އޭޕްރީލު 4 ވީ ހޮނިހިރު ދުވަހަކީ، ދިވެހިރާއްޖޭގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން، 2028 ވަނަ އަހަރު ބޭއްވޭ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެނޭތޯ ބެލުމަށް ބޭއްވި ތާރީޚީ އިންތިޚާބުތަކެއް ބޭއްވުނު ދުވަހެކެވެ. މި އިންތިޚާބުތަކުގެ ތެރެއިން "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި ފެންނަނުފެންނަ ވޯޓުގެ ވަގުތީ ނަތީޖާ މިހާރު ވަނީ އިޢުލާނުކޮށްފައެވެ.
މި ވޯޓުން ބުނެދިން ބައެއް ކަންކަން
މި އިންތިޚާބުގައި ރައްޔިތުން ފާޅުކުރި ޚިޔާލާއި އެބައިމީހުންގެ ރަޢުޔުން ބުނެދޭނެ މުހިންމު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ކަންތައްތަކެއް އެބަހުއްޓެވެ. އޭގެ ބައެއް ކަންކަން މިތާ ހިމަނާލާހިތްވެއެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް އޮތް ތާއީދު
މިއީ މިހާރު ވެރިކަމުގައި އޮތް ސަރުކާރުގެ ދައުރުގެ މެދުތެރެއިން ބޭއްވޭ އިންތިޚާބަކަށް ވީތީ، މިއީ ސަރުކާރުގެ މަސައްކަތްތަކާ މެދު ރައްޔިތުން ދެކޭގޮތް ބަލާނެ "ރިފަރެންޑަމް" އެއްގެ ގޮތުގައި ބެލެވޭނެއެވެ. މީގެ އިތުރުން ލާމަރުކަޒީ ނިޒާމުގެ އިތުބާރު އޮތް މިންވަރާއި ކައުންސިލްތަކަށް ދީފައިވާ ބާރުތަކާއި، ރަށްރަށުގެ ތަރައްޤީގައި ކައުންސިލްތަކުން އަދާކުރި ދައުރާމެދު ރައްޔިތުންގެ މެދުގައި އޮތް ހިތްހަމަޖެހުމާއި ހިތްހަމަނުޖެހުން މި ވޯޓުން ހާމަވާނެއެވެ.
އަންހެނުންގެ ސިޔާސީ ބައިވެރިވުމަށް ބަލާއިރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން ހޮވުމުން، މުޖުތަމަޢުގެ ނިންމުންތަކުގައި އަންހެނުންގެ ދައުރު ބަލައިގަންނަ މިންވަރު ހާމަވާނެއެވެ.
ވެދާނެ ގޮތްތަކުގެ މައްޗަށް ވިސްނާލުން (Future Implication) :
ސިޔާސީ ބާރުވެރިކަން
މި އިންތިޚާބުތަކުން ބޮޑު ކާމިޔާބީއެއް ހޯދާ ޕާޓީއަކަށް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގައި ބޮޑު ނަފުސާނީ އަދި ސިޔާސީ ކުރިއެރުމެއް ލިބޭނެއެވެ. އަދި ވަކީން ޚާއްޞަކޮށް ހިނގަމުންދާ ސަރުކާރުން ބޭނުންވެގެން ނެގި ފެންނަނުފެންނަ ވޯޓުގެ ނަތީޖާއިން، ސަރުކާރުން ބޭނުންވާހާ ކަމެއް ކުރަން، ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތު ރުހުންނުދޭނެކަން ހާމަވެއްޖެއެވެ. އަދި ރާއްޖޭގެ ފަސް ސިޓީގެ ތެރެއިން ހުރިހައި ސިޓީއެއްގެ މޭޔަރުގެ ގޮނޑިތައް ކާމިޔާބުކުރީ އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީންނެވެ. މިއީ ހިނގަމުންދާ ސަރުކާރަށް ކުރިމަތިވި ވަރަށް ބޮޑު ނާކާމިޔާބީ އެކެވެ.
އިޤްތިޞާދީ އަދި އިޖުތިމާޢީ ބަދަލު
ކޮންމެ އިންތިޚާބަކާ ގުޅިގެން ރައްޔިތުން ކުރާ އިތުރު އުންމީދުތަކެއް ހުންނާނެއެވެ. އެގޮތުން އާ ކައުންސިލަރުންގެ ސިޔާސަތުތަކަށް ބަލައި، ރަށްރަށުގެ ބިމާއި ވަސީލަތްތައް ބޭނުންކުރުމުގައި އާ ފުރުޞަތުތަކެއް ހުޅުވޭނެއެވެ. މިއީ ރައްޔިތުންގެ އުންމީދުތަކުގެ ތެރެއިން އުންމީދަކަށް ވާނެއެވެ. ރަށުގެ އިޖުތިމާޢީ ހަމަޖެހުން އިތުރަށް ހަރުދަނާވާނެއެވެ. ހައްތަހާ ވެސް ކުރިމަގަށްޓަކައި ކުރެވޭ އާ އުންމީދުތަކެވެ. ތިމާ ތާއީދުކުރި މީހުން ނޫން ބަޔަކު އިންތިޚާބު ވިޔަސް، ރަށަށާއި ޤައުމަށް ހެޔޮގޮތްތައް ހޯދައިދިނުމަށް، އިންތިޚާބުވި ކައުންސިލަރުން މަސައްކަތް ކުރާނެ ކަމަށް އުންމީދުކުރާނެއެވެ. ނަތީޖާއަށް އިންތިޒާރުކުރާނީ ދެއްތޯއެވެ؟
އިންތިޚާބީ ނިޒާމަށް އޮތް އިތުބާރު
އިލެކްޝަންސް ކޮމިޝަނުން އަލަށް އެކުލަވާލާފައިވާ ގަވާއިދުތަކުގެ ދަށުން އިންތިޚާބު އިންސާފުވެރިކޮށް ކުރިއަށްދާ މިންވަރަކީ ރާއްޖޭގެ ޑިމޮކްރަސީގެ ހަރުދަނާކަން ދައްކައިދޭނެ ކަމެކެވެ. ކޮންމެ އިންތިޚާބަކާ ގުޅިގެން ވެސް ތަފާތު ވާހަކަތައް ދެކެވޭނެއެވެ. ހިތްހަމަޖެހޭ ބަޔަކު ތިބޭ ފަދައިން، އިންތިޚާބުގެ ކަންކަމާ މެދު ހިތްހަމަނުޖެހޭނެ ބަޔަކު ވެސް ތިބޭނެއެވެ. އެއީ އެކަން ވާނޭ ވެސް ގޮތެވެ.
އިއްޔެ ނެގި ވޯޓުތަކަކީ ހަމައެކަނި ކައުންސިލަރުން ހޮވުމެއް ނޫނެވެ. އެއީ ރައްޔިތުންގެ ބާރުވެރިކަން ވަޒަންކުރާނެ، އަދި ކުރިއަށް އޮތް ފަސް އަހަރުގެ މުޅި ރާއްޖެއާއި ރަށު ފެންވަރުގެ ތަރައްޤީގެ ކުރެހުން ކުރަހައިދޭނެ ތާރީޚީ ދުވަހެކެވެ. މި ދުވަހުގެ ނިންމުމަކީ ރާއްޖޭގެ ސިޔާސީ މަޝްރަޙަށް ބޮޑު ބަދަލެއް ގެންނާނެ ކަމެއް ކަމަށް ލަފާކުރެވެ އެވެ. އަލަށް އިންތިޚާބުވީ ހުރިހައި ފަރާތްތަކަށް ތަހުނިޔާކިޔަމެވެ.