މާލެ ޕޯޓުން މުދާ ހުސްކުރުމުގައި ގިނަ ދުވަސްވަނީ! ކޮލޮމްބޯ ޕޯޓުގައި އެތައް ކޮންޓެއިނަރެއް ރާއްޖެ ނުފޮނުވިފައި

އެމްޕީއެލް ސަރަހައްދުން ދޯންޏަކަށް މުދާ ބަރުކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާާ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއިން ހިންގާ މާލެ ޕޯޓުން މުދާ ހުސްކުރުމުގައި ވަރަށް ގިނަ ދުވަސް ނަގާތީ ވިޔަފާރިވެރިންނަށް ބޮޑެތި ދަތިތަކަކާ ވަނީ ކުރިމަތިވެފައެވެ. ކުރިން ދެތިން ދުވަހުން މުދާ ހުސްކުރެވުނު ނަމަވެސް، މިހާރު އެ މަސައްކަތަށް އަށާރަ ވަރަކަށް ދުވަސް ނަގާކަމަށް ވިޔަފާރިވެރިން މައުލޫމާތުދެއެވެ. މިކަމުގެ ސަބަބުން ރާއްޖެއަށް ގެންނަންޖެހޭ އެތައް ކޮންޓެއިނަރެއް ލަންކާގެ ކޮލޮމްބޯ ޕޯޓުގައި ތާށިވެފައިވާއިރު، މާލޭ ބާޒާރުން އާއްމުކޮށް ލިބޭ ބައެއް ބާވަތްތައްވެސް ވަނީ ހުސްވެފައެވެ. އެމްޕީއެލްއިން ބުނާގޮތުގައި މިއީ ޕީކް ސީޒަނާ ދިމާކޮށް ބަނދަރުގައި ތޮއްޖެހުން ބޮޑުވުމުގެ ސަބަބުން ދިމާވާ މައްސަލައެކެވެ. އަދި މިކަމަށް ދާއިމީ ހައްލެއް ލިބޭނީ ތިލަފުއްޓަށް ބަނދަރު ބަދަލުކުރެވުމުން ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

  • މާލެ ޕޯޓުން މުދާ ހުސްކުރުމަށް އަށާރަ ވަރަކަށް ދުވަސް ނަގާތީ ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކުރުން
  • ރާއްޖެ ނުގެނެވި ކޮލޮމްބޯ ޕޯޓުގައި ގިނަ އަދަދެއްގެ ކޮންޓެއިނަރު ތާށިވެފައިވުން
  • މުދާ ކްލިއަރ ނުކުރެވުމުގެ ސަބަބުން މާލޭ ބާޒާރުން އާއްމު މުދާ ހުސްވުން
  • މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމުން ކަމަށް އެމްޕީއެލްއިން ބުނުން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހިންގާ މާލެ ޕޯޓުން މުދާ ހުސްކުރުމުގައި ވަރަށް ގިނަ ދުވަސްވާ ކަމަށާއި އޭގެ ސަބަބުން ރާއްޖެއަށް ނުފޮނުވި އެތައް ކޮންޓެއިނަރެއް އެހެން ގައުމުތަކުގައި ތާށިވެފައި އެބަ ހުރިކަމަށް ވިޔަފާރިވެރިން މިއަދު ބުނެފިއެވެ.

ރާއްޖެއަށް މުދާ އެތެރެކުރާ ވިޔަފާރިވެރިން 'ސަން'އަށް ބުނީ، ރާއްޖެ އަންނަ ބޯޓުތަކުން މުދާ ބޭލުމުގައި ދަތިތައް ދިމާވާ ކަމަށެވެ. މިއީ ކުރީންސުރެ ދިމާވާ މައްސަލައެކެވެ. މިހާރު މި މައްސަލަ އިތުރަށް ދަނީ ބޮޑުވަމުން ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

މީގެކުރިން ދެ ތިން ދުވަހެއްގެ ތެރޭގައި މުދާ ހުސްކުރެވުނު ނަމަވެސް، މިހާރު އެކަމަށް ދެ ހަފުތާ ނުވަތަ 18 ވަރަކަށް ދުވަސްވާ ކަމަށް ވިޔަފާރިވެރިން ވަނީ ބުނެފައެވެ.

އެހެންވެ، ފިހާރަތަކުން މުދާ ހުސްވާއިރު ދަތިތައް ދިމާވާތީ ވިޔަފާރިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމްޕީއެލް ސަރަހައްދުން ކޮންޓޭނަރުން މުދާ ކްލިއާ ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއަށް މުދާ އުފުލުމުގެ އިންތިޒާމުތައް ކުންފުނިތަކަށް ހަމަޖައްސައިދޭ ވިޔަފާރިވެރިއަކު 'ސަން'އަށް ބުނީ، މާލެ ޕޯޓުގައި ލަސްތަކެއް ވާތީ, ލަންކާގެ ކޮލޮމްބޯގައި ރާއްޖެ ނުފޮނުވި އެތައް ކޮންޓެއިނަރެއް އެބަހުރި ކަމަށެވެ. އޭގެ ސަބަބުން ލަންކާ ޕޯޓަށް ވެސް ބާރު ބޮޑުވާ ކަމަށް ވިޔަފާރިވެރިން ބުންޏެވެ.

މާލޭ ބާޒާރުން އާއްމުކޮށް ލިބޭ އެތައް ބާވަތެއް މި ދުވަސްކޮޅު ވަނީ ހުސްވެފައެވެ. ވިޔަފާރިވެރިން ބުނަނީ މުދާ ހުސްވަނީ ކޮންޓެއިނަރު ނުނެރެވޭތީ ކަމަށެވެ.

މި ކަމާ ގުޅިގެން އެމްޕީއެލްއިން 'ސަން' ބުނީ، އާންމުކޮށް ޕީކް ސީޒަނާ ދިމާކޮށް މުދާ ހުސްކުރުމުގައި ދަތިތައް ދިމާވާ ކަމަށެވެ. އެހެންވެ، ބަނދަރުގައި ތޮއްޖެހުން ބޮޑުވެ، ދަތިތައް ދިމާވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

https://sun.mv/215480

މި މައްސަލައަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރާ ކަމަށާއި ޖުމްލަ ހައްލެއް އަންނާނީ ކ. ތިލަފުއްޓަށް ބަނދަރު ބަދަލުކުރެވުމުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މާލެ ޕޯޓުން މުދާ ހުސްކުރުމުގައި ދަތިތައް ދިމާވާއިރު، މުދާ ކްލިއާ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް، ރާއްޖެއަށް މުދާ އެތެރުކުރުމުގައި ހޭދަވާ ޑޭމަރޭޖު ނާރާ ވަގުތު 124 ގަޑިއިރަށް ދިގުކުރަން ނިންމަވާފައިވާކަން މިދިޔަ ޑިސެމްބަރު މަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ހާމަކުރައްވާފައެވެ.

comment ކޮމެންޓް