އެމެރިކާގެ މޭޖަރ ލީގު ސޮކާގައި ކުޅެމުންއަންނަ އިންޓަރ މިއާމީގެ އައު ދަނޑު ކަމަށްވާ ނިއު ސްޓޭޑިއަމުގައި އެ ކުލަބު ކުޅުނު ފުރަތަމަ މެޗުގައި ލިއޮނަލް މެސީގެ ލަނޑާއެކު އެއްވަރުވެއްޖެއެވެ.
ގާތްގަނޑަކަށް 26،000 ސަޕޯޓަރުންގެ ޖާގަ ހިމެނޭ މި ސްޓޭޑިއަމް ހުޅުވުމުގެ ގޮތުން އޮސްޓިން އެފްސީއާ ދެކޮޅަށް ކުޅުނު މި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
މިއީ މިއާމީގައި ދާއިމީ ހޯމް ދަނޑެއް ބިނާކުރުމަށް ކްލަބުގެ ކޯ އޯނަރު ޑޭވިޑް ބެކަމް ފާއިތުވި 13 އަހަރު ކުރި ބުރަ މަސައްކަތުގެ ފޮނި ނަތީޖާއެވެ.
މެޗު ފެށުމުގެ ކުރިން ބޭއްވި ރިބަން ކެނޑުމުގެ ރަސްމިއްޔާތުގައި ބެކަމްއާއި މެނޭޖިން އޯނަރު ޖޯޖް މާސް ބައިވެރިވެވަޑައިގެންނެވިއިރު، ބެކަމް ބުނެފައިވަނީ މިއީ އޭނާ އެމެރިކާއަށް އައި ދުވަހުއްސުރެ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށްވުން ފަދަ ކަމެއް ކަމަށެވެ.
މެޗުގެ ފެށުން މިއާމީއަށް ދިޔައީ ހީކުރި ގޮތަކަށް ނޫނެވެ. މެޗުގެ 6 ވަނަ މިނެޓުގައި އޮސްޓިންގެ ފަކުންޑޯ ޓޮރޭޒް ނަގައިދިން ކޯނަރަކުން ގުއިލްހާމް ބީރޯ ވަނީ ބޮލުން ފޮނުވާލި ހަމަލާއަކުން ލަނޑު ޖަހައި އޮސްޓިންއަށް ލީޑު ނަގައިދީފައެވެ.
ނަމަވެސް، މިއާމީގެ ސަޕޯޓަރުން މާޔޫސްވިޔަނުދީ، މެޗުގެ 10 ވަނަ މިނެޓުގައި ލިއޮނަލް މެސީ ވަނީ ނަތީޖާ އެއްވަރުކޮށްދީފައެވެ. ކަނާތް ފަރާތުން އިއާން ފްރޭ ނަގައިދިން ހުރަހެއް، މެސީ ވަނީ ވަރަށް ހުސިޔާރުކަމާއެކު ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

ލަނޑު ޖެހުމަށްފަހު މެސީއާއި ސުއަރޭޒް--
މިއީ އައު ސްޓޭޑިއަމްގައި ޖެހި ފުރަތަމަ ރަސްމީ ލަނޑެވެ. މިއަށްފަހު މިއާމީއިން މެޗު ކޮންޓްރޯލްކޮށް ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް، ފުރަތަމަ ހާފު ނިމުނީ އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައި އޮސްޓިންއިން އަނެއްކާވެސް ލީޑު ހޯދިއެވެ. މިއާމީގެ ހާފުގެ ތެރެއިން މެސީ އަތުން ބޯޅަ ގެއްލުމާއެކު، އޮސްޓިންގެ ޖޯސެފް ރޮސާލްސް އުފެއްދި ކައުންޓަރ އެޓޭކެއްގައި ޖޭޑަން ނެލްސަން ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ.
މެޗުން ބަލިވާން ދަނިކޮށް، މިއާމީގެ ކޯޗު ހާވިއޭ މަޝެރާނޯ ވަނީ 73 ވަނަ މިނެޓުގައި ތަޖުރިބާކާރު ފޯވާޑް ލުއިސް ސުއަރޭޒް ކުޅެން އަރުވާފައެވެ. ސުއަރޭޒް ކުޅެން އެރިތާ 8 މިނެޓު ތެރޭގައި، މެސީ ނަގައިދިން ކޯނަރެއްގެ އެހީގައި ވަނީ ލަނޑު ޖަހައި މެޗުގެ ނަތީޖާ 2-2 އަށް ބަދަލުކޮށްފައެވެ.
މެޗުގެ ފަހު ވަގުތު ސުއަރޭޒް އިތުރު ލަނޑެއް ޖެހި ނަމަވެސް، އޮފްސައިޑްވުމުގެ ސަބަބުން އެ ލަނޑު ބަލައިގަނެފައެއް ނުވެއެވެ.