ކޭޕާކު ފުލެޓުތަކާ ގުޅޭ މިނިވަން އޮޑިޓެއް ސަރުކާރުން ހަދައި، ކޮންމެވެސް ހައްލެއް ހޯދައިދޭން ޖެހޭ: ކޭޕާކް ޔޫނިއަން

ކޮރެއާގެ ހަމްބޯޓެކާއި ރާއްޖޭގެ ހަމްބޯ ކޮމްޕެނީ ގުޅިގެން ހުޅުމާލޭގައި އަޅާ "ކޭ-ޕާކް ރެސިޑެންސް"ގެ ކުރެހުމެއް ---- ފޮޓޯ: ކޭ ޕާކް ރެސިޑެންސް

ހުޅުމާލޭގައި އިމާރާތްކުރަމުންދާ ކޭޕާކު ފުލެޓުތަކުގެ މަސައްކަތް ނުނިމި ގިނަ ދުވަސްތަކެއް ވެފައިވާއިރު، ފައިސާ ދައްކާފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ކޭޕާކު ޔޫނިއަނުން ވަނީ ސަރުކާރަށް ގޮވާލާފައެވެ. މިގޮތުން ދައުލަތުގެ ބިމެއްގައި ހިންގާ މަޝްރޫއަކަށް ވާތީ މިކަމުގެ މިނިވަން އޮޑިޓެއް ހަދައި، އެހެން މަޝްރޫއަކުން ނަމަވެސް ފުލެޓުތައް ގަތް ދިވެހިންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެ ޔޫނިއަނުން އެދެއެވެ.

  • ކޭޕާކު ފުލެޓުތަކާ ގުޅޭ މިނިވަން އޮޑިޓެއް ހެދުމަށް ސަރުކާރަށް ގޮވާލުން
  • ފުލެޓު ގަތް ފަރާތްތަކަށް އެހެން މަޝްރޫއަކުން ނަމަވެސް ބޯހިޔާވަހިކަން ހަމަޖައްސައިދިނުމަށް އެދުން
  • މަކަރާއި ހީލަތުގެ މައްސަލައިގައި ކުށްވެރިވި ފަރާތަށް ހުކުމް އައި ނަމަވެސް ގެއްލުންވި ފަރާތްތަކަށް ބަދަލު ނުލިބުން
  • ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ޔޫނިއަނުން ދެކުން

ހުޅުމާލޭގައި އިމާރާތްކުރާ ކޭޕާކު ފުލެޓުތަކުގެ މިނިވަން އޮޑިޓެއް ސަރުކާރުން ހަދައި، އެ ފުލެޓުތައް ގަތް މީހުންނަށް ކޮންމެވެސް ހައްލެއް ހޯދައިދިނުމަށް ކޭޕާކު ޔޫނިއަނުން މިއަދު ގޮވާލައިފިއެވެ.

މީގެ 10 އަހަރު ކުރިން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2016ވަނަ އަހަރު ހަންބޯއާ މަސައްކަތް ހަވާލުކުރިއިރު، އަދިވެސް އެ މަސައްކަތް ނުނިމެއެވެ. އެހެންވެ، އެ ތަންތަން ގަތް މީހުން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގައެވެ.

މިއަދު އެ ޔޫނިއަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ، އެ ފުލެޓުތައް ގަނެފައި ވަނީ ހުސް ދިވެހީން ކަމަށާއި އެ މީހުންގެ ތެރޭގައި ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި މީހުން އެބަތިބި ކަމަށެވެ.

ބޯހިޔާވަހިކަމުގެ އެހެނިހެން ސްކީމުގެ މީހުންނަށް ހައްލުތައް ހޯދައިދީފައިވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ކޭޕާކު ފުލެޓުތައް ގަތް މީހުންނަށް ހައްލެއް ލިބެން ޖެހޭ ކަމަށެވެ.

މިއަދު ކޭޕާކު ޔޫނިއަނުން ބޭއްވި ބައްދަލުވުމުގެ ތެރެއިން ----

އަލީ ވިދާޅުވީ، މި ކަމުގައި މައްސަލަތަކެއް ހުރި ނަމަވެސް އެ މަސައްކަތް ކުރެވޭނީ ދައުލަތަށް ކަމަށެވެ. މިގޮތުން، މި މައްސަލަ ހައްލުކުރުމަށްޓަކައި ކޭޕާކު ފުލެޓުތަކާ ގުޅޭ އޮޑިޓެއް ސަރުކާރުން ހަދަން ޖެހޭ ކަމަށް އަލީ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ކްރިމިނަލް ކޯޓުގައި އެކަށީގެންވާ ވަރަށް މައުލޫމާތުތައް ހުންނާނެކަން އަލީ ފާހަގަކުރެއްވިއެވެ.

