ނުކުރަންވީ އެތައް ކަމެއް ކުރެއްވި، އެ ވަރުން ވެސް ރައްޔިތުން ބުނީ ނޫނެކޭ: ނަގަންވީ ކޮން މެސެޖެއް؟

ކައުންސިލް އިންތިޚާބުގެ ކެމްޕޭން ނިންމުމަށް ބޭއްވި ހިނގާލުން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ފަހުގެ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ސަރުކާރަށް ވަނީ ވަރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ. ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށް، ކުއްލި ގޮތަކަށް އެތައް ހާސް ވަޒީފާއެއް އުފައްދައި، އަދި ހިޔާ ފްލެޓްތަކުގެ ކުލި މައާފުކުރުން ފަދަ ކަންކަން ސަރުކާރުން ކުރި ނަމަވެސް، ރައްޔިތުން ނިންމީ ސަރުކާރާ ދެކޮޅަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން މާލެ ސިޓީ ހިމެނޭހެން ބޮޑެތި ހުރިހާ ސިޓީތަކެއްގެ މޭޔަރުކަން އިދިކޮޅު އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައެވެ. މިއީ ސިޔާސީ ހުސް ވާހަކަތަކަށް ވުރެ އަމަލީ ނަތީޖާއާއި އިގްތިސާދީ ހަރުދަނާ ސިޔާސަތުތަކަށް ރައްޔިތުން އިސްކަންދޭކަން ހާމަވާ ކަމެކެވެ.

  • ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވުން.
  • އިންތިޚާބާ ދިމާކޮށް ސަރުކާރުން ވަޒީފާތައް އުފައްދައި ފްލެޓް ކުލި މައާފުކުރި ނަމަވެސް ރައްޔިތުން އެކަން ބަލައިނުގަތުން.
  • މާލެ، އައްޑޫ، ފުވައްމުލައް، ތިނަދޫ އަދި ކުޅުދުއްފުށީގެ މޭޔަރުކަން އިދިކޮޅު އެމްޑީޕީން ކާމިޔާބުކުރުން.
  • ރައްޔިތުން ބޭނުންވަނީ ހުސް ވާހަކަތަކުގެ ބަދަލުގައި އަމަލީ ނަތީޖާ ނެރެދޭ ހަރުދަނާ ވެރިއެއްކަން ހާމަވުން.

ހަގީގަތުގައި މިއީ ސަރުކާރަށް ބޮޑު ލަދެކެވެ. އެއީ މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ނަތީޖާއިން ސަރުކާރަށް ވަރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުމުންނެވެ. މީގެ އިތުރުން، މައި ދެ އިންތިޚާބު އެއްކުރުމާމެދު ފެންނަ ނުފެންނަ ގޮތެއް ބެލުމަށް ނެގި އާންމު ވޯޓުން ވެސް ސަރުކާރު ވަނީ ބޮޑު ތަފާތަކުން ނާކާމިޔާބުވެފައެވެ.

މި އިންތިޚާބާ ދިމާކޮށް ސަރުކާރުން ވަނީ އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރަން ނުވާނެ އެތައް ކަމެއް ކޮށްފައި ކަމަށް ބުނެ، ބޮޑު ތުހުމަތުތަކެއް ކުރެވެއެވެ. އޭގެ ތެރޭގައި ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ކެމްޕެއިންކުރުމާއި، ކުއްލި ގޮތަކަށް އެތައް ހާސް ވަޒީފާތަކެއް އުފެއްދުމާއި، ފައިސާ ބެހުމުގެ ތުހުމަތު ހިމެނެއެވެ. އެ ހުރިހާ ކަމަކާއެކު ވެސް ރައްޔިތުން ސަރުކާރަށް މިވަނީ ނޫނެކޭ ބުނެފައެވެ. ނުކުރަންވާ އެތައް ކަމެއްކޮށް، ނުބަހަންވާ އެތައް އެއްޗެއް ބެހުމަށްފަހު ވެސް ސަރުކާރު ބޮޑު ބައްޔަކުން ބަލިވުމުގެ މާނައަކީ ކޮބައިތޯ މިއީ މިއަދު އުފެދޭ އެންމެ ބޮޑު ސުވާލެވެ.

ގޯހުގެ މައްޗަށް ގޯސް ހެއްދެވި!

މި އިންތިޚާބާ ދިމާކޮށް ސަރުކާރުން ވަނީ ދައުލަތަށް ބޮޑެތި މާލީ ބުރަތަކެއް ކުރިމަތިވާނެ އެތައް ނިންމުމެއް ނިންމާފައެވެ. އިންތިޚާބަށް އެންމެ ދެތިން ދުވަހަށް ވެފައި ވަނިކޮށް، 6000 އެއްހާ ފްލެޓް ހުރި ހިޔާ ފްލެޓްތަކުގެ ކުލި ދެ އަހަރަށް ވަނީ މައާފު ކޮށްފައެވެ. ބޮޑު ލޯނެއް ނަގައިގެން ހަދާފައިވާ ފްލެޓްތަކެއް ކުލި ކުއްލިގޮތަކަށް މިގޮތަށް މައާފު ކުރުމާއެކު، ދައުލަތުގެ އާމްދަނީއަށް އޭގެ ނުރަނގަޅު އަސަރު ފޯރާނެއެވެ. އަދި މިއީ ވަކި ބަޔަކަށް މަންފާ ލިބޭ އަމަލެކެވެ.

https://www.sun.mv/219984
މީގެ އިތުރުން، އިންތިޚާބާ ދިމާކޮށް ކުއްލިއަކަށް އެތައް ހާސް ވަޒީފާއެއް ވަނީ އުފައްދާފައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހަމައެކަނި މާރިޗު މަހުގެ ތެރޭގައި އެމްޓީސީސީން ވަނީ 91 އިއުލާނެއްގެ ދަށުން 1،185 ވަޒީފާއަކަށް ހުޅުވާލާފައެވެ. އެމްޓީސީސީން ހުޅުވާލި ވަޒީފާތަކުގެ ތެރޭގައި ގިނައީ ވަގުތީ މަގާމުތަކެވެ. އޭގެ ތެރޭގައި ހަ މަސް ދުވަހާއި އެއް އަހަރު ދުވަހުގެ މުއްދަތަށް ނަގާ މުވައްޒަފުންގެ އިތުރުން މަޝްރޫޢު ނިމެންދެން މަސައްކަތް ކުރާނެ މުވައްޒަފުން ހިމެނެއެވެ. މި ވަޒީފާތަކުގެ މުސާރައަކީ 5،000 ރުފިޔާއާއި 15،000 ރުފިޔާއާ ދެމެދުގެ އަދަދެއް ކަމަށް ބަޔާންކޮށްފައިވާއިރު، ބައެއް ވަޒީފާތަކަށް ކުރިމަތިލުމަށް ދީފައިވަނީ ކުރު މުއްދަތެކެވެ.

އެމްޓީސީސީގެ އިއުލާންތަކަށް ބަލާއިރު، މިއިން އެއްވެސް އިއުލާނަކީ ކުރިން ނެރެފައިވާ އިއުލާނެއް ބާތިލުކޮށްފައި އަލުން ނެރުނު އިއުލާންތަކެއް ނޫންކަން ފާހަގަކުރެވެއެވެ. މިއީ ސީދާ އިންތިޚާބަށް އަމާޒުކޮށްގެން އުފެއްދި ވަޒީފާތަކެއްކަން ކަމަށް ތުހުމަތު ކުރެވެނީ އެހެންވެއެވެ.

އެމްޓީސީސީގެ އިތުރުން، އާރުޑީސީއާއި، ފެނަކައާއި، އެޗްޑީސީ އަދި ކަސްޓަމްސް ފަދަ މުއައްސަސާތަކުންވެސް ވަނީ މި ދުވަސްކޮޅު ގިނަ އަދަދެއްގެ މުވައްޒަފުން ނަގާފައެވެ. އިގްތިސާދީ މި ނާޒުކު ހާލަތުގައި މިއީ ދައުލަތުގެ ބަޖެޓަށް އުފުލޭނެ ވަރަށްވުރެ ބޮޑު ބުރައެކެވެ. ހަމައެއާއެކު، މާލެއާއި އަތޮޅުތެރޭގައި ކުއްލިއަކަށް އެތައް މަޝްރޫޢުތަކެއް އިއުލާންކުރުމާއި، ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒީރުންނާއެކު ގޭގެއަށް ހިންގަވައި އެތައް ވަޢުދެއްވެވަޑައިގަތުން ހިމެނެއެވެ. ކެމްޕެއިނަށް ސަރުކާރުން އެތައް މިލިއަނެއް ޚަރަދުކުރިއިރު، މާލޭގެ މަގުތަކަށް އެކަނި ބަލައިލި ނަމަވެސް ޚަރަދު ކޮށްފައިވާ މިންވަރު ހާމަވެއެވެ.

މަރުވެ މަރުވެ އޮތް އެމްޑީޕީއަށް ބޮޑު ކާމިޔާބީއެއް

ސަރުކާރުން ދައުލަތުގެ މުދަލާއި ފައިސާ ބޭނުންކޮށްގެން މިހާ ބޮޑު ކެމްޕެއިނެއް ކުރި ނަމަވެސް، އިންތިޚާބުގެ ނަތީޖާއިން ފެނުނީ ސަރުކާރު ބޮޑު ބައްޔަކުން ބަލިވި މަންޒަރެވެ. ވަގުތީ ނަތީޖާތައް ދައްކާގޮތުން ރާއްޖޭގެ ހުރިހާ ސިޓީއެއްގެ މޭޔަރުކަމާއި، ކައުންސިލްތަކުގެ ގިނަ ގޮނޑިތަކެއް ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީންނެވެ. އެމްޑީޕީން މާލެ، އައްޑޫ، ފުވައްމުލައް, ތިނަދޫ އަދި ކުޅުދުއްފުށި ސިޓީގެ މޭޔަރުކަން ކާމިޔާބުކުރުމަކީ ސަރުކާރަށް ލިބުނު ވަރަށް ބޮޑު ސިހުމެކެވެ.

ކެމްޕެއިން ނިންމުމުގެ ހިނގާލުމުގައި އާޒިމް: ސަން ފޮޓޯ: އާއިޝް އަޝްރަފް

ޚާއްޞަކޮށް މާލެ ސިޓީއަކީ ރައީސް މުޢިއްޒު ކުރިން މޭޔަރުކަން ކުރެއްވި، އަދި ސަރުކާރުގެ ތާއީދު އެންމެ ބޮޑަށް އޮންނާނެކަމަށް ބެލެވުނު ދާއިރާއަށް ވާއިރު، މާލޭގެ ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނުމަކީ ފުންކޮށް ވިސްނަންޖެހޭ ކަމެކެވެ.

މީގެ އިތުރުން, މިހާރު މި ހިނގާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް, މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކުރުމާމެދު ފެންނަ ނުފެންނަ ގޮތެއް ބެލުމަށް ނެގި ވޯޓުގައިވެސް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ސަރުކާރުގެ ހުށަހެޅުމަށް ނޫނެކޭ ބުނެފައެވެ.

ކަޑަ ޖެހުމާއި, ވޯޓު ގަތުމާއި ވަޒީފާތައް ބެހިކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވުނު ނަމަވެސް، ރައްޔިތުން ވޯޓު ފޮށި ކައިރިން ނިންމީ ސަރުކާރާ ދެކޮޅަށެވެ. މިއިން ސާބިތުކޮށްދެނީ، ސިޔާސީ ގޮތުން ހުރިހާ ސަރުކާރުތަކުން ވެސް މި ޖަހާ މަޅީގައި ރައްޔިތުން މިހާރު ނުޖެހޭ ކަމެވެ.

ވައުދާއި އަމަލާ ދިމާނުވުން: މާލީ ހާލަތު ގޯސްވެ، ތަރައްގީ މަޑުޖެހުން

ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ ގިނަ ވަޢުދުތަކަކާއެކުގައެވެ. ރައްޔިތުންނަށް ގިނަ އުއްމީދުތަކެއް ދެއްކެވުމުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ސަރުކާރަށް ދީފައެވެ. ނަމަވެސް، ކަންކަން އިޞްލާހުކުރުމުގެ ބަދަލުގައި ފެންނަމުންދިޔައީ ބާރުތައް އެއްކުރައްވާ މަންޒަރެވެ. ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމަށް ކުރެއްވި ކަމަށް ތުހުމަތު ކުރާ މަސައްކަތްތަކާއި، މަޖިލީހުގެ މެންބަރުންގެ އަތްފައި ބަނދެލި ގޮތަކީ މީގެ ސާފު މިސާލެކެވެ. މިކަންކަން މިހެން ކުރެއްވިއިރު ސަރުކާރުގެ ދައުރު ދެބައިވިއިރު ވެސް މާބޮޑު ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ. އޭގެ ބަދަލުގައި ވާހަކަ ވަރަށް ގިނައެވެ.

ނަތީޖާ ނުނެރެވެނީ ހަމައެކަނި ގައުމުގެ މާލީ ހާލަތު އޮތްގޮތުންނެއް ނޫނެވެ. މި ސަރުކާރުންވެސް ގޯހުގެ މައްޗަށް ހަދަނީ ގޯހެވެ. ޚަރަދު ކުޑަނުކުރާތަނުގައި، ގާބިލު މީހުންނަށް ބެލުމެއްނެތި ސިޔާސީ ގޮތުން ވަޒީފާތައް ބަހާލުން ވަނީ އިންތިހާއަށް އާންމުވެފައެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، ދައުލަތުގެ ބަޖެޓުގެ އެންމެ ބޮޑު ބައެއް ހޭދަކުރަނީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ފަދަ ރިކަރަންޓް ޚަރަދުތަކަށެވެ. ކެޕިޓަލް ޚަރަދުތައް ނުވަތަ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ހޭދަ ވަނީ ދަށަށް ގޮސްފައެވެ.

https://www.sun.mv/220142
ދާދި ފަހަށް ބެލި ނަމަވެސް, މުޅި ދުނިޔޭގައި ބޮޑު ހަނގުރާމައެއް ހިނގަމުންދާއިރު، ތެލުގެ އަގާއި މުދަލުގެ އަގު އުފުލެމުންދާ ދަނޑިވަޅެއްގައި، ސަރުކާރުން ޚަރަދު ކުޑަކުރުމުގެ ބަދަލުގައި ބެލީ ކެމްޕެއިންކުރުމަށެވެ. އުމްރާނީ ބޮޑެތި މަޝްރޫއުތަކެއް ނުހިނގައެވެ. އަދި ރަސްމާލެ ހިއްކުމާއި ކަނޑުއަޑީގައި ބިއްލޫރި ޓަނަލެއް އަޅުއްވާނެފަދަ، މީހުން ޖޯކް އަމާޒުވި އެތައް ވައުދެއް ރައީސް ވެވަޑައިގެންނެވިއެވެ. މިދިޔަ އަހަރުގެ ބަޖެޓް ޚާއްސަކުރީ ބޯހިޔާވަހިކަމަށް ކަމަށާއި، އެއީ ބޯހިޔާވަހިކަމުގެ ރަން އަހަރުކަމަށް ރައީސް ވިދާޅުވި ނަމަވެސް، އަހަރު ނިމިގެންދިޔައީ އެއްވެސް ނަތީޖާއެއް ނުނެރެވިއެވެ.

މީގެ ކުރީގެ ސަރުކާރުތަކުން ވެސް އިންތިޚާބުތަކާ ދިމާކޮށް މިފަދައިން އަމަލުކުރަމުން އައި ގޮތަށް ފާޑުވިދާޅުވި ބޭފުޅުން، މިއަދު ސަރުކާރުގެ އިސް ސަފުގައި ތިއްބަވައިގެން ހަމަ އެ ގޯސް ތަކުރާރުކުރެއްވުމަކީ ރައްޔިތުންގެ މާޔޫސްކަން އިތުރުވި ކަމެކެވެ. ޚާއްސަކޮށް، ދައުލަތުގެ ދަރަނި ބޮޑުވެ، ބޭރުގެ މާލީ އިދާރާތަކުން ޚަރަދު ކުޑަކުރުމަށް ގޮވާލަމުންދާ ދަނޑިވަޅެއްގައި މިފަދަ އަމަލުތައް ހިންގުމަކީ އިގްތިޞާދީ ގޮތުން ގައުމު ފުން ވަޅުގަނޑަކަށް ވެއްޓިދާނެ ކަމެއްކަމަށް މާހިރުން އިންޒާރުދެއްވައެވެ.

ރައްޔިތުންގެ ސާފު މެސެޖު: ވާހަކަ މަދުކޮށް އަމަލުކުރާ ވެރިއެއް ބޭނުންވުން

މި އިންތިޚާބުގެ ނަތީޖާއިން ރައްޔިތުން ސަރުކާރަށް ދިން މެސެޖު ވަރަށް ސާފެވެ. ސިޔާސީ މީހުން ސިޔާސީ ގޮތުން ދައްކާ ހުސް ވާހަކަތަކާއި، ދެކޮޅުނުޖެހޭ ޚަރަދުތައް ރައްޔިތުން ބަލައެއް ނުގަނެއެވެ. އިންތިޚާބާ ދިމާކޮށް ވަޒީފާތައް ބަހައި، ކުލިތައް ކުޑަކޮށް، ދައުލަތުގެ ފައިސާއިން ކެމްޕެއިން ކުރި ނަމަވެސް، އެއީ ވޯޓު ކަށަވަރުކުރެވޭނެ ގޮތެއް ނޫންކަން މިވަނީ މި ވޭތުވެދިޔަ ހުރިހާ ސަރުކާރުތަކެއްގައި ސާބިތުވެފައެވެ. ރައްޔިތުން ބޭނުންވަނީ ވާހަކަ މަދުކޮށް އަމަލުން ދައްކާ ރައީސެކެވެ. އިގްތިސާދީ ގޮތުން ދެކޮޅުޖެހޭ، ހަރުދަނާ ސިޔާސަތުތަކެއް ތަންފީޒުކުރާނެ ވެރިއެކެވެ.

މި ނަތީޖާއިން ދައްކައިދެނީ ދިވެހި ރައްޔިތުން ސިޔާސީ ގޮތުން ހޭލުންތެރިވެފައިވާ މިންވަރެވެ. ކުރު މުއްދަތެއްގެ މަންފާއަކަށްވުރެ ދިގު މުއްދަތުގެ ތަރައްގީއަށް ރައްޔިތުން އިސްކަންދޭކަން މިވަނީ ހާމަވެފައެވެ. އެހެންކަމުން، ސަރުކާރުން މި ނަތީޖާއިން އިބުރަތް ހާސިލުކޮށް، ސިޔާސަތުތައް މުރާޖައާކުރުމަކީ މިއަދު ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. އައު މޭޔަރުންނާއި ކައުންސިލަރުން މަގާމާ ހަވާލުވުމާއެކު، ސަރުކާރުން އެ ފަރާތްތަކަށް އެއްބާރުލުންދީ، ގައުމުގެ ތަރައްގީއަށް ގުޅިގެން މަސައްކަތްކުރާނެ ގޮތެއް ކަނޑައެޅުމަކީ ދެން އެންމެ އަވަހަށް ފެންނާނެ މަންޒަރެވެ. ރައްޔިތުންގެ މެސެޖު ސާފެވެ. ސަރުކާރަށް ބުނީ ނޫނެކޭއެވެ. ދެން ވެސް ކަންކަން އިސްލާހު ކުރަންވީއެވެ.

comment ކޮމެންޓް