އެމެރިކާގެ ބަންޑާރަނައިބުގެ މަގާމުން ޕޭމް ބޮންޑީ ވަކިކުރައްވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކެބިނެޓަށް ގެންނަވަމުންދާ ބޮޑެތި ބަދަލުތަކުގެ ތެރެއިން، އެ ގައުމުގެ ބަންޑާރަނައިބުގެ މަގާމުގައި ހުންނެވި ޕޭމް ބޮންޑީ މިއަދު މަގާމުން ވަކިކުރައްވައިފިއެވެ.

މިއީ ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ކެބިނެޓުގެ އިސް ވަޒީރަކު މަގާމުން ދުރުކުރެއްވި ދެވަނަ ފަހަރެވެ.

ޓްރޫތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ. ޓްރަމްޕް ވިދާޅުވީ ބޮންޑީގެ ބަދަލުގައި ވަގުތީ ގޮތުން އެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ ޑެޕިއުޓީ އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް ކަމަށެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ބޮންޑީ މަގާމުން ވަކިކުރެއްވީ، ޖިންސީ ގޯނާގެ ކުށް ސާބިތުވެފައިވާ ޖެފްރީ އެޕްސްޓީންގެ ތަހުގީގީ ފައިލްތަކާ މެދު އަމަލުކުރެއްވި ގޮތާމެދު ޓްރަމްޕް ހިތްހަމަޖެހިވަޑައިނުގަންނަވާތީއެވެ. އަދި ސިޔާސީ އިދިކޮޅު ފަރާތްތަކަށް ދައުވާކުރުމުގައި ލަސްތަކެއް އުޅޭތީ، މީގެ ކުރިންވެސް ޓްރަމްޕް ވަނީ ބޮންޑީއަށް ފާޑުވިދާޅުވެފައެވެ.

ނަމަވެސް މަގާމުން ވަކިކުރެއްވިކަން އިއުލާނުކުރައްވަމުން ޓްރަމްޕް ވަނީ ބޮންޑީއަށް ތައުރީފުކުރައްވާފައެވެ.

ބޮންޑީ މަގާމުން ވަކިކުރައްވާފައި މިވަނީ، ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ ކްރިސްޓީ ނޯމް ކުއްލި ގޮތަކަށް މަގާމުން ވަކިކުރެއްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. ބަންޑާރަނައިބުގެ މަގާމަށް ދެން އައްޔަނުކުރައްވާނެ ކަމަށް ބެލެވެނީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ އެޑްމިނިސްޓްރޭޓަރު ލީ ޒެލްޑިންއެވެ. ނަމަވެސް މިކަން އަދި ރަސްމީކޮށް ކަށަވަރުކޮށްދެއްވާފައެއް ނުވެއެވެ.

comment ކޮމެންޓް