ރާއްޖޭގެ ކެޕްޓަނަށް ޓްރޮފީ ނުދީ ހިފެހެއްޓި މައްސަލަ ހޫނުވެ، ސާފް އިން ދޫދީފި!

މުބާރާތުގެ ޖޮއިންޓް ޓޮޕް ސްކޯރާގެ މަގާމު ހޯދި ރާއްޖޭގެ އިލާން އާއި އިންޑިއާގެ ކުޅުންތެރިޔާ-- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ

ވިހި އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ކެޕްޓަން މުހައްމަދު އިލާން އިމްރާނަށް ލިބެންޖެހޭ ޓޮޕް ސްކޯރަރ އެވޯޑު ނުވަތަ ޓްރޮފީ، ދަނޑުމަތީގައި ދިނުމަށްފަހު އަތުލި މައްސަލަ ހޫނުވުމާ ގުޅިގެން، އެ ޓްރޮފީ އޭނާއަށް އަނބުރާ ދިނުމަށް ސާފް އިން ނިންމައިފިއެވެ. މި މުބާރާތުގައި އިލާން އާއި އިންޑިއާގެ ކުޅުންތެރިޔާ ތިން ގޯލު ޖަހައިގެން އެއްވަރުވެފައިވާއިރު، މައްސަލަ އުފެދުނީ ސާފް އިން އެންމެ ޓްރޮފީއެއް ތައްޔާރުކޮށްފައި އޮތުމުންނެވެ. ދިވެހިރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަނުން މިކަމުގައި ވަކާލާތުކުރުމުން، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އިލާންއަށް ޓްރޮފީ ހަވާލުކުރާނެކަމަށް ސާފް އިން ވަނީ ބުނެފައެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ބަންގްލަދޭޝް އިން ހޯދިއިރު، ރާއްޖެއަށް ލިބުނީ ފެއާޕްލޭ އެވޯޑެވެ.

  • ވިހި އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ޓޮޕް ސްކޯރަރ އެވޯޑު ރާއްޖޭގެ ކެޕްޓަން އިލާންއަށް ދިނުމަށްފަހު އަތުލިއެވެ.
  • އެ ޓްރޮފީ އިންޑިއާގެ ކުޅުންތެރިޔާއަށް އެކަނި ދިނުމުން ސަޕޯޓަރުން ނުރުހުން ފާޅުކުރިއެވެ.
  • މައްސަލަ ދިމާވީ ސާފް އިން އެންމެ ޓްރޮފީއެއް ތައްޔާރުކޮށްފައި އޮތުމުންނެވެ.
  • އެފްއޭއެމްގެ އެދުމުގެ މަތިން ދެ ދުވަސް ތެރޭގައި އިލާންއަށް ޓްރޮފީ ދިނުމަށް ސާފް އިން ނިންމައިފިއެވެ.
  • މުބާރާތުގެ ޗެމްޕިއަންކަން ބަންގްލަދޭޝް ހޯދިއިރު ރާއްޖެއަށް ލިބުނީ ފެއާޕްލޭ އެވޯޑެވެ.

ރޭ މާލޭގައި ނިމުނު 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ޓްރޮފީ، ރާއްޖޭގެ ކެޕްޓަން މުހައްމަދު އިލާން އިމްރާނަށް އަނބުރާ ދިނުމަށް ސާފް އިން ނިންމައިފިއެވެ.

މުބާރާތުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދެ ކުޅުންތެރިންވެސް ވަނީ ތިން ލަނޑު ޖަހައިގެން "ޖޮއިންޓް ޓޮޕް ސްކޯރަރ" ގެ މަގާމު ހޯދާފައެވެ.

ނަމަވެސް، ދަނޑުމަތީގައި އިލާންއަށް އެވޯޑު ދިނުމަށްފަހު، ކުއްލި ގޮތަކަށް އޭނާގެ އަތުން ތަށި އަތުލައި އިންޑިއާ ކުޅުންތެރިޔާއަށް އެކަނި އެ އެވޯޑު ދިނުމުން ސަޕޯޓަރުންނާއި ފުޓުބޯޅަ އާއިލާގެ ނުރުހުން ވަނީ އަމާޒުވެފައެވެ.

އިލާން ތިން ގޯލު ޖެހީ ތިން މެޗުން ކަމަށް ވާއިރު، ދޯދުމް ހަތަރު މެޗުން ތިން ގޯލު ޖެހުމުން، ގިނަ މުބާރާތްތަކުގެ ގަވާއިދު ބުނާގޮތުން ވެސް ކުރި ލިބެނީ އިލާން އަށެވެ. ނަމަވެސް، ސާފް އިން ދެ ކުޅުންތެރިންނަށް ވެސް އެވޯޑު ދޭން ނިންމާފައި އޮތް ނަމަވެސް، މައްސަލަ އުފެދުނީ ތައްޔާރުކޮށްފައި އޮތީ އެންމެ ޓްރޮފީއަކަށް ވުމުންނެވެ.

މި މައްސަލައިގައި އެފްއޭއެމް އިން ވަކާލާތުކުރުމާ ގުޅިގެން، ސާފް އިން މިހާރު ވަނީ ދެ ދުވަސްތެރޭ ވީ އެންމެ އަވަހަކަށް އިލާން އަށް ޓްރޮފީ ހަވާލުކުރަން ނިންމާފައެވެ.

މި މުބާރާތުގެ ފައިނަލުގައި އިންޑިއާ ބަލިކޮށް ޗެމްޕިއަންކަން ދިފާއުކުރީ ބަންގްލަދޭޝްއެވެ. ފޯރިގަދަ ކުޅުމަކަށް ފަހު 0-0 އިން އެއްވަރުވުމުން، ބަންގްލަދޭޝް މޮޅުވީ ޕެނަލްޓީގައި 4-3 އިންނެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އިންޑިއާގެ ދޯދުމް ހޯދިއިރު، އެންމެ މޮޅު ކީޕަރަކީ ބަންގްލަދޭޝްގެ އިސްމާއިލް ހުސެއިންނެވެ. ރާއްޖޭގެ ޓީމަށް މި މުބާރާތުން ލިބުނީ ފެއާޕްލޭ ޓީމުގެ އެވޯޑެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު