އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ކަނޑުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ގުޅުން ބަދަހިކުރުމަށް އިންޑިއާ ނޭވީން އިސްނަގައިގެން ފެށި "އިންޑިއަން އޯޝަން ޝިޕް" (އައިއޯއެސް) އިނީޝިއޭޓިވްގެ ދަށުން ކުރިއަށްގެންދާ "ސާގަރު 2026" ގެ ބައިވެރިން ރާއްޖެއަށް ކުރި ޒިޔާރަތް ނިންމާލުމަށްފަހު ފުރައިފިއެވެ.
އިންޑިއާގެ މަނަވަރު "އައިއެންއެސް ސުނޭނާ" ގައި ކުރިއަށްގެންދިޔަ މި ދަތުރުގެ ބައިވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުން އިއްޔެގެ ނިޔަލަށެވެ. މިއީ 50 ދުވަހުގެ މުއްދަތަކަށް އިންޑިއާ ނޭވީން ފަށާފައިވާ ބޮޑު އޮޕަރޭޝަނެއްގެ ދަށުން އެ މަނަވަރު ބަނދަރުކުރި ފުރަތަމަ ބައިނަލްއަގުވާމީ މަންޒިލެވެ.
މި ދަތުރުގައި 16 ގައުމަކުން 39 ސިފައިން ބައިވެރިވާއިރު، އޭގެ ތެރޭގައި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) ގެ ދެ ސިފައިންވެސް ހިމެނެއެވެ.

މި ޒިޔާރަތުގައި ތަޖުރިބާތައް ބަދަލުކުރުމާއި، ކަނޑުމަތީގައި ކުރިމަތިވާ މެރިޓައިމް ގޮންޖެހުންތަކާ ކުރިމަތިލުމަށް ތަފާތު ތަމްރީނުތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ތަމްރީނުތަކުގެ މައިގަނޑު މަގުސަދަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވާ ގައުމުތަކުގެ ކަނޑުގެ ސިފައިން ގުޅިގެން މަސައްކަތްކުރުމުގެ ގާބިލުކަން އިތުރުކުރުމެވެ.
މި ޒިޔާރަތުގެ ތެރެއިން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަމް ވަނީ މިދިޔަ ހޯމަ ދުވަހު މަނަވަރަށް ޒިޔާރަތްކުރައްވައި، ފަޅުވެރިންނާ ބައްދަލުކުރައްވާފައެވެ.
"ސާގަރު 2026" އަކީ އިންޑިއާގެ "ނޭބަހުޑް ފަސްޓް" ސިޔާސަތާއި "މަހާސާގަރު" ތަސައްވުރުގެ ދަށުން، އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ. މި އަހަރުގެ ފެބްރުއަރީ މަހު އިންޑިއާ ނޭވީން ވަނީ އިންޑިއަން އޯޝަން ނޭވަލް ސިމްޕޯޒިއަމް (އައިއޯއެންއެސް) ގެ ރިޔާސަތާ ހަވާލުވެފައެވެ. އެހެންކަމުން، މިފަހަރުގެ ދަތުރުގައި އައިއޯއެންއެސްގައި ހިމެނޭ 16 ގައުމެއްގެ މަންދޫބުން ބައިވެރިވުމަކީ މި ހަރަކާތަށް ލިބުނު އިތުރު ފުރިހަމަކަމެއް ކަމަށް އިންޑިއާގެ ދިފާއީ ވުޒާރާއިން ފާހަގަކުރެއެވެ.