އެއްވެސް ތަފާތުކުރުމެއްނެތި ހުރިހާ ކައުންސިލްތަކަކާއެކު ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ކާމިޔާބު ކުރެއްވި ހުރިހާ ބޭފުޅުންނަށް މަރުޙަބާ ދަންނަވާފައެވެ.
އަލަށް އިންތިޚާބު ކުރެވޭ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ރައްޔިތުންގެ ބައިވެރިވުމާއި ޝާމިލުވުން އިތުރުކޮށް، ރައްޔިތުންނާއި ގާތުން އުންމީދީ، ޒިންމާދާރު މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ވަނީ އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ކައުންސިލްތަކާއެކު، ގުޅިގެން މަސައްކަތް ކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާފައެވެ. އަދި އަލަށް ހުވާކުރާ ކައުންސިލްތަކާއެކު ލާމަރުކަޒީ ނިޒާމަށް އިތުރު ދިރުމެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
އިއްޔެ ބޭއްވި ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން، ރާއްޖޭގެ ބޮޑެތި އާބާދީތަކުގެ މެޖޯރިޓީ ގޮނޑިތައް ކާމިޔާބުކޮށްފައި ވަނީ އިދިކޮޅު އެމްޑީޕީންނެވެ. އެގޮތުން މާލެއާއި އައްޑުއާއި ފުވައްމުލަކާއި ކުޅުދުއްފުށްޓާއި ތިނަދޫގެ މޭޔަރުކަމުގެ ގޮނޑި ވެސް މިހާރު އެ މަގާމުތަކުގައި ތިއްބަވާ އެމްޑީޕީގެ ފަސް މޭޔަރުން ވަނީ ދިފާއުކުރައްވައިފައެވެ.
ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީއާއި އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއާއި ކުޅުދުއްފުށީ ސިޓީއާއި ތިނަދޫ ސިޓީން 14 ކެންޑިޑޭޓުން މޭޔަރު ކަމަށް ވާދަކުރެއްވިއެވެ.
މިއީ ސަރުކާރަށް ލިބުނު ވަރަށް ބޮޑު ނާކާމިޔާބީއެކެވެ. ވެރިކަމަށް ދެއަހަރާއި ދުވަސްކޮޅެއް ވެފައިވާއިރު، މިއީ ސަރުކާރަށް ލިބުނު ދެރައެކެވެ.