އޮޑިޓެއް ހެދުމަށް ފަހުގައި މި ފުލެޓާ ގުޅިގެން ފައިސާ ދައްކާފައިވާ ފަރާތްތަކަށް ފުލެޓު ލިބޭނެ ގޮތް ހަދައިދޭން އެބަ ޖިހޭ. އެ ފަރާތްތަކާ ވާހަކަދައްކައިގެން މި ކަމަށް ކޮންމެވެސް ހައްލެއް ހޯދަދޭން ޖެހޭގާނޫނީ ވަކީލު އަލީ ހުސައިން

މި މައްސަލައަށް ހައްލު ހޯދައިދެވޭނީ ސަރުކާރަކަށް ކަމަށް އެ ޔޫނިއަނުން ބުނާ ސަބަބެއް ކަމަށް ފާހަގަކުރެއްވީ، ކޭޕާކު ފުލެޓުތައް އިމާރާތްކޮށްފައި ހުރި ބިމުގެ މިލްމުވެރި ފަރާތަކީ ދައުލަތް ކަމަށްވާތީއެވެ.

މީގެއިތުރުން، އެ ޔޫނިއަނުން އެދެނީ، މިމައްސަލައިގައި ރަނގަޅު ތަހުގީގެއްކޮށް، ފައިސާ ދައްކާފައިވާ މީހުންނަށް ފުލެޓު ލިބޭނެ ގޮތް ހަދައިދިނުމަށެވެ. މިގޮތުން، ކޭޕާކު ފުލެޓުތައް ނުދެވޭ ނަމަ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކުން ވިޔަސް އެ މީހުންނަށް ފުލެޓު ކަށަވަރުކޮށްދިނުމަށް އެ ޔޫނިއަނުން ސަރުކާރަށް ވަނީ ގޮވާލާފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ކޭ ޕާކް ރެޒިޑެންސް ރަސްމީކޮށް އިފުތިތާހުކުރީ 2016 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެ ފަހުން އެ ފުލެޓުތައް ނިންމަން ތަފާތު ތާރީޚުތައް ދިން ނަމަވެސް އެ ތަނުގައި ދިރިއުޅެން ފެށޭ ވަރު ނުވެއެވެ.

އެ އިމާރާތުގެ މަސައްކަތް ކުރި ހަންބޯ ކުންފުނިން 2023 ވަނަ އަހަރު ވަނީ ކޭ ޕާކްގެ އެޕާޓްމަންޓުތައް އެ ކުންފުންޏަށް ނޭނގި، ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި ހީލަތް ހަދައިގެން އޮޅުވާލުމުގެ ތެރެއިން ވިއްކާފައިވާ ކަމަށް ބުނެފައެވެ. އެކަން ކުރިކަމުގެ ތުހުމަތުކުރެވެނީ ދިވެއްސަކަށް އެ މަސައްކަތުގައި އިސްކޮށް އުޅުނު, ހަސަން މަމްދޫހު (މަންޑޭ) އަށެވެ.

މި މައްސަލައިގައި މަންޑޭ 397 އަހަރަށް ޖަލަށްލާން ކޯޓުން ހުކުމްކުރީ މިދިޔަ ޑިސެމްބަރު 31ގައެވެ. އަދި، މަނީ ލޯންޑްރިންގެ ކުށުގައި އޭނާ 30 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، ހުޅުމާލެއިން އޭނާ ގަނެފައިވާ ޕެންޓްހައުސް ދައުލަތަށް ނެގުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

https://sun.mv/216098

ކޭޕާކް ފުލެޓުތަކުގެ މައްސަލައަށް މިހާރު ނުވަ އަހަރުވެފައިވާއިރު، އެ ފުލެޓުތަކަށް ބޮޑު އަދަދުތަކުން ފައިސާ ދެއްކި މީހުންނަށް ވަނީ މާލީ ގޮތުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހިފައެވެ.

އެ މީހުން ވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި މިހާރު ރައީސް ޑރ. މުޙައްމަދު މުއިއްޒާ ވެސް އެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އެ މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، ކޭޕާކް ފުލެޓު ގަތް މީހުންނަށް އިންސާފު ލިބޭނެ އަލިމަގެއް މިހާތަނަށް ފެނިފައިނުވެއެވެ.

comment ކޮމެންޓް