ވަގުތީ ނަތީޖާ: މުޅި މާލޭގެ 36 ގޮނޑީގެ ތެރެއިން 35 ގޮނޑި އެމްޑީޕީއަށް

އެމްޑީޕީން ހޯދި ކާމިޔާބީ ފާހަގަ ކުރުމަށް މޭޔަރު އާޒިމާއި އެމްޑީޕީގެ ގޮނޑިތައް ކާމިޔާބު ކުރި މެންބަރުން-- ސަން ފޮޓޯ: ހާފިޒް

އިއްޔެ ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ވެރިކަންކުރާ މާލޭ ސިޓީގެ 37 ގޮނޑީގެ ތެރެއިން 35 ގޮނޑި ވަނީ އިދިކޮޅު އެމްޑީޕީއިން ކާމިޔާބުކޮށްފައެވެ. މީގެ ތެރޭގައި މޭޔަރުކަމާއި، ސިޓީ ކައުންސިލްގެ ގިނަ ގޮނޑިތައް ހިމެނެއެވެ. ސަރުކާރަށް ކާމިޔާބުކުރެވުނީ ހަމައެކަނި ވިލިމާލޭގެ ގޮނޑިއެވެ. މީގެ އިތުރުން މައި ދެ އިންތިޚާބު އެއްކުރުމަށް ނެގުނު ފެންނަ ނުފެންނަ ވޯޓުގައިވެސް މާލޭގެ ރައްޔިތުން ނިންމާފައިވަނީ ސަރުކާރާ ދެކޮޅަށެވެ. މިއީ ވަގުތީ ނަތީޖާ ކަމުގައި ވިޔަސް، ދާއިމީ ނަތީޖާއަށް ބޮޑު ބަދަލެއް އަންނާނެކަމަކަށް ނުބެލެވެއެވެ.

  • މާލޭގެ 37 ގޮނޑީގެ ތެރެއިން 35 ގޮނޑި އެމްޑީޕީއިން ކާމިޔާބުކުރުން
  • މާލޭގެ މޭޔަރުކަން އާދަމް އާޒިމް ބޮޑު ތަފާތަކުން ދިފާއުކުރުން
  • ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުކަން އެމްޑީޕީއަށް ލިބުން
  • ދެ އިންތިޚާބު އެއްކުރުމާ ދެކޮޅަށް މާލޭގެ ރައްޔިތުން ވޯޓުދިނުން

އިއްޔެ ބޭއްވި ބޮޑު އިންތިޚާބުގެ ގިނަ ނަތީޖާތަކެއް މިހާރު ލިބިފައިވާއިރު, ވަގުތީ ނަތީޖާ ދައްކާގޮތުން, ވެރިކަން ކުރާ މާލޭގެ 36 ގޮނޑީގެ ތެރެއިން 35 ގޮނޑި އެމްޑީޕީއިން ކާމިޔާބު ކޮށްފިއެވެ.

ވަގުތީ ނަތީޖާއިން ދައްކާގޮތުން 13,670 އަށް ވުރެން ގިނަ ވޯޓާއެކު މޭޔަރުގެ މަގާމު ދިފާއު ކުރެއްވީ މިހާރުގެ ވެސް މޭޔަރު އާދަމް އާޒިމެވެ. އޭނާއާ ވާދަ ކުރެއްވި ސަރުކާރުގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލާއި އާޒިމް ހޯއްދެވި ވޯޓުގެ ތަފާތު ވަރަށް ބޮޑެވެ.

މާލޭގެ އެކި އަވަށްތަކުން ކައުންސިލަށް ހޮވާ 17 މެންބަރުންގެ ގޮނޑިއަށް ބަލާއިރު މިހާތަނަށް ލިބުނު ނަތީޖާއިން ސަރުކާރަށް ލިބެނީ ވިލިމާލެ ގޮނޑި އެކަންޏެވެ. އަނެއް 16 ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީންނެވެ.

https://www.sun.mv/220142

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ 18 ގޮނޑިއަށް ބަލާއިރު ވެސް ވިލިމާލެ ފިޔަވާ އަނެއް 16 ދާއިރާ އާއި އެ ކޮމެޓީގެ ރައީސްގެ މަގާމު ގޮނޑި ވެސް ކާމިޔާބު ކުރީ އެމްޑީޕީންނެވެ.

މައި ދެ އިންތިޚާބު އެއް ކުރުމާމެދު ނެގި ފެންނަ ނުފެންނަ އިންތިޚާބުގައި ވެސް ސަރުކާރަށް މާލޭގެ ގިނަ ރައްޔިތުން ބުނީ ނޫނެކޭއެވެ.

އިއްޔެ ބޭއްވި އިންތިޚާބުގައި އެމްޑީޕީން ވަނީ މި އިންތިޚާބަށް ބޮޑެތި ހަރަދުތަކެއްކުރި ސަރުކާރުގެ މައްޗަށް ކުރި ހޯދައިފައެވެ. އެގޮތުން ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުގެ މަގާމާއި އެ ފަސް ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ރައީސްކަން ވެސް އެމްޑީޕީން ކާމިޔާބު ކުރިއެވެ.

މިއީ އަދި ވަގުތީ ނަތީޖާއެވެ. އެއްކޮށް ޔަގީން ވާނީ އިލެކްޝަންސް ކޮމިޝަނުން ދާއިމީ ނަތީޖާ އިއުލާން ކުރުމުންނެވެ. ނަމަވެސް މިހާތަނަށް ލިބިފައިވާ ނަތީޖާ ތަކުގެ ތަފާތަށް ބަލާއިރު މާ ބޮޑު ބަދަލެއް ރަސްމީ ނަތީޖާއަށް އަންނާނެ ކަމަކަށް ނުބެލެވެއެވެ.

comment ކޮމެންޓް