ވިލިނގިލީ ސްކޫލް ބްލޮކެއް އެނދުން: މިނިސްޓްރީން ފޮނުވި ފޮތްތަކާއި ލެޕްޓޮޕްތަކާއެކު، ކިޔެވުން ފަށަން ތައްޔާރުވެއްޖެ

ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ރޯވި އަލިފާން ނިވާލުމަށް އެމްއެންޑީއެފުން ހަރަކާތްތެރިވަނީ: ސްމާޓް ކްލާސްރޫމެއްވެސް ހިމެނޭ ސްޓާފްރޫމް ބްލޮކެއް އަނދައިގެން ދިޔަ ނަމަވެސް، ދަރިވަރުންނާއި ޓީޗަރުންނަށް ދަތިނުވާނެހެން އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް --- ފޮޓޯ: އެމްއެންޑީއެފް

ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ ސްކޫލުގެ ޕްރައިމަރީ ޓީޗަރުންގެ ސްޓާފްރޫމާއި، ޕްރިންޓިން ރޫމް އަދި ސްމާޓް ކްލާސްރޫމެއް ވަނީ އަނދައިފައެވެ. ނަމަވެސް މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުލިބެއެވެ. ސްކޫލުގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހަމަޖައްސަވާފައެވެ. އެގޮތުން ސްކޫލަށް ބޭނުންވާ މެޝިނަރީ، ލެޕްޓޮޕް އަދި ދަރިވަރުންގެ އައު ފޮތްތައް ފޮނުވުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާއިރު، އާންމު އުސޫލުން ކިޔެވުން ފެށުމަށް ސްކޫލުން ވަނީ ތައްޔާރުވެފައެވެ.

  • ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ސްޓާފްރޫމާއި ޕްރިންޓިން ރޫމް އެނދުން
  • އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ ގެއްލުމެއް ލިބިފައި ނުވުން
  • ދަރިވަރުންނަށް ބޭނުންވާ އައު ފޮތްތަކާއި ޓީޗަރުންނަށް ބޭނުންވާ ލެޕްޓޮޕް މިނިސްޓްރީން ފޮނުވުން
  • ސްކޫލުގެ ކްލާސްރޫމްތަކަށް ގެއްލުމެއް ނުވާތީ އާންމު އުސޫލުން ކިޔެވުން ކުރިއަށްދާނެކަން ކަށަވަރުވުން

ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ސްޓާފް ރޫމް ބްލޮކް ބޭނުންނުކުރެވޭ ވަރަށް އެނދި ނަމަވެސް، ދަރިވަރުންނަށާއި ޓީޗަރުންނަށް ދަތިނުވާ ގޮތަށް އިންތިޒާމުތައް ހަމަޖައްސާނެ ކަމަށާއި، އަންގާރަ ދުވަހު ސްކޫލު ހުޅުވުމަށްފަހު އާންމު އުސޫލުން ކިޔެވުން ކުރިއަށްދާނެ ކަމަށް، އެޑިއުކޭޝަން މިނިސްޓްރީންނާއި، އެ ސްކޫލުން ބުނެފިއެވެ.

ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ހުކުރު ދުވަހުގެ ދަންވަރު 12:15 ހާއިރު ރޯވެ، ހިނގި އަލިފާނުގެ ހާދިސާގައި އެ ސްކޫލުގެ ޕްރައިމަރީ ޓީޗަރުންގެ ސްޓާފްރޫމާއި، ޕްރިންޓިން ރޫމާއި އެއް ސްމާޓް ކްލާސްރޫމު ވަނީ އަނދައިފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއްނުވެއެވެ.

އެމްއެންޑީއެފުން ބުނީ، ދަންވަރު 1:26 ހާއިރު އަލިފާން ކޮންޓްރޯލްކުރުމަށް ފަހު، އަލިފާން ނިވާލެވުނީ 2:50 ހާއިރު ކަމަށެވެ.

https://sun.mv/220088

މިއަދު 'ސަން'އިން ސުވާލުކުރުމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ހުރި ޖާގަ ބޭނުންކޮށް، ކުރިން ބޭނުންކުރަމުން އައި ޓީޗަރުންގެ ރިސޯސް އިމާރާތުގައި ސްޓާފް ރޫމާއި ޕްރިންޓިން ރޫމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ގޮތް އިންތިޒާމުކޮށްފައިވާ ކަމަށެވެ. އެ އިންތިޒާމުތަކާއެކު، އެއްވެސް ޓީޗަރަކަށް ބުރަނުވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

"ދެން މިހާރު އަޅުގަނޑު ވާނީ މިނިސްޓްރީގެ ކަމާގުޅުންހުރި ޔުނިޓުތައް ގުޅިގެން މަސައްކަތްކޮށް، އެ ތަނަށް ބޭނުންވާ މެޝިނަރީއާ އެ ހުރިހާ އެއްޗެހިވެސް ސްކޫލު ހުޅުވެން ވާއިރަށް ފޮނުވަން ދަންނަވައިފަ، މިހާރު އެ މަސައްކަތް ހިނގަމުން އެބަދޭ،" ޝަފީޢު ވިދާޅުވިއެވެ.

އަތޮޅު ތައުލީމީ މަރުކަޒަށް ބޭނުންވާ ތަކެތި، މިނިސްޓްރީން ފޮނުވުން -- ފޮޓޯ/ ގއ. އަތޮޅު ތައުލީމީ މަރުކަޒު

އެ ސްކޫލަށް ބޭނުންވާ ޕްރިންޓިން މެޝިނުތަކާއި ފޮޓޯކޮޕީ މެޝިނާއި ކޮމްޕިއުޓަރުތަކާއި، ސްޓާފް ރޫމުގައި ހުރި ދަރިވަރުންގެ ފޮތްތަކުގެ ތެރެއިން އެނދި ފޮތްތަކުގެ ބަދަލުގައި އައު ފޮތްތަކެއް ފޮނުވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް، އޭނާ ވިދާޅުވިއެވެ.

"އަނެއްހެން އިރާދަކުރެއްވިއްޔާ އުނދަގުލެއްނުވާނެ ފަދަ ގޮތަކަށް އިންތިޒާމުތައް ކުރެވި ކަންކަން ފަހިކުރެވޭނެ،" ޝަފީޢު ވިދާޅުވިއެވެ.

ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ތަމްޙީދު އިއްޔެ ވިދާޅުވިގޮތުގައި، ކްލާސްރޫމުގެ ޖާގަތަކުގައި އެއްވެސް މައްސަލައެއް ނެތެވެ. އެއާއެކު، ޕްރިންޓިން ރޫމަށް ތަނެއް ތައްޔާރުކޮށްފައިވާ ކަމަށް، ތަމްޙީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި އެންމެ އަވަހަށް ވިލިނގިއްޔަށް އަންނަ ބޯޓަކުން، ޕްރިންޓިން ރޫމަށް ބޭނުންވާ ސާމާނު އަންނާނެއެވެ. މިހާރު ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތަކާއި މޮނީޓަރު ފޮތްތައް ހަމަޖެހިފައިވާ ކަމަށާއި، ޓީޗަރުންނަށް ދެ ލެޕްޓޮޕާއި ލީޑިން ޓީޗަރުންނަށް އައު ސިސްޓަމްތަކެއް ހަމަޖައްސައިފައިވާ ކަމަށް، ވިދާޅުވިއެވެ.

ތަމްޙީދު ވިދާޅުވީ، ވަކިވަކިން ހުރިހާ ކަމެއް ފުރިހަމަވެއްޖެ ކަމަށެވެ.

އަލިފާނުގެ ހާދިސާގެ ސަބަބުން، ބައެއް ޓީޗަރުން ސްޓާފްރޫމްގައި ބަހައްޓައިފައި ހުރި ލެޕްޓޮޕްތަކާއި، ކޮމްޕިއުޓަރުތަކަށް ގެއްލުންވެ، ދަރިވަރުންނަށް ކިޔަވައިދޭން ބޭނުންކުރާ ބައެއް ސޮފްޓް ފައިލްތައް ގެއްލިފައިވާ ކަމަށް، ތަމްޙީދު ވިދާޅުވިއެވެ.

comment ކޮމެންޓް