މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރުން ފާހަގަކުރާ ކައުންޓްޑައުނާ ގުޅުވައިގެން މަޖީދިއްޔާގެ ކުރީގެ މިއުޒީޝަނުންތަކެއް އިސްނަގައިގެން ބާއްވަމުން އަންނަ މިޔުޒިކް ޝޯ "މަޖީދީ ދަންމަރު"ގެ ތިންވަނަ ޝޯ، މިމަހުގެ 28 ވަނަ ދުވަހު ބާއްވަން ހަމަޖެހިއްޖެއެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ބާއްވާ ޝޯ ވެސް އޮންނާނީ އޮލިމްޕަހުގައެވެ.
މި ޝޯގެ ގެސްޓް އާޓިސްޓުންގެ ގޮތުގައި، އަމީނިއްޔާގެ ކުރީގެ ބައެއް ދަރިވަރުން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ޚާއްސަ ގެސްޓް އެޕިއަރެންސްގެ ގޮތުގައި 'ވަރުތަ' އާއި 'ބުންޒީލަ'ގެ ބޮޑުބެރު އައިޓަމްތައް ވެސް މި ޝޯގައި ފެނިގެންދާނެއެވެ.
މި ސިލްސިލާގެ ފުރަތަމަ ޝޯ ބާއްވާފައިވަނީ 2024 ވަނަ އަހަރުގެ ޖުލައި މަހެވެ. އަދި ދެވަނަ ޝޯ ބާއްވާފައި ވަނީ މިދިޔަ އަހަރުގެ ފެބަރުއަރީ މަހުގެ 16ގައެވެ.
މި ސިލްސިލާގެ ތިންވަނަ ޝޯ މިމަހުގެ 28ގައި ބާއްވަން ހަމަޖެހިފައިވާއިރު، މާދަމާއިން ފެށިގެން ޓިކެޓު ގަނެވޭނެއެވެ.

މަޖީދީ ދަންމަރުގެ 3 ވަނަ ޝޯ މިމަހު 28ގައި ބާއްވަނީ --
މި ޝޯގެ ޓިކެޓް ބުކްކުރުމަށް ގުޅާނެ ނަންބަރަކީ 7727264 އެވެ. ޓިކެޓު ބުކްކުރެވޭނީ ހެނދުނު 10:00އިން މެންދުރު 12:00އަށް އަދި މެންދުރުފަހު 14:00އިން ހަވީރު 17:00 އާ ދެމެދުއެވެ.
ބުކްކުރާ ޓިކެޓު ދޫކުރާނީ އޮލިމްޕަހުގެ ކައުންޓަރުންނެވެ. ޓިކެޓު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 20:30އިން 22:30 އަށެވެ.
މި ޝޯގެ ޓިކެޓު، އެކި އަގުތަކަށް ލިބެން އެބަހުއްޓެވެ. އެންމެ އަގުހެޔޮކޮށް 150 ރުފިޔާއަށް ޓިކެޓެއް ލިބެންހުރިއިރު، 200 ރުފިޔާ، 300 ރުފިޔާ އަދި 500 ރުފިޔާއަށް ވެސް ޓިކެޓު ލިބެން އެބަހުއްޓެވެ. މިއީ އެކި ކެޓަގަރީތަކުގެ ޓިކެޓު ވިއްކާ އަގެވެ.
މަޖީދިއްޔާ ސްކޫލަށް މިއަހަރު 99 އަހަރު ފުރޭނެއެވެ. 2027 ވަނަ އަހަރަކީ އެ ސްކޫލަށް 100 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރާނެ އަހަރެވެ.
މަޖީދީ ދަންމަރު 3 - މިޔުޒިކް ޝޯގެ މީޑިއާ ޕާޓްނަރަކީ އެސްއެސްޓީވީއެވެ. މަޖީދީ ދަންމަރުގެ ކުރީގެ ދެ ޝޯގެ ވެސް މީީޑއާ ޕާޓްނަރަކީ އެސްއެސްޓީވީއެވެ. މެއިން ސްޕޮންސަރަކީ އެޒައިޑޮން އެވެ. ޕްރޯ މޯޝަނުން އިވެންޓް މެނޭޖްކުރާއިރު ޕްރިންޓިންގ ޕާޓްނަރަކީ އެމް ސެވަން އެވެ.