މާލޭ ޓެކްސީ ލައިންގެ ހޮޓްލައިނަށް ބާރު ބޮޑުވެ، ނުގުޅޭ ކަމުގެ ޝަކުވާ

މާލޭ ޓެކްސީ ލައިންގައި ބޭނުންކުރާ ކާރުތައް: ހޮޓްލައިނާ ނުގުޅޭކަމުގެ ޝަކުވާ އާންމުން އަންނަނީ ކުރަމުން --- ފޮޓޯ: ރައީސް އޮފީސް

މިދިޔަ ބުރާސްފަތި ދުވަހު އެމްޓީސީސީން ފެށި މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ފުރަތަމަ ހަތް ދުވަހު ހިލޭ ލިބޭގޮތަށް ހަމަޖެއްސުމާ ގުޅިގެން، ކަސްޓަމަރުން ގުޅާ މިންވަރު އިންތިހާއަށް އިތުރުވެ ކޯލް ސެންޓަރުގެ ހޮޓްލައިނަށް ބާރު ބޮޑުވެއްޖެއެވެ. މީގެ އިތުރުން، މި ޚިދުމަތާއެކު ތައާރަފުކުރި ވެބް އެޕްލިކޭޝަނުން ކަސްޓަމަރުންގެ މައުލޫމާތު ލީކުވާކަމަށް އާންމުން ޝަކުވާ ކުރުމާ ގުޅިގެން އެ އެޕްލިކޭޝަން ވަނީ ވަގުތުން ނަގާފައެވެ. މި ޚިދުމަތުގައި ބޭނުންކުރަނީ ތިމާވެއްޓާ ރައްޓެހި ސައްތައިން ސައްތަ ކަރަންޓުން ދުއްވާ އެކަތިފަސްސުމެއް ކާރެވެ.

  • ޓެކްސީ ޚިދުމަތް ފުރަތަމަ ހަފުތާގައި ހިލޭ ލިބުން
  • ހޮޓްލައިން ނަންބަރު އެކެއްހައެއްފަހެއްފަހަކަށް ނުގުޅުމުގެ ޝަކުވާ
  • މައުލޫމާތު ލީކުވާތީ ވެބް އެޕްލިކޭޝަން ނެގުން
  • މުޅިން އައު އިލެކްޓްރިކް ކާރުތަކެއް ބޭނުންކުރުން

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިފްތިތާހުކުރި މާލޭ ޓެކްސީ ލައިންގެ ޚިދުމަތަށް އެދި ގިނަ ކަސްޓަމަރުން ކިއޫގައި ޖެހި، ޚިދުމަތްދޭ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ހޮޓްލައިނަށް ބާރު ބޮޑުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ޓެކްސީ ލައިނުގެ ޚިދުމަތް ތައާރަފުކޮށް، އެމްޓީސީސީން ވަނީ، އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހިލޭ ދަތުރުކުރެވޭ ގޮތް ހަދައިފައެވެ.

https://sun.mv/220084

އެއާއެކު، ޓެކްސީ ލައިނުގެ ޚިދުމަތަށް ޑިމާންޑު ބޮޑުވެ، އެމްޓީސީސީގެ ހޮޓްލައިން ނަންބަރު، 1655 އަށް ނުގުޅޭ ކަމަށް ބައެއް އާންމުން އަންނަނީ ބުނަމުންނެވެ.

އެކަމާ ގުޅިގެން އެމްޓީސީސީން ބުނީ، ޓެކްސީ ލައިނުގެ ޚިދުމަތް ފުރަތަމަ ހަތް ދުވަހު ހިލޭ ލިބޭ ގޮތަށް ހަމަޖައްސައިފައި އޮތުމުން، ގިނަ އަދަދެއްގެ ކަސްޓަމަރުން ޚިދުމަތަށް އެދި ގުޅަމުން އަންނަ ކަމަށެވެ.

ކޯލް ސެންޓަރުގެ އޭޖެންޓުން މެދުނުކެނޑި 24 ގަޑިއިރު މަސައްކަތްކުރަމުން އަންނަ ކަމަށް، އެ ކުންފުނިން ބުންޏެވެ.

"ނަމަވެސް [ކަސްޓަމަރުން] ގުޅާ އަދަދު ވަރަށް ގިނަ، އެހެންވެ ކިޔޫގަ [ކަސްޓަމަރުން] އަބަދު ތިބެން ޖެހެނީ،" އެމްޓީސީސީން ބުންޏެވެ.

މާލޭ ޓެކްސީ ލައިންގެ ޚިދުމަތާއެކު، އެމްޓީސީސީން ވަނީ ވެބް އެޕްލިކޭޝަނެއް ވެސް ތައާރަފުކޮށްފައެވެ. ނަމަވެސް ވެބް އެޕްލިކޭޝަން ތައާރަފުކުރިތާ މަދު ވަގުތުކޮޅެއްގެ ތެރޭ ވަނީ ނަގައިފައެވެ. އެގޮތުން، އެ ވެބް އެޕްލިކޭޝަންގައި ރަޖިސްޓްރީވުމަށް އާންމުން ދޭ މައުލޫމާތު ލީކުވާ ކަމުގެ ކަންބޮޑުވުން ވަނީ ސޯޝަލް މީޑިއާގައި ފާޅުކޮށްފައެވެ.

މި ޓެކްސީ ލައިންގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ 150 ކާރު މާލެ ގެނައީ ނިމިދިޔަ މާރިޗު މަހުގެ ފަހުކޮޅެވެ. އޭގެ ތެރޭގައި މާލޭގެ ހަނި މަގުތަކުގައި ދުއްވޭނެ ކާރުތަކުގެ އިތުރުން، މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާނެ ސައިޒުތަކުގެ ކާރުތައް ހިމެނެއެވެ.

އެގޮތުން މި ޓެކްސީ ލައިންގައި ބޭނުންކުރާނީ:

  • ޗަންގަން އޮޓޯމޮބައިލް، އެސް.ސުމެއް.ފަހެއް - 60 ކާރު
  • ޗަންގަން އޮޓޯމޮބައިލް، ލުމިން އަދި އެސް.ސުމެއް.ހަތެއް - 90 ކާރު

ސަރުކާރުން ތައާރަފްކުރި މި ޚިދުމަތުގައި ބޭނުންކުރާނީ ތިމާވެއްޓާއި ރައްޓެހި، ސައްތައިން ސައްތަ އިލެކްޓްރިކް ވެހިކަލް ހިމެނޭ ޓެކްސީތަކެވެ.

އެގޮތުން 24 ގަޑިއިރު ޚިދުމަތް ދޭ ގޮތަށް ތައާރަފުކުރެވޭ މި ޓެކްސީ ޚިދުމަތް ދިނުމަށް އެކަމަށް ޚާއްސަ އެޕްލިކޭޝަނެއް އޮންނާނެ ކަމަށާއި އެ އެޕް މެދުވެރިކޮށް ޓެކްސީގެ ޚިދުމަތް ހޯދާ ފަރާތުގެ ލޮކޭޝަނާއި އެންމެ ގާތުގައިވާ ޓެކްސީ އެނގޭނެ ކަމަށް އެމްޓީސީސީން މީގެ ކުރިން ބުނެފައިވެއެވެ.

އެމްޓީސީސީން އިތުރަށް ބުނީ ކަސްޓަމަރުންނަށް ދަތުރުކުރުމުގައާއި، އެޕް ބޭނުންކުރުމުގައި އަދި ދިމާވާ އެހެނިހެން ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ހޮޓްލައިން ނަންބަރު، 1655 ގާއިމުކޮށްފައިވާނެ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި، ރަށްރަށުގައި އާރުޓީއެލް ފެރީގެ ޚިދުމަތް، އަދި ބަހުގެ ޚިދުމަތް ތައާރަފްކުރުމަށްފަހު، އެމްޓީސީސީން އަބަދުވެސް ހަފުތާއަކަށް ދަތުރުތައް ހިލޭކުރެއެވެ.

comment ކޮމެންޓް