އައްޑޫގައި ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި، ޕެޓްރޯލް ލީޓަރެއް 24 ރުފިޔާއަށް

އައްޑޫގައި ޕެޓްރޯލް ވިއްކާ ސްޓޭޝަނެއް: އެ ސިޓީގައި ޕެޓްރޯލާއި ޑީސަލްގެ އަގު ވަނީ ބޮޑުވެފައި --- ފޮޓޯ/ އައްޑޫ ލައިވް

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތެލުގެ އަގަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން އައްޑޫ ސިޓީގައި ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު ވަނީ ރެކޯޑު މިންވަރަކަށް ބޮޑުކޮށްފައެވެ. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ ސަޕްލައިއަށް ބުރޫއަރާފައިވާއިރު، ރާއްޖެ ހިމެނެނީ ތެލުގެ އަގު އެންމެ ބޮޑަށް އުފުލުނު ގައުމުތަކުގެ ތެރޭގައެވެ. ނަމަވެސް އެސްޓީއޯއިން ބުނެފައިވަނީ ރާއްޖެއަށް ތެލުގެ ދަތިކަން ނެތް ކަމަށާއި އައު ޝިޕްމަންޓްތައް ލިބެމުންދާ ކަމަށެވެ. އަދި ސަރުކާރުން ވަނީ ތެޔޮ ހޯދުމަށް އިންޑިއާގެ އެހީއަށް އެދިފައެވެ.

  • އައްޑޫ ސިޓީގައި ޕެޓްރޯލް ލީޓަރެއްގެ އަގު 24.22 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއް 31.34 ރުފިޔާއަށް ވަނީ ބޮޑުވެފައި
  • މި ބަދަލު އައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ ސަޕްލައިއަށް ބުރޫއަރައި އަގު އުފުލުމާ ގުޅިގެން
  • ރާއްޖެ ހިމެނެނީ ދުނިޔޭގައި ތެލުގެ އަގު އެންމެ ބޮޑަށް އުފުލުނު ދިހަ ގައުމުގެ ތެރޭގައި
  • އަގު ބޮޑުވި ނަމަވެސް ރާއްޖެއަށް ތެލުގެ ދަތިކަމެއް ނެތްކަމުގެ ޔަގީންކަން އެސްޓީއޯއިން ދިނުން
  • ތެލުގެ ސަޕްލައި ކަށަވަރުކުރުމަށް ސަރުކާރުން ވަނީ އިންޑިއާގެ އެހީތެރިކަމަށް އެދިފައި

އައްޑޫ ސިޓީގައި ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު މިއަދު ބޮޑުކޮށްފިއެވެ.

'ސަން'އަށް އެނގިފައިވާ ގޮތުގައި، ހެނދުނުން ފެށިގެން އެ ސިޓީގައި ޕެޓްރޯލް ލީޓަރެއް ލިބެނީ، 24.22 ރުފިޔާއަށެވެ. ނަމަވެސް، މީގެކުރިން ޕެޓްރޯލް ލީޓަރެއް އައްޑޫގައި 18.56 ރުފިޔާ ލިބެއެވެ.

އޭގެއިތުރަށް، ޑީސަލް ލީޓަރެއް ވިއްކާ އަގު ވެސް އެ ސިޓީގައި ވަނީ 31.34 ރުފިޔާއަށް ބޮޑުކޮށްފައެވެ. ކުރިން ޑީސަލް ލީޓަރެއް ދިޔައީ 19.77 ރުފިޔާއަށް ވިއްކަމުންނެވެ.

އައްޑޫގައި ޕެޓްރޯލްގެ އަގު އުފުލުނުއިރު، މިދިޔަ ފެބްރުވަރީ މަހު އީރާނާ ދެކޮޅަށް އިސްރާއީލާއި އެމެރިކާއިން ފެށި ހަނގުރާމައާ ގުޅިގެން ފާއިތުވި ދުވަސްތަކުގައި ތެލުގެ ސަޕްލައިއަށް ބުރޫއަރައި، އަގުތައް ވަނީ އުފުލިފައެވެ.

މީހަކު ޕެޓްރޯލް އަޅަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެހެންވެ، ދުނިޔޭގެ 85އަށް ވުރެ ގިނަ ގައުމުތަކުގައި ތެލުގެ އަގު ބޮޑުވިއިރު، ތެލުގެ އަގު އެންމެ ބޮޑަށް އުފުލުނު ދިހަ ގައުމުގެ ތެރޭ ރާއްޖެ ހިމެނެއެވެ. މި ދަނޑިވަޅުގައި އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ އެފްއެސްއެމުން ވަނީ، އެ ކުންފުނިން ވިއްކާ ތެލުގެ އަގު 18 އިންސައްތަ އާއި 26 އިންސައްތައާ ދެމެދުގެ މިންވަރަކަށް ބޮޑުކޮށްފައެވެ.

އެގޮތުން ބައެއް ރަށްރަށުގައި ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ވަނީ ރެކޯޑު މިންވަރަކަށް ބޮޑުވެފައެވެ.

https://sun.mv/219563

އެސްޓީއޯއިން ބުނީ، ރާއްޖެއަށް އެތެރެކުރާ ތެލުގެ ދަތިކަން މިވަގުތަށް ނެތް ކަމަށެވެ. ބާޒާރުގައި ތެލުގެ އަގު އުފުލުނު ކަމުގައިވިޔަސް ތެލުގެ އައު ޝިޕްމަންޓެއް ލިބިފައިވާ ކަމަށާއި، އިތުރު ޝިޕްމަންޓެއް ރާއްޖެ އައުމުގެ މަގުމަތީގައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ

ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ މާކެޓުތަކަށް ބުރޫ އަރާފައިވާ މި ދަނޑިވަޅުގައި ރާއްޖެއަށް ތެޔޮ ހޯދުމަށް އިންޑިއާގެ އެހީއަށް ސަރުކާރުން ވަނީ އެދިފައެވެ

comment ކޮމެންޓް