ފާއިތުވެދިޔަ ބައި ގަރުނަށްފަހު، ނާސާއިން ފެށި 'އާޓެމިސް 2' މިޝަންގައި ބައިވެރިވާ އެސްޓްރޮނޯޓުން، އެމީހުންގެ އަމިއްލަ ބޭނުމަށް ހަނދަށް އައިފޯނު ގެންގޮސްފިއެވެ.
މިއީ އެތައް އަހަރެއް ވަންދެން ޖައްވީ ދަތުރުތަކުގައި އާންމު ސްމާޓް ފޯނުތައް ބޭނުންކުރުން މަނާކޮށްފައި އޮތުމަށްފަހު، މިފަދަ އާލާތެއް ގެންދިއުމުގެ ހުއްދަ ނާސާއިން އެސްޓްރޮނޯޓުންނަށް ދިން ފުރަތަމަ ފަހަރެވެ.
މި ފޯނުތަކަކީ ސްޕޭސް ކްރާފްޓްގެ ރަސްމީ ސިސްޓަމްގެ ބައެއް ނޫނެވެ. އެސްޓްރޮނޯޓުން އަމިއްލަ ބޭނުމަށް ގެންދިޔަ މި ފޯނުތައް ބޭނުންކުރާނީ ފޮޓޯއާއި ވީޑިއޯ ނެގުމަށެވެ. އަދި ފޯނުން ޑޭޓާ ފޮނުވާނީ ސީދާ ފޯނުގެ ކަނެކްޝަނުންނެއް ނޫނެވެ. އޭގެ ބަދަލުގައި، އޮރަޔަން ސްޕޭސް ކްރާފްޓްގެ ވައިފައިއަށް ގުޅައިގެން ޑޭޓާ ފޮނުވާނީ ނާސާގެ ކޮމިއުނިކޭޝަން ނެޓްވޯކް މެދުވެރިކޮށެވެ.
އުދުއްސާލާއިރު އަދި އެނބުރި ދުނިޔެއަށް އަންނައިރު އެސްޓްރޮނޯޓުން ލައިގެންތިބޭ ސޫޓުގެ ޖީބުގައި ފޯނުތައް ބޭއްވި ނަމަވެސް، ފޯނާއި ސޫޓުގެ ސިސްޓަމްތަކާ އެއްވެސް ގުޅުމެއް ނުވެއެވެ.
މި މިޝަންގައި ގެންދިޔައީ ކޮން މޮޑެލްއެއްގެ އައިފޯނެއްކަން ކަށަވަރުނުވާއިރު، މިއީ އެޕަލް ކުންފުންޏާ ގުޅިގެން މާކެޓިން ބޭނުމަކަށް ކުރާ ކަމެއް ނޫންކަންވެސް ރިޕޯޓުތަކުން ހާމަކުރެއެވެ.
ސްޕޭސްކްރާފްޓްގެ މުހިންމު ކަންކަމަށް އަދިވެސް ބޭނުންކުރަނީ ރޭޑިއޭޝަނާއި ހޫނަށް ކެތްކުރެވޭ ގޮތަށް ހަދާފައިވާ ޚާއްޞަ ސިސްޓަމްތަކެވެ.
"އާޓެމިސް 2" މިޝަނަކީ 1972 ވަނަ އަހަރުގެ އެޕޯލޯ 17 އަށްފަހު، އިންސާނުން ގޮވައިގެން ހަނދަށް ކުރާ ފުރަތަމަ ދަތުރެވެ. ގާތްގަނޑަކަށް 10 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ދަތުރުގައި ހަތަރު އެސްޓްރޮނޯޓުން ބައިވެރިވާއިރު، މި މިޝަންގެ މައިގަނޑު މަޤްޞަދަކީ ކުރިމަގުގައި އިންސާނުން ހަނދުގެ މަތީގައި އަލުން ފައިތިލަ ސާބިތުކުރުމަށް ނާސާއިން ފަށާފައިވާ ބިޔަ ޕްރޮގްރާމަށް ބޭނުންވާ އުޅަނދުތަކާއި ސިސްޓަމްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް ޓެސްޓުކުރުމެވެ.
މި ދަތުރުގައި އެސްޓްރޮނޯޓުން ހަނދަށް ނުފޭބި ނަމަވެސް، ހަނދުގެ ވަށައިގެން ބުރެއް ޖެހުމަށްފަހު އެނބުރި ދުނިޔެއަށް އަންނާނެއެވެ.