ދިނުމަކީ ކުއްޖާގެ ހަންގަނޑު އަވަހަށް ފަސޭހަވުމަށް އޮތް އެންމެ ބޮޑު އެހީއެވެ.

އެފަދަ ވަގުތެއްގައި ހޮސްޕިޓަލާ ހަމައަށް ދިއުމުގެ ކުރިން ގޭގައި އަމަލުކުރަންވީ ގޮތް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ޕްލާސްޓިކް ސާޖަންއެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން އަންނަ ޑރ. މުޙައްމަދު ވަޙީދު ދާދިފަހުން, ރާއްޖޭގެ މެޑިކަލް އެސޯސިއޭޝަންގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރެެއްވި ވީޑިއޯއެއްގައި ވަނީ ކިޔައިދެއްވާފައެވެ.

ޑރ. މުޙައްމަދު ވަޙީދު ފާހަގަކުރެއްވި ގޮތުގައި ފިހޭ ވަގުތު ދެވޭނެ އެންމެ ރަނގަޅު ފަރުވާ އަކީ، ފިހުނު ތަނަށް ގޭގެ އިސްކުރު ފެން ވީހާވެސް ގިނައިން އެޅުމަށްފަހު އެތަނެއް ދޮވުމެވެ. ގިނަބަޔަކަށް ހީވެފައި އޮންނަނީ ފިހޭ ތަނަކަށް އައިސްފެން ނުވަތަ ފިނިކުރި ފެން އެޅުމުން އަވަހަށް ރަނގަޅުވާނެ ކަމަށް ނަމަވެސް ފިހުނު ތަނަކަށް ކޮންމެހެން ފިނިކުރި ފެން އެޅުން މަޖުބޫރު ނޫން ކަމަށް ޑރ. މުޙައްމަދު ވަޙީދު ވަނީ ވިދާޅުވެފައެވެ.

ތަނެއް ފިހިއްޖެނަމަ އިސްކުރުފެން ބޭނުންކޮށްގެން އެތަނެއް ވީހާވެސް ގިނައިރުވަންދެން ދޮވުމަށް ޑޮކްޓަރުން ލަފާ ދެއްވާ--ފޮޓޯ/ރެއިޒިންގްޗިލްޑްރެންނެޓްވޯކް

ފިހުމުގެ ހާދިސާއެއް ދިމާވުމުން ބައެއް މީހުން އެ ފިހުނު ތަނެއްގައި، އައިސް އެޅުމާއި، މާމުއި ނުވަތަ ފުށް އުނގުޅާކަން ފާހަގަކުރެވިފައިވާ ކަމަށް ޑރ. މުޙައްމަދު ވަހީދު ހިއްސާކުރެއްވި ވީޑިއޯގައި ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް އެއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަންކަން ނޫން ކަމަށާއި އޭގެ ސަބަބުން އެ ފިހުނު ތަނެއް އިތުރަށް ގޯސްވެ ރަނގަޅުވާން ވަރަށް ދުވަސް ނަގާ ކަމަށް ޑޮކްޓަރު ވަނީ ވިދާޅުވެފައެވެ.

ޑރ. މުޙައްމަދު ވަޙީދު އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، ފިހިފައި ހުންނަ މިންވަރު ކުޑަނަމަ (އެހާ ފުން ނޫންނަމަ) ގަވައިދުން ބޭސް އަޅައިގެން ވަރަށް ރީތިކޮށް އެތަނެއް ފަސޭހަވެއެވެ. ނަމަވެސް ހަންގަނޑުގެ ބޮޑު ބައެއް އަނދައި، ވަރަށް ފުންކޮށް ފިހިފައި ހުރެއްޖެނަމަ، ބައެއް ހާލަތްތަކުގައި 'ސްކިން ގްރާފްޓް' ނުވަތަ އާ ހަންގަނޑެއް އެތަނުގައި އަޅަން ޖެހުމަކީ އެކަށީގެންވާ ކަމެެއް ކަމަށް ޑރ. މުޙައްމަދު ވަޙީދު ފާހަގަކުރައްވާފައިވެއެވެ.

ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި ފިހުނު ތަން އެންމެ ރީތިކޮށް ފަސޭހަވަނީ އެތަން ހާމަކޮށް ބޭއްވުމުގެ ބަދަލުގައި، އެކަށީގެންވާ ބޭހެއް އެޅުމަށްފަހު ބަންދުކޮށްފައި ބެހެއްޓުމުން ކަމަށް ޑރ. މުޙައްމަދު ވަޙީދު ވަނީ ވިދާޅުވެފައެވެ.

ކޮންމެއަކަސް ތަނެއް ފިހުމުން ހަނދާން ބަހައްޓަންޖެހޭ އެންމެ މުހިއްމު ނުކުތާ އަކީ، އިސްކުރު ފެނުން އެތަނެއް ރަނގަޅަށް ދޮވުމަށްފަހު ވީހާވެސް އަވަހަކަށް ޑޮކްޓަރަކަށް ދައްކައި ފިހިފައިހުރި މިންވަރު ދެނެގަނެއް ސިއްހީ ފަރުވާ ހޯދުމެވެ.

comment ކޮމެންޓް