ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީއާ 2،553 ކިލޯމީޓަރު ދުރަށް، 5.3 މެގްނިޓިއުޑް ބާރުމިނުގެ ބިންހެލުމެއް މިއަދު އަތުވެއްޖެއެވެ.
މެޓް އޮފީހުން އާއްމުކުރި މައުލޫމާތުން އެނގޭ ގޮތުގައި ބިންހެލުން އައީ 'މިޑް އިންޑިއަން ރިޖް' ސަރަހައްދަށެވެ. އެއީ ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީއާ 2،553 ކިލޯމީޓަރު ދުރެވެ.
މި ބިންހެލުން އެރީ 5.3 މެގްނިޓިއުޑް ބާރުމިނުގައެވެ.
މެޓުން ބުނި ގޮތުގައި މި ބިންހެލުން އަރާފައި ވަނީ ރާއްޖެ ގަޑިން މިއަދު ހެނދުނު 09:55 ހާއިރެވެ.
މި ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.
ބިންހެލުން އައި 'މިޑް އިންޑިއަން ރިޖް' ނުވަތަ އިންޑިއާ ކަނޑުގެ މެދުތެރޭ ފަރުބަދަ ބޭސް އަކީ އިންޑިއާ ކަނޑުގައިވާ، ދިިރުންހުރި، ކަނޑުއަޑީގެ ބޮޑު ފަރުބަދަ ބޭސްއެކެވެ. މިއީ އެފްރިކާގެ ޕްލޭޓާއި އިންޑޯ-އޮސްޓްރޭލިއާގެ ޕްލޭޓް ވަކިވަމުންދާ 'ޑައިވާޖަންޓް ޕްލޭޓް ބައުންޑަރީ' އެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދެކެވެ.
އެންމެ ފަހުން ރާއްޖެއާ ގާތުން ބިންހެލުމެއް އެރީ އާއްމުކޮށް ވެސް ބިންހެލުންތައް އަންނަ, އިންޑޮނޭޝިއާގެ އުތުރު ސުމާޓްރާއަށެވެ. އެއީ މިދިޔަ މަހުގެ ތިންވަނަ ދުވަހެވެ.
އޭރު 6.1 މެގިނިޓިއުޑްގެ ބާރުމިނުގައި އެ ބިންހެލުން އައީ ވެރިރަށް މާލެއާ 2581 ކިލޯ މީޓަރު ދުރަށެވެ.