ގިނަ ފަހަރަށް، ގަވައިދުން މައްސަރު ކަންތައް ދިމާނުވުމަކީ މާ ބޮޑު ކަމެއް ނޫން ކަމަށް ބަލައި އެކަމަށް ފަރުވާކުޑަ ކޮށްލެވެއެވެ. ވަރަށް ގިނަ އަންހެނުން ގަބޫލުކުރާ ގޮތުގައި މިއީ ހަމައެކަނި ވަރުބަލިވުމުގެ ސަބަބުން ނުވަތަ ނަފްސާނީ ބުރަ ބޮޑުވުމާއި ބަރުދަނަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ކަމެކެވެ.
އެހެންނަމަވެސް، މައްސަރު ކަންތައް ލަސްވާނަމަ، ނުވަތަ ގިނަ ދުވަސްތަކެއް ވަންދެން މައްސަރު ކަންތައް ނުޖެހި ހުންނަނަމަ، އެއީ ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމެކެވެ. ޚާއްސަކޮށް، ބަލިވެއިނުމުގައި ދަތިތަކެއް ކުރިމަތިވާނަމަ، މިއީ 'ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް' (ޕީސީއޯއެސް)ގެ ސަބަބުން ދިމާވާ ކަމަކަށް ވުމަކީ އެކަށީގެންވާ ކަމެެއް ކަމަށް އީއެމްސީ ހެލްތުކެއާގެ އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރު، ޑރ. ހަންދޯޖޯ ޓީޖެންދްރަ ވަނީ ވިދާޅުވެފައެވެ.

ހަށިގަނޑުގެ ބައެއް ތަންތަނުގައި އާދަޔާ ހިލާފަށް އިސްތަށި ގިނަވުމަކީ ޕީސީއޯއެސްގެ އަލާމާތްތަކުގެ ތެރެއިން އަލާމާތެއް ކަމަށް ޑޮކްޓަރުން ވިދާޅުވޭ-- ފޮޓޯ/ އީއެމްސީ
ޕީސީއޯއެސްއަކީ ދަރިމައިވުމުގެ އުމުރުގެ އަންހެނުންގެ މެދުގައި ވަރަށް އާންމުކޮށް ފެންނަ ހޯމޯންގެ މައްސަލައެކެވެ. މި ބަލީގެ އަލާމާތްތައް ވަގުތުން ފާހަގަނުކުރެވުނު ކަމުގައިވީ ނަމަވެސް، މީގެ ސަބަބުން މައްސަރު ކަންތައްތަކަށާއި، ދަރިމައިވުމުގެ ފުރުސަތަށާއި އަދި އާންމު ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކުރާކަމަށް ޑރ. ހަންދޯޖޯ ޓީޖެންދްރަ ވިދާޅުވެފައިވެއެވެ.
މިފަހަކަށް އައިސް ވަރަށް ގިނަ އަންހެނުން ތަހައްމަލުކުރަމުން އަންނަ ޕީސީއޯއެސް އަކީ އަންހެނެއްގެ ހަށިގަނޑުގައި ދަރިމައިވުމަށް އެހީތެރިވެދޭ ހޯމޯންތަކުގެ މިންވަރު ހުންނަންޖެހޭ މިންގަނޑަށްވުރެ ބަދަލުވުމުގެ ސަބަބުން ދިމާވާ ހާލަތެކެވެ.
މި ބަދަލުގެ ސަބަބުން ބިސް އުފައްދައިދޭ ގުނަވަން ކަމަށްވާ 'އޯވަރީ'ގެ މަސައްކަތްކުރާ މިންވަރަށް ބުރޫއަރައެވެ. ޕީސީއޯއެސް ހުންނަ އަންހެނުންގެ ހަށިގަނޑުގައި ބިސް ފުރިހަމައަށް ފައްކާވުމާއި ބިސް ދޫކުރުމުގެ ނިޒާމަށް ބަދަލުތަކެއް އާދެއެވެ.
މީގެ ނަތީޖާއެއްގެ ގޮތުން ބިސް ދޫކުރުން ނުވަތަ 'އޯވިއުލޭޝަން' މަދުވުން ނުވަތަ އެއްކޮށް ހުއްޓުމަކަށް އާދެއެވެ. ބައެއް ހާލަތްތަކުގައި، އޯވަރީގައި ގިނަ އަދަދެއްގެ ކުދި ފޮލިކަލްތަކެއް ހުރި ނަމަވެސް އެތަކެތި ފުރިހަމަ ބިހަކަށް ބަދަލެއް ނުވެއެވެ. މިއީ ޕީސީއޯއެސް މެދުވެރިވާ ގޮތެވެ.

ޕީސީއޯއެސްގެ އަލާމާތްތައް ތަޖުރިބާކުރެވެން ފެށުމާ އެކު ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުން ވަރަށް މުހިއްމު--ފޮޓޯ/ކްލައުޑްނައިންކެއަ
ޕީސީއޯއެސް އަކީ ނުރައްކާތެރި ސިސްޓުތަކެއް ހުރުމެއް ނޫނެވެ. ނަމަވެސް މިއީ ހޯމޯންތަކަށް އަންނަ ބަދަލަކުން ބިސް ދޫކުރުމުގެ ނިޒާމަށް ދިމާވާ މައްސަލައެކެވެ. އަންހެނުންނަށް ދިމާވާ މައްސަރު ކަންތައް ބަރޯސާވެފައި ވަނީ ހަށިގަނޑުގައި ހުންނަ ހޯމޯންތަކުގެ މިންވަރު ހަމަހަމަކޮށް ހުރުމުގެ މައްޗަށެވެ.
ޕީސޯއޯއެސް ހުންނަ އަންހެނުންގެ ތެރެއިން މައްސަރުކަންތަކަށް ބަދަލު އަންނައިރު އަންނަނިވި ބަދަލުތައް އެ މީހުން ތަޖުރިބާކުރުމަކީ އެކަށީގެންވާ ކަމެކެވެ.
- އާންމުކޮށް މައްސަރު ކަންތައް ޖެހޭ މުއްދަތަށްވުރެ މަދުން މައްސަރު ކަންތައް ޖެހުން.
- އެތައް މަހެއް ވަންދެން މައްސަރު ކަންތައް ނުޖެހި ލަސްވުން.
- ވަކި މުއްދަތެއްގެ ތެރޭގައި އެއްގޮތަކަށް ވެސް މައްސަރު ކަންތައް ނުޖެހުން.
ނަމަވެސް، ވިސްނަންޖެހޭ ކަމަކީ ޕީސީއޯއެސް ހުރުމަކީ ދަރިމައިނުވާނެ ސަބަބެއް ނޫންކަން ދަނެގަތުމެވެ. އެކަށީގެންވާ ފަރުވާއާއި ދިރިއުޅުމުގެ އާދަތަކަށް ގެންނަ ހެޔޮ ބަދަލުތަކާއެކު، ޕީސީއޯއެސް ހުންނަ ގިނަ އަންހެނުންނަށް ވެސް ބަލިވެއިނުމުގެ ފުރުސަތު އޮންނަ ކަމަށް ޑރ. ހަންދޯޖޯ ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެކަން ކާމިޔާބުކުރެވޭނީ ރަނގަޅު ފަރުވާއަކާއެކު ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން އެކަމަށް އަމަލުކުރުމުން ކަމަށް ޑރ. ހަންދޯޖޯ ފާހަގަކުރައްވާފައިވެއެވެ.
ޑރ. ހަންދޯޖޯ އިތުރަށް ފާހަގަކުރައްވާފައިވާ ގޮތުގައި ކޮންމެ އަންހެނެއްގެ ފަރާތުން ވެސް ޕީސީއޯއެސްގެ އަލާމާތްތައް ފެންނަ ގޮތް ތަފާތުވެދާނެއެވެ. އެގޮތުން އާއްމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި:
- މައްސަރު ކަންތައް ގަވައިދުން ނުވުން
- މަދު ފަހަރަކު މައްސަރު ކަންތައް ޖެހުން ނުވަތަ މުޅިން މައްސަރު ކަންތައް ހުއްޓުން.
- ހަށިގަނޑުގެ ބައެއް ތަންތަނުގައި އާދަޔާ ޚިލާފަށް އިސްތަށި ގިނަވުން.
- މޫނުގައި ބިހި ނެގުން.
- ފަސޭހައިން ބަރުދަން އިތުރުވުން ހިމެނެއެވެ.
މި އަލާމާތްތަކަކީ ވަރަށް މަޑުމަޑުން ފެންނަ ކަންތައްތަކަށް ވާތީ، މިއީ ސިއްހީ މައްސަލައަކާ ގުޅުންހުރި ކަންތައްތަކެއްކަން ފާހަގަކުރަން ބައެއް ފަހަރު އުނދަގޫވެއެވެ.
ޕީސީއޯއެސްއަކީ ހޯމޯންތަކަށް އަންނަ ބަދަލުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެެއް ކަމުން މިކަމުގައި ހަށިގަނޑުން އިންސިއުލިންއަށް އިޖާބަދޭ މިންވަރަކީ ވެސް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ.
ހަށިގަނޑުގެ މެޓަބޮލިޒަމް ނުވަތަ ކާނާ ހަކަތައަށް ބަދަލުކުރުމުގެ ނިޒާމު އެންމެ ފުރިހަމައަށް މަސައްކަތް ނުކުރާނަމަ، ހޯމޯންތަކުގެ ހަމަހަމަކަން ގެއްލުމަށް މަގުފަހިވެއެވެ.
އާއިލީ ގޮތުން ވާރުތަވާ ސިފަތަކާއި ދިރިއުޅުމުގެ އާދަކާދަތަކަކީ ވެސް ޕީސީއޯއެސް މެދުވެރިވުމަށް ބާރުފޯރުވާ ކަންކަމެވެ. އެހެންކަމުން، މިކަމަށް ފަރުވާ ހޯދުމުގައި ހަމައެކަނި އެއް ކަމަކަށް ބެލުމުގެ ބަދަލުގައި، ހުރިހާ ދިމާލަން ފުރިހަމަ ފަރުވާއެއް ހޯދުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
މިކަމަށް އެކަށީގެންވާ ފަރުވާއެއް ނުލިބި ގިނަ ދުވަސްވެއްޖެނަމަ، ސިއްހީ ގޮތުން ދިގު މުއްދަތުގެ ނުރައްކާތަކެއް ތަޖުރިބާކުރުމުގެ ފުރުސަތު އޮންނަ ކަމަށް ޑރ. ހަންދޯޖޯ ވިދާޅުވެފައިވެއެވެ. އޭގެ ތެރޭގައި:
- މެދުނުކެނޑި ހޯމޯންތަކުގެ ހަމަހަމަކަން ގެއްލިފައި ހުރުން.
- މެޓަބޮލިޒަމްއާ ގުޅުންހުރި މައްސަލަތައް ކުރިމަތިވުން.
- ޖިސްމާނީ އަދި ނަފްސާނީ ގޮތުން ކުރިމަތިވާ އުނދަގޫތަކުގެ ސަބަބުން ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައުން ހިމެނެއެވެ.
ޕީސީއޯއެސް ކޮންޓްރޯލް ކުރުމުގައި ދިރިއުޅުމުގެ އާދަކާދަތަކަށް ބަދަލު ގެނައުމަކީ ވަރަށް މުހިންމު ކަމެކެވެ. ސިއްހަތަށް ފައިދާހުރި ކާނާ ބޭނުންކުރުމާއި، ގަވާއިދުން ކަސްރަތުކުރުމުގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމަކީ ހަށިގަނޑުގެ ހޯމޯންތައް ހަމަޔަކަށް އެޅުމަށް އެހީތެރިވެދޭނެ ކަންކަމެވެ.
ޕީސީއޯއެސްއިން ސަލާމަތްވުމަށް ކުރެވިދާނެ ބައެއް މުހިއްމު ކަންތައްތަކުގެ ތެރޭގައި، ހަށިގަނޑަށް އާދަޔާ ޚިލާފު ބަދަލުތަކެއް އަންނަކަން ފާހަގަކުރެވޭނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ އިރުޝާދު ހޯދުން ހިމެނެއެވެ. ޚާއްސަކޮށް ގަވާއިދުން މައްސަރު ކަންތައް ނުވުމާއި ދަރިމައިވުމަށް ދަތިވާނަމަ އެކަމުގައި ޑޮކްޓަރެއްގެ ލަފާ ހޯދުން އަވަސްކުރުން މުހިއްމެވެ.
ސިއްހީ މާހިރުންގެ އެހީތެރިކަމާއެކު، ޕީސީއޯއެސް ތަހައްމަލުކުރާ އަންހެނުންނަށް ވެސް ދުޅަހެޔޮ ދިރިއުޅުމެއް އުޅުމުގެ ފުރުސަތު އޮވެއެވެ. އަދި ދަރިމައިވުމުގެ ފުރުސަތު އިތުރުކުރުމަށް ވެސް އެހީތެރިވެދެއެވެ. އެހެންކަމުން އެފަދަ އެހީތެރިކަމެއް ބޭނުންވާކަން އިހުސާސްކުރެވޭނަމަ ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ ލަފައާއި އިރުޝާދު ހޯދުމަކީ މުހިއްމު ކަމެކެވެ.