އެމްޑީޕީ ވިލިނގިލި ދާއިރާގެ ނައިބު ރައީސް އަމީޒް ހަސަން، އެ ޕާޓީގެ މަގާމުގެ މަސްއޫލިއްޔަތުތަކުންނާއި ޕާޓީގެ ހަރަކާތްތަކުން ވަގުތީގޮތުން އެކަހެރިކުރުމަށް އެމްޑީޕީން ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ މިއަދު އޮތް އެ ޕާޓީގެ ބައްދަލުވުމެއްގައެވެ. އަމީޒް ހަސަންއާ މެދު މި ފިޔަވަޅު އަޅަން ނިންމީ، އެމްޑީޕީގެ ރަސްމީ ކެންޑިޑޭޓުންނާ ދެކޮޅަށް ވިލިނގިލި ދާއިރާގައި އޭނާ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެނ ކަމަށް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ހާމަކޮށްފައިވާ ގޮތުގައި، އަމީޒް ހަސަންއާ ގުޅޭގޮތުން ހުށަހެޅިފައިވާ މި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ކުރިއަށްދަމުންނެވެ. އެހެންކަމުން، އެ މައްސަލައާ މެދު ވަކި ގޮތެއް ނިމެންދެން، ޕާޓީގެ އެއްވެސް ހަރަކާތެއްގައި ބައިވެރިވުމާއި މަގާމުގެ ޒިންމާތައް އަދާކުރުން އޭނާއަށް ވަނީ މަނާކުރެވިފައެވެ.
މި މައްސަލައަކީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް، ޕާޓީގެ މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކުރުމުގެ ތުހުމަތުގައި ބަލަމުންދާ މައްސަލައެއް ކަމަށްވެސް އެ ޕާޓީން މައުލޫމާތު ދެއެވެ